Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިހާބު އޮކްޓޯބަރު 19 ގައި، 2،095 މެމްބަރުން އިންތިހާބުކުރާނެ

ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިހާބު އޮކްޓޯބަރު 19 ގައި، 2،095 މެމްބަރުން އިންތިހާބުކުރާނެ
ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިހާބު އަންނަ މަހުގެ 19 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ. ކޮންގްރެސް ޕާޓީ އެތެރޭގެ އިންތިހާބާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އެ ޕާޓީގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިންތިހާބާ ބެހޭ ކޮމިޓީގެ މެމްބަރު އަދި ހެލްތު މިނިސްޓަރު އަބްދުﷲ ޚަލީލު ވިދާޅުވީ މިއީ ޕާޓީއަކުން މިހާތަނަށް ބާއްވާނެ އެންމެ ބޮޑު އިންތިހާބު ކަމަށެވެ. މި އިންތިހާބުގައި ސްޓިއަރިން ކޮމިޓީތަކަށް މެމްބަރުންނާއި ދާއިރާތަކަށް ރައީސުންނާއި ނައިބު ރައީސުން ހޮވާނެ އެވެ. އަދި ޒުވާނުންގެ ހަރަކާތުގެ ރައީސުންނާއި އަންހެނުންގެ ހަރަކާތުގެ ރައީސާއިން އިންތިހާބު ކުރެވޭނެ އެވެ. އިންތިހާބުގައި މި މަގާމުތަކަށް 2،095 މެމްބަރުން އިންތިހާބު ކުރާނެ އެވެ.
"މިއަދު އިންތިހާބުތަކަށް ހުޅުވާލުމަށް ޓަކައި އަޅުގަނޑުމެން އެކަމަށް އިއުލާނު ކުރެވިގެންދާނެ. އިންތިހާބަށް ކުރިމަތިލުމުގެ އެންމެފަހު ސުންގަނޑިއެއް ގޮތުގައި އޮތީ 30 ސެޕްޓެމްބަރު. މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 6:00 އާ ހަމައަށް،" ޚަލީލު ވިދާޅުވި އެވެ.
އެ ވަގުތާ ހަމައަށް ޕާޓީގައި ދަފުތަރު ކުރެވޭ މީހުންނަށް އިންތިހާބުގައި ވާދަ ކުރެވޭނެ އެވެ. އަދި އެވަގުތާ ހަމައަށް ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބޭ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭނެ އެވެ. ހަލީލު ވިދާޅުވި ގޮތުގައި ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައިީސުންގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން ޕާޓީގެ ދަފުތަރު އާންމުކުރާ ހިސާބުން ދަފުތަރުގައި ނުހިމެނޭ އާ މެމްބަރުންގެ ފޯމު ހުށަހަޅަން ޖެހޭނެ ކަމުގަ އެވެ. އެގޮތުން ރައީސް ކަމަށް ވާދަކުރާ މީހުން 50 ފޯމު އަދި ނައިބު ރައީސް ކަމަށް ވާދަކުރާ 25 ފޯމު ހުށަހަޅަން ޖެހޭނެ ކަމުގަ އެވެ.
"މަގާމުތަކަށް ހޮވުމުގައި ބަލަނީ ރައްޔިތުންގެ މަޖިލިހުގެ ކޮންމެ ދާއިރާއަކަށް ނިސްބަތްވެ ވަޑައިގަންނަވާނެ ދާއިރާގެ ރައީސެއް އަދި ދާއިރާގެ ނައިބު ރައީސެއް،" ޚަލީލު ވިދާޅުވި އެވެ.
މަޖިލިހުގެ މެމްބަރުންގެ ގޮތުގައި އެ ޕާޓީ ތަމްސީލުކުރައްވާ މެމްބަރުން ތިއްބެވި ދާއިރާތަކުގެ ރައީސުންނަށް ވާނީ މެމްބަރުންނެވެ. އެ ދާއިރާތަކަށް ހޮވާނީ ނައިބު ރައީސުންނެވެ. އަދި އެ ނޫން ދާއިރާތަކަށް ރައީސުންނާއި ނައިބު ރައީސުން ހޮވާނެ އެވެ. ކޮންމެ ރަށަކާއި ސިޓީއަކުން ސްޓްއަރިން ކޮމިޓީއެއް ހޮވާއިރު، އާބާދީއަށް ބަލާނެ އެވެ. އެގޮތުން އާބާދީގައި 3،000 މީހުންނަށް ވުރެ މަދުން މީހުން ދިރިއުޅޭ ރަށްރަށުގައި ހޮވާނީ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީ އެކެވެ. އަދި 3،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ރަށްރަށުންނާއި ސިޓީތަކުގެ ދާއިރާތަކުން ކޮންމެ ދާއިރާއަކަށް ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އިންތިހާބު ކުރާނެ އެވެ.
"މި ވަގުތު ޕީޕީއެމްގެ ކައުންސިލަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ރަށްރަށުގައި. އޭގެ އިތުރުން ސިޓީ ކައުންސިލުތަކުގައި ތިއްބެވި ބޭފުޅުން، މި ކޮމިޓީގައި ޝާމިލުވެގެންދާނެ،" ޚަލީލު ވިދާޅުވި އެވެ.

އިތުރަށް ފާހަގަކުރެއްވީ:

  • އިންތިހާބުގެ ވޯޓާސް ލިސްޓް އާންމުކުރާނީ އޮކްޓޫބަރު 4 ވަނަ ދުވަހު
  • ޝަކުވާ ހުށަހަޅަން ހުޅުވާލާނީ އޮކްޓޫބަރު 8 ވަނަ ދުވަހާ ހަމައަށް، އެ ދުވަހު ފައިނަލް ލިސްޓް އާންމުކުރާނެ
  • ވޯޓު ނެގުން ކުރިއަށް ދާނީ އޮކްޓޫބަރު 19 ވަނަ ދުވަހު
  • ރަސްމީ ނަތީޖާ އިއުލާނު ކުރާނީ އޮކްޓޫބަރު 24 ދުވަހު

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް