ސިހުރުވެރިންނަށް ޓިކެޓު ނަގައިދިނީ ސައުދު ކަމަށް ބުނި މައްސަލާގައި މީޑިއާ ކައުންސިލަށް ހާޒިރުކޮށްފި
ސިހުރުވެރިންނަށް ޓިކެޓު ނެގައިދިނީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީ ކަމަށް ބުނެ ހަބަރު ލިބުނު މައްސަލާގައި "އަސްލު އެމްވީ" ގެ ވެރިން މީޑިއާ ކައުންސިލަށް ހާޒިރުކޮށްފި އެވެ.
އެ މައްސަލާގައި ޗެއާމަން އަބްދުالله އަހުމަދު މީޑިއާ ކައުންސިލަށް ހާޒިރުކުރީ މިއަދު މެންދުރުފަހު 1 ޖަހާއިރެވެ.
އެ މައްސަލައަކީ ޖުލައި 18, 2023 ގައި ލިޔެ, ޝާއިއުކޮށްފައިވާ "ގދ. ތިނަދުއަށް ގެނައި ދެ ސިހުރުވެރިން ހޯދަނީ!" ހަބަރާއި އެ މަހުގެ 23 ވަނަ ދުވަހު ޝާއިއުކުރި "ސިހުރުވެރިންކަމަށް ބުނާ ދެ މީހުންގެ ޓިކެޓް ނަގައިދިނީ ކާކުތަ?" ހަބަރުގެ މައްސަލައެކެވެ.
އެ މައްސަލައަކީ އިންޑިއާގެ ދެ ސިހުރުވެރިއެއް ކަމަށް ބުނާ އިލްޔާސް އަންސާރީ ހާލިޔަތް ކޮޔާ (34 އ) އަދި ކޮޔާ ހާލިޔަތް ހާލިދު (78 އ) ހޯދަން އިމިގްރޭޝަނުން އިއުލާނުކުރި މައްސަލައެކެވެ. އޭރު އެމީހުން ވަނީ ފުރައިގެން ގޮސްފަ އެވެ.
އެ މީހުންނަށް ޓިކެޓު ނެގި ބަޔަކާ މެދު ސުވާލު އުފެދިފައިވަނިކޮށް ޓިކެޓުތައް ސޯޝަލް މީޑިއާގައި ދައުރުވި އެވެ. އެއަށް ހަވާލާދީ އަސްލު އެމްވީގެ ހަބަރުގައި ބުނެފައިވަނީ އެ ދެ މީހުންގެ ދަތުރާއި އެހެނިހެން އިންތިޒާމުތައް ހަމަޖައްސައިދީފައިވަނީ ސައުދު ކަމަށާއި ޓިކެޓްތަކުގެ ބުކިން ވެސް ހަދާފައިވަނީ އޭނާގެ ނަމްބަރުން ކަމަށެވެ.
އެ ހަބަރުގައި ބުނެފައިވަނީ އެ ދެ މީހުން ރާއްޖެ އައިސް ތިބި މާފުށީ ގެސްޓް ހައުސްއަކީވެސް ސައުދުގެ މަސްލަހަތު އޮންނަ ތަނެއް ކަމަށެވެ.
އެ ހަބަރު ލިޔުނުތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވަނިކޮށް އެ މީހުން ހާޒިރުކޮށްފައިވަނީ ސައުދު ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.