ޚަބަރު ސަރުކާރު

އޯލެވެލް އަދި އޭލެވެލްގެ އެންމެ މޮޅު 441 ދަރިވަރުންނަށް އިނާމު ދީފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ރައީސް ދަރިވަރަކަށް އިނާމު ދެއްވަނީ / ފޮޓޯ:ރައީސް އޮފީސް

މަތީ ސާނަވީ އާއި ސާނަވީ އިމްތިހާނުތަކުން އެންމެ މަތީ ނަތީޖާ ހޯދި 441 ދަރިވަރުންގެ އަގު ގައުމީ ފެންވަރުގައި ވަޒަންކޮށް ސަރުކާރުންދޭ "މަތީ އަރުތަވެރިންގެ އިނާމު" 441 ދަރިވަރަކަށް ދީފި އެވެ.

Ads by STELCO

ދަރިވަރުންނަށް އިނާމު ދިނުމަށް އިއްޔެ ކުރިއަށްދިޔަ 2022 – 2023 ވަނަ އަހަރުގެ މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ހުރިހާ ދަންފަޅިތަކެއް ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެއީ ހެނދުނު، މެންދުރުފަސް، ރޭގަނޑުގެ ދަންފަޅިއަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ރަސްމިއްޔާތުތަކެއް ރާއްޖޭގެ ރައީސަކު ޝަރަފުވެރިކޮށްދެއްވި ފުރަތަމަ ފަހަރެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި މި ރަސްމިޔާތުގެ ތިންވަނަ ދަންފަޅީގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެ ރަސްމިއްޔާތުގައި މަތީ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން މުޅި ދުނިޔެއިން އެއް ވަނަ އަދި ގައުމީ ގަދަ 10 ގެ އެއް ވަނަ ނަތީޖާ ހޯދި ދަރިވަރުންނަށް ޓްރޮފީ އާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސް އެވެ.

މިފަހަރު އިނާމު ލިބޭ 441 ދަރިވަރުންނަށް ގައުމީ ފެންވަރުގައި ޝަރަފު ދިނުމަށް އިއްޔެ ހެނދުނުން ފެށިގެން ރެ އާ ހަމަޔަށް ކުރިއަށްދިޔަ ތިން ރަސްމިއްޔާތުގައި ވެސް ރައީސް ބައިވެރިވެވަޑައިގަތުމަކީ، ތައުލީމަށް އަދި ޒުވާން ދަރިވަރުންގެ ކުރިއެރުމަށާއި ފާގަތިކަމަށް އެމަނިކުފާނު ދެއްވާ އަހައްމިއްޔަތުގެ ހެއްކެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ހުރިހާ ދަންފަޅިތަކެއްގައި ރައީސް ބައިވެރިވެރިވެވަޑައިގެންނެވި / ފޮޓޯ:ރައީސް އޮފީސް

މީގެ ކުރީގެ އަހަރުތަކުގައި މި ރަސްމިއްޔާތު ބާއްވަމުން އައީ، ސަރުކާރުގެ ނުވަތަ އަމިއްލަ ބޮޑެތި ކުންފުނިތަކުން ސްޕޮންސަކޮށްގެންނެވެ. އަދި ދަރިވަރުންނަށް ވެސް ސްޕޮންސަރުންގެ އަތުން އިނާމު ހޯދައިގެންނެވެ.

އެހެންނަމަވެސް އެކަމަކީ ސީދާ ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ވަރަށް ރަނގަޅު ފެންވަރުގައި ކުރިއަށްދާ ރަސްމިއްޔާތެއްގެ ގޮތުގައި ހެދުމަށް ރައީސް ވަނީ މިފަހަރު ހަމަޖައްސަވާފަ އެވެ. އަދި ވަނަތަކަށް ހޮވި އިނާމު ލިބޭ ދަރިވަރުންނަށް ވެސް، ސީދާ ސަރުކާރުގެ ފަރާތުން ރަނގަޅު ފެންވަރުގެ އަދި ދަރިވަރުންނަށް ބޭނުންވާނެ އިނާމު ދެއްވުމަށް ރައީސް ވަނީ އިރުޝާދުދެއްވާފަ އެވެ.

ތައުލީމުގެ ފުރުސަތު ފަހިކޮށްދީ، ކޮންމެ ދަރިވަރަކަށް އިސްލާމްދީނާއި ރިވެތި އަހުލާގާ ގައުމިއްޔަތު އުނގަންނައިދީ، ހަރުދަނާ ދިވެހި ޖީލެއް ބިނާކުރުމަށް ރައީސް ގެންދަވަނީ ކެނޑިނޭޅި މަސައްކަތްޕުޅު ކުރައްވަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!