ބުރުނީގެ ސިއްހީ މަރުކަޒު ކުރިން ހިންގި އިމާރާތް ގެސްޓު ހައުސް ހިންގަން ދޫކުރަނީ

ތ. ބުރުނީގެ ސިއްހީ މަރުކަޒު ކުރިން ހިންގި އިމާރާތް ގެސްޓު ހައުސް ހިންގަން ދޫކުރަން ނިންމައިފި އެވެ.
ބުރުނީ ކައުންސިލްގެ ރައީސް އާދަމް މުހައްމަދު "ދެން"އަށް ވިދާޅުވީ ސިއްހީ މަރުކަޒު ކުރިން ހިންގި އިމާރާތް ބޭނުން ނުކުރާތާ މިހާރު ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެއް ބުރީގެ އެ އިމާރާތް ހުރީ ރަށުގެ ބީޗު ސަރަހައްދުގެ އެންމެ މުހިންމު ލޮކޭޝަންގައި ކަމަށާއި އެ ތަން ގެސްޓު ހައުސްއަށް ދޫކުރަން ގިނަ ފަރާތްތަކުން ދިޔައީ އެދެމުން ކަމަށެވެ.
އަދި އެ ތަނުން އެންމެ ބޮޑު ފައިދާއެއް ނެގޭނީވެސް ގެސްޓު ހައުސް ހިންގަން ދޫކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް އެ ތަން ޖެހޭނީ މަރާމާތުކޮށް ގެސްޓް ހައުސްއަކަށް ބަދަލުކުރަން ކަމަށް އާދަމް ވިދާޅުވި އެވެ.
ބާ ސިއްހީ މަރުކަޒުގެ އިމާރާތުގެ ގޯއްޗާއި އެކު ކުއްޔަށް ދިނުމަށް ކައުންސިލުން ނިންމަވާފައި ވާތީ، އެ ކަމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކުން އެ ކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ވެސް އިއްޔެ ވަނީ ހުޅުވާލައިފަ އެވެ.
އޭގެ ބީލަށް ހުޅުވުމަށް ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ ހަވަނަ ދުވަހަށެވެ.