ޚަބަރު

އެމްއެމްއޭއާއި ޗައިނާ ބޭންކް ގުޅިގެން މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދާނެ: ސައީދު 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ޗައިނާ އާއި ރާއްޖެ އާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހި ކުރަން ބާއްވާ ކޮންފަރެންސްގައި ސައީދު ވާހަކަ ދައްކަވަނީ / ފޮޓޯ:އިކޮނޮމިކް މިނިސްޓްރީ

ރާއްޖޭގެ މަރުކަޒީ ބޭންކް, މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ޗައިނާގެ މަރުކަޒީ ބޭންކް، ޕީޕަލްސް ބޭންކް އޮފް ޗައިނާއާ ގުޅިގެން މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު, މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ސައީދު މިފަދައިން ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު ކުރެވޭ ކަރަންޓް އެކައުންޓް މުއާމަލާތްތަކުގައި ދެ ގައުމުގެ ފައިސާ ބޭނުންކުރުމަށް ސޮއިކުރި އެމްއޯޔޫއާ ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްކި އިންޓަވިއުއެއްގަ އެވެ.

ސައީދު ވިދާޅުވީ އެއީ އެ އެއްބަސްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވައިގެން އަދި އެމަނިކުފާނު ޕޯޑިއަމްތަކުގައިވެސް ދައްކަވަމުން ގެންދެވި ވާހަކަފުޅެއް ކަމަށެވެ.

ރައީސްގެ ވާހަކަތަކަށް އިޝާރާތްކުރައްވަމުން ސައީދު ވިދާޅުވީ އެއީ އިގްތިސޯދީ ދާއިރާގައި އެއްގޮތަކަށް އެއް ވިސްނުމެއްގައި އަބަދު ތިބޭ ތިބުން ނިމުމަކަށް ގެނެސް, އިތުރު ދާއިރާތަކަށް ސިންދަފާތު ކުރުމާއި ޑައިވާސިފައި ކުރުން ކަމަށެވެ. އަދި އެ ދާއިރާއިން އާ ގޮތްތައް ހޯދުން ޖެހޭ ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ރައީސް މުއިއްޒުގެ ވިސްނުންފުޅާއި މަސައްކަތްޕުޅުން 9 މަސް ދުވަހުގެ ތެރޭގައި ވަރަށް ބޮޑު ކާމިޔާބިއެއް ހޯދިފައިވާ ކަމަށެވެ.

"ރައީސް ސީޖީންޕިން އަދި ރައީސް ޑރ. މުއިއްޒުގެ މި ވިޝަނަރީ މަސައްކަތްޕުޅު އިރާދަކުރެއްވިއްޔާ ދެން ޕީޕަލްސް ބޭންކް އޮފް ޗައިނާ އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގުޅިގެން ވަރަށް ބާރު ސްޕީޑްގައި ދެން ކުރިއަށްދާނެ އިނގޭތޯ."

ދެ ގައުމުގެ ދެމެދުގައި އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މި އަހަރުގެ ޖެނުއަރީ މަހު ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގަ އެވެ.

އިކޮނޮމިކް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މި އެމްއޯޔޫގެ ދަށުން ރާއްޖެ އާއި ޗައިނާ އާ ދެމެދު ކަރަންޓް އެކައުންޓް މުއާމަލާތްތަކާއި ސީދާ އިންވެސްޓްމަންޓްތައް ދެ ގައުމުގެ ފައިސާއިން ހިންގަން މަގުފަހިކޮށްދޭ އޮނިގަނޑެއް ގާއިމު ކުރެވޭނެ ކަމަށެވެ. އަދި ދެ ގައުމުގެ މެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަަމަށެވެ.

އެ މިނިސްޓްރީން ބުނީ އެ އެމްއޯޔޫގެ ދަށުން ދެ ގައުމުގެ ފައިސާއިން މުއާމަލާތް ކުރަން ފަސޭހަވާނެ ކަމަށާއި ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއިން މުދާ އިމްޕޯޓް ކުރުމަށް ފަސޭހަވާނެ ކަމަށެވެ. އަދި ދެ ގައުމުގެ ބޯޑަރު ހުރަސްކޮށް، ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!