ޚަބަރު ސަރުކާރު

ޗައިނާ އާ ދެމެދު ވެވުނު އެއްބަސްވުން ވެގެން ދާނީ ރާއްޖޭގެ އިގްތިސާދު ކުރިއާރާނެ ކަމަކަށް: ޝިޔާމް

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ޗައިނާގެ މަރުކަޒީ ބޭންކް، ޕީޕަލްސް ބޭންކް އޮފް ޗައިނާއާ އެކު ދިވެހި ސަރުކާރުން ކަރަންޓް އެކައުންޓް މުއާމަލާތްތައް ދެ ގައުމުގެ ފައިސާއިން ކުރުމަށް މަގުފަހިކުރަން އެމްއޯޔޫއެއްގައި ސޮއިކުރުން ވެގެން ދާނީ ރާއްޖޭގެ އިގްތިސާދު އިތުރުވެގެން ދާނެ ކަމެއް ކަމަށް ފިޝަރީޒް މިނިސްޓަރުު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ޗައިނާ އާ ރާއްޖެއާ ދެމެދުގައި ވެވުނު މި އެއްބަސްވުމާ ގުޅިގެން އެކްސްގައި ޝިޔާމް ކުރި ޕޯސްޓުގައި ވިދާޅުވީ މި އީ ޗައިނާއާއި އެކު އޮންނަ އިގްތިސާދީ ގުޅުން ބަދަހިކުރުމަށް ޓަކައި ސްޓްރެޓެޖިކް ހަތިޔާރަކަށް ވެސް ވެގެންދާނެ ކަމަށެވެ.

"ޗައިނާއާއެކު ވިޔަފާރީގައި ހަރަކާތްތެރިވާ ގިނަ ވިޔަފާރިތަކަކަށް ޑޮލަރުގެ ބަރޯސާވުން ކުޑަކޮށް، ލޯކަލް ކަރަންސީތަކުގައި ވިޔަފާރީގެ މުއާމަލާތްތައް ފަސޭހަކަމާއެކު ހަމަޖެއްސުމުގެ މަގު ފަހިވެގެންދޭ" ޝިޔާމް ވިދާޅުވި އެވެ.

މީގެ އިތުރުން ވިދާޅުވީ މި އެމްއޯޔޫގެ އަޒުމަކީ އިގްތިސާދުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުން ތައް ބަދަހިކުރުން ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން އިތުބާރާއި އެއްބާރުލުން ދައްކުވައިދޭ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.އަދި މިކަމުގެ ސަބަބުން އެކި ދާއިރާތަކުން މުސްތަގުބަލުގައި ގުޅުން ބަދަހިކުރުމަށް މަގު ފަހިވެގެންދާނެ ކަން ވެސް ޝިޔާމް ފާހަގަކުރި އެވެ.

މި އަހަރުގެ ޖެނުއަރީ މަހުގައި ސޮއިކުރި އެމްއޯޔޫގެ ސަބަބުން ރާއްޖެ އާއި ޗައިނާ އާ ދެމެދު ކަރަންޓް އެކައުންޓް މުއާމަލާތްތަކާއި ސީދާ އިންވެސްޓްމަންޓްތައް ދެ ގައުމުގެ ފައިސާއިން ހިންގަން މަގުފަހިކޮށްދޭ އޮނިގަނޑެއް ގާއިމު ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. އަދި ދެ ގައުމުގެ މެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަަމަށްވެސް ބުނިއެވެ.
ޗައިނާ އާއި ރާއްޖެ އާ ދެމެދު އަހަރަކު ގާތްގަނޑަކަށް 700 މިލިއަން ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތް ކުރެވެ އެވެ. މިވަގުތު ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!