ޚަބަރު ސަރުކާރު

ރާއްޖެއާއި ޗައިނާގެ ފައިސާގެ މުއާމަލާތާއެކު ފަތުރުވެރިކަން އިތުރުވާނެ: ފައިސަލް

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް

ރާއްޖޭގެ މަރުކަޒީ ބޭންކް, މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ޗައިނާގެ މަރުކަޒީ ބޭންކް، ޕީޕަލްސް ބޭންކް އޮފް ޗައިނާއާ ގުޅިގެން ފައިސާގެ މުއާމަލާތާއެކު ފަތުރުވެރިކަން ވަރަށް ބޮޑަށް އިތުރުވެގެން ދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ފައިސަލް މިހެން ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު ކުރެވޭ ކަރަންޓް އެކައުންޓް މުއާމަލާތްތަކުގައި ދެ ގައުމުގެ ފައިސާ ބޭނުންކުރުމަށް ސޮއިކުރި އެމްއޯޔޫއާ ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.

"މި އެއްބަސްވުމުގެ ސަބަބުން ޗައިނާގެ ފަތުރުވެރިންނަށް ފައިސާ ދެއްކުމުގައި ލުއިފަސޭހަތަކެއް ލިބި، ފަތުރުވެރިން އައުން އިތުރުވެ، ފަތުރުވެރިކަމުގެ ސިނާއަތާއި، ޗައިނާއާއެކު ވިޔަފާރީގެ މައްޗަށް ބަރޯސާވެފައިވާ ސިނާއަތްތަކަށް އޭގެ ފައިދާ ކުރާނެ" ފައިސަލް ވިދާޅުވި އެވެ.

މީގެއިތުރުން ފައިސަލް ވިދާޅުވީ މި ކަމުގެ ސަބަބުން ޗައިނާއާ އެކު އިގްތިސާދީ ގުޅުން ބަދަހިކުރުމަށް އެޗްއީޕީން ގެންގުޅޭ ސިޔާސަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ދެ ގައުމުގެ ދެމެދުގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މި އަހަރުގެ ޖެނުއަރީ މަހު ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގަ އެވެ.

އިކޮނޮމިކް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މި އެމްއޯޔޫގެ ދަށުން ރާއްޖެ އާއި ޗައިނާ އާ ދެމެދު ކަރަންޓް އެކައުންޓް މުއާމަލާތްތަކާއި ސީދާ އިންވެސްޓްމަންޓްތައް ދެ ގައުމުގެ ފައިސާއިން ހިންގަން މަގުފަހިކޮށްދޭ އޮނިގަނޑެއް ގާއިމު ކުރެވޭނެ ކަމަށެވެ. އަދި ދެ ގައުމުގެ މެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަަމަށެވެ.

މިނިސްޓްރީން ބުނީ އެ އެމްއޯޔޫގެ ދަށުން ދެ ގައުމުގެ ފައިސާއިން މުއާމަލާތް ކުރަން ފަސޭހަވާނެ ކަމަށާއި ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއިން މުދާ އިމްޕޯޓް ކުރުމަށް ފަސޭހަވާނެ ކަމަށެވެ. އަދި ދެ ގައުމުގެ ބޯޑަރު ހުރަސްކޮށް، ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!