ޚަބަރު

ރޭޕްގެ މައްސަލައެއްގައި ޖަލުގައި ހުރި މީހަކަށް އިތުރު ހުކުމެއް!

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ކްރިމިނަލް ކޯޓު/ ފޮޓޯ:ދެން

ރޭޕްގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ށ. މިލަންދޫ, ބުލޫހައުސް, ޔޫސުފް ހުސާމްގެ މައްޗަށް ކުރިންކޮށްފައިވާ މަސްތުވާތަކެތީގެ ދައުވާއެއް ސާބިތުވެ, 3 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

Ads by Sosun Fihaara

ރޭޕްގެ މައްސަލާގައި ހުސާމް 15 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ ޑިސެންބަރު 2022 ގަ އެވެ.

މަސްތުވާތަކެތީގެ މައްސަލާގައި ހުސާމްގެ މައްޗަށް ކޮށްފައިވަނީ ޑައިމޯފިން ބޭނުންކުރުމުގެ ކުރުމުގެ ދައުވާ އެވެ.

ހުކުމުގައި ބުނެފައިވަނީ ރ. ހެރެޓެންސް އާރަށް ރިސޯޓުގެ މުވައްޒަފަކު މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބުނީ  މޭ 18, 2019 ވަނަ ދުވަހުގެ ރޭ ގާތްގަނޑަކަށް 9:45 ގައި ކަމަށެވެ.

ފުލުހުން އެ ރަށަށް ގޮސް އެ ރިސޯޓުގެ ސެކިއުރިޓީ ރޫމަށް ދިޔައިރު ހުސާމް "ރަސްލީ" ބްރޭންޑްގެ ސުޕާރީ ފޮއްޓެއް ހިފައިގެން އިން ކަަމަށް ބުނެފައިވެ އެވެ. އަދި އެ ފޮށި އޭނާގެ ހާޒިރުގައި ބަލާ ފާސްކުރި އިރު ޑައިމޯފިން ދެ ޕެކެޓް ފެނިފައިވާއިރު އޭގެ ބަރުދަނަކީ 0.1548 ގްރާމް ކަން ހުކުމުން އެނގެ އެވެ.

އެ މައްސަލާގެ ތަހުގީގުގައި ފުލުހުން ސުވާލުކުރުމުން މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށް އިއުތިރާފުވި ނަމަވެސް ދައުވާއަށް ޖަވާބުދާރީވަމުން ޝަރީއަތުގެ މަރުހަލާގައި އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.

އެހެންކަމުން ދައުވާ ސާބިތުކުރުމަށް ދައުލަތުން 12 ހެއްކެއް ހުށަހެޅި އެވެ. އެހެންނަމަވެސް ހެކިންގެ ތެރޭގައި ހިމެނޭ ސީނަށް ދިޔަ ފުލުސް އޮފިސަރެއްގެ ހެކި ނަގަމުން ދަނިކޮށް ހުސާމް ވަނީ ދައުވާއަށް އިއުތިރާފުވެފަ އެވެ. އަދި ފެނިފައިވާ މަސްތުވާތަކެއްޗަކީ އޭނާގެ ތަކެތި ކަމަށާއި ފަރުވާގެ ފުރުސަތު ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.

އެހެންނަމަވެސް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ދައުވާ އުފުލިފައިވާ މީހުންނަށާއި ދައުވާ ސާބިތުވެ ހުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކަށް ފަރުވާގެ ފުރުސަތު ލިބިގެން ނުވެ އެވެ. ހުސާމް ދަނީ ރޭޕްގެ މައްސަލާގައި ކޮށްފައިވާ ހުކުމް ތަންފީޒުކުރަމުން ކަމަށްވާތީ ފަރުވާގެ ފުރުސަތު ދެވެން ނެތް ކަމަށް ދައުލަތުން ވެސް ފާހަގަކުރި އެވެ.

ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ އަދަބަކީ ތިން އަހަރަށް ޖަލަށް ލުން ކަމަށް ކަނޑައަޅާ, އަދަބު ކުޑަކޮށްދޭން ހުސާމް އެދުނު ނަމަވެސް އަދަބަށް ބަދަލުނުގެނެސް ގާޒީ މުުހައްމަދު ނާޝިދު މި މަހުގެ 12 ވަނަ ދުވަހު ހުކުމްކުރި އެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!