ތަސްލީމް ހޯދަން ޔެލޯ ނޯޓިސް ނެރެން އެދިއްޖެ
މާލެ އަތޮޅު ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފިނޮޅަކަށް ދަތުރު ގޮސް އުޅެނިކޮށް މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ މ. އަސަރީ ހަނދާން، ތަސްލީމު މުހައްމަދު (43އ) ހޯދަން ހޯދަން ޔެލޯ ނޯޓިސް ނެރެދޭން ފުލުހުން އެދިއްޖެ އެވެ.
އެ މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގަމުންދާއިރު ފުލުހުން މިފަދައިން ބުނީ އެ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުންނެވެ.
ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ އެ ދުވަހު މެންދުރުފަހު 1:20 ހާއިރު ކަމަށެވެ. އަދި ރިޕޯޓްކުރުމާއެކު ތަސްލީމްގެ އެއްވެސް މައުލޫމާތެއް ލިބޭތޯ ފުލުހުން މަސައްކަތް ފެށި ކަމަށް ވެސް ބުނެފައިވެ އެވެ.
ފުލުހުން ބުނީ ތަސްލީމް ހޯދުމުގެ މަސައްކަތުގައި ފުލުހުންގެ ޑައިވިން ޓީމް ފަސްގަނޑު ހިމެނޭ ސަރަހައްދު ޑައިވްކޮށްގެން ބަލާފައިވާ ކަމަށާއި އޮގަސްޓް 31, ސެޕްޓެމްބަރު 1 އަދި ސެޕްޓެމްބަރު 6 ވަނަ ދުވަހު 943,998 އަކަމީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލާފައިވާ ކަމަށެވެ.
ތަހުގީގަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އެ ދަތުރުގެ ބައިވެރިން ދަތުރަށް ފުރާފައިވަނީ 29 ވަނަ ދުވަހުގެ 5 އާއި 5:30 ދޭތެރޭގެ ވަގުތެއްގައި މާލޭގެ ދެކުނު ފަރާތު ބަނދަރުން ކަމަށް ވެސް ފުލުހުން ބުނެ އެވެ. އެ ދަތުރުގައި ތަސްލީމް ހިމެނޭހެން ޖުމްލަ 25 މީހުންނާއި ދެ ކުޑަކުދިން ބައިވެރިވެފައިވެ އެވެ.
އެ ދަތުރަކީ މީހެއްގެ އުފަންދުވަސް ފާހަގަކުރުމަށާއި އެންގޭޖްމަންޓް ޕާޓީއެއް ބޭއްވުމުގެ ބޭނުމުގައި ގޮސްފައިވާ ދަތުރެއް ކަމަށާއި ތަސްލީމް ބައިވެރިވެފައިވަނީ ދަތުރު ރޭވި މީހުންގެ ރަހުމަތްތެރިކަމުގައި ޕާޓީއަށް ތައްޔާރުކުރާ ބެކްޑްރޮޕް އަދި ލައިޓިންގެ ކަރަންޓުގެ މަސައްކަތް ކުރުމަށް ކަމަށް ފުލުހުން ބުނެ އެވެ.
ގެއްލުނު ކަމަށް ބުނާ ދުވަހުގެ ހެނދުނު ވަގުތުތަކުގައި ވެސް ތަސްލީމް ދަތުރުގެ ބައިވެރިންނާއެކު ހަރަކާތްތެރިވާ މަންޒަރު ހިމެނޭ ފޮޓޯ އާއި ވީޑިއޯ ތަހުގީގަށް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ އެންމެ ފަހުން ތަސްލީމް ފެނިފައިވަނީ އެ ދުވަހު ހެނދުނު 7:45 އާއި 9 ޖެހުމާ ދޭތެރޭގައިކަން ތަހުގީގަށް ލިބފިައިވާ މައުލޫމާތުން އެނގިފައިވާ ކަމަށެވެ.
ފުލުހުން ބުނީ ތަސްލީމް މާލެ ދާން ބޭނުންވާ ވާހަކަ ބުނެފައިވުމުން އެ ދުވަހުގެ ހެނދުނު 10 އާއި 11 އާ ދޭތެރޭ މާލެ ފުރަން އޮތް ލޯންޗުގައި ތަސްލީމް މާލެ ފޮނުވާލުމަށް އޭނާ ހޯދުމުން ފެނިފައި ނުވާ ކަމަށައި އެހެންވެ, އެހެން ލޯންޗެއްގައި މާލެ ގޮސްފައިވޭތޯ ބެލުމަށް އާއިލާއަށް އެ މީހުން ގުޅި ކަމަށެވެ.
ތަސްލީމް މާލެ ނާންނަކަމަށް އާއިލާއިން މައުލާުމާތު ދިނުމުން އޭނާ ހޯދުމުގެ މަސައްކަތް ދަތުރުގެ ބައިވެރިން ފެށިކަންވެސް ތަގުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެ ތަހުގީގުގައި ތަސްލީމާއެކު ދަތުރުދިޔަ މީހުންނާއި ސުވާލުކުރުމުގެ އިތުރުން އެ ފަސްގަނޑަށް ދަތުރު ދިޔަ އިތުރު ގުރޫޕެއްގައި ހިމެނޭ 12 މީހުންނާ ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި ތަސްލީމް ބޭނުންކުރި ފޯނާއި ލެޕްޓޮޕް ފޮރެންސިކް ތަހުލީލު ކުރުމުގެ މަސައްކަތް ފަށާއިފައިވާ ކަމަށާއި ތަސްލީމް އާއި އިތުރު ބަޔަކު ދަތުރު ދިއުމަށް ބޭނުންކުރި ދެ ލޯންޗު ބަލާފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ތަސްލީމް މާލޭގައި އާންމުކޮށް ގޮސް އުޅޭ ސަރަހައްދުތައް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ތަސްލީމްގެ އާއިލާއާ ބައްދަލުކޮށް މައުލޫމާތު ސާފުކުރުމުގެ އިތުރުން ތަހުގީގުކުރިއަށްދާ ގޮތުގެ މައުލޫމާތުވެސް އާއިލާއާ ހިއްސާކުރަމުންގެންދާ ކަމަށް ފުލުހުން ބުނެ އެވެ.