އައިއެމްއެފްގެ ޕެކޭޖަކަށް މި ވަގުތު ދާން ޖެހޭ ކަމަށް ނުބެލެވޭ: ފޮރިން މިނިސްޓަރު
ރާއްޖޭގެ އިގުތިސާދީ ހާލަތު މިވަގުތު ވަރަށް ބޮޑަށް ގޮސްވެފައި އޮތް ނަމަވެސް އައިއެމްއެފްގެ ބެއިލްއައުޓް ޕެކޭޖަކަށް މިވަގުތު ދާން ޖެހޭ ވަރުވާނެ ކަމަށް ނުބެލެވޭ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާލުވެއްޖެ އެވެ.
ދުނިޔޭގެ މަޝްހޫރު ނޫހެއް ކަަމަށްވާ "ފްރާންސް 24" ނޫހުން ވަނީ ރާއްޖޭގެ އިގުތިސާދީ ހާލަތަށް އަލިއަޅުވާލައި ރިޕޯޓެއް ގެނެސްދީފަ އެވެ.
އެ ރިޕޯޓްގައި ފޮރިން މިނިސްޓަރާ ހަވާލާދީ ބުނެފައިވާ ގޮތުން ރާއްޖެއަށް ދިމާވެފައިވާ ބަޖެޓުގެ ދަތިކަން ހައްލުކުރަން ވަނީ ޓޫރިޒަމްއާއި އެހެނިހެން ޓެކްސްތައް ވެސް އިތުރުކުރަން ވަނީ ނިންމައިފަ އެވެ.
އަދި ރާއްޖެއާ ރަހުމަތްތެރި ގައުމުތަކުން ރާއްޖޭގެ ބޭނުންތަކަށް ވަރަށް ބޮޑަށް އިސްކަންދީ އެހީތެރިކަން ދޭ ކަމަށާއި އަދި ރާއްޖޭގެ ބަޖެޓަށް މިހާރު ދަތިވެގެން އުޅޭ މައްސަލައަކީ ރީޒަވްއަށް އައި ހީނަރުކަމާއެކު ޖެހިގެން އުޅޭ ވަގުތީ މައްސަލައެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެހެން މި ދުވަސް ވަރު އައިއެމްއެފްގެ ޕެކޭޖަކަށް ދާން ޖެހޭނެކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ
މިނިސްޓަރު އިތުރަށް ވިދާޅުވީ ގެންނަން އުޅޭ ޓެކްސްގެ އިސްލާހީ ބަދަލުތަކާއި ސަރުކާރުގެ ކުންފުނިތަކަށް ގެންނަ ބަދަލުތަކާއެކު ލިކުއިޑިޓީ އިތުރުކުރެވޭނެ ކަމަށެވެ.
އައިއެމްއެފްގެ ޕެކޭޖަކަށް ދާާން ނުޖެހޭނެކަމަށް މިނިސްޓަރު ވިދާޅުވި އިރު ދުނިޔޭގެ އެންމެ ވަރުގަދަ ކްރެޑިޓް ރޭޓިން އެއް އޭޖެންސީ ކަމަށްވާ މޫޑީޒްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މިދިޔަ ހަފްތާގައި ވަނީ ދަށްކޮށްފަ އެވެ.
ރާއްޖޭގެ ރޭޓިން ދަށްކުރުމަށްފަހު މޫޑީޒްއިން ބުނީ އެ ނިންމުން ނިންމީ ރާއްޖޭގެ ދަރަނީގެ ހާލަތު ގޯސްވެ ޑިފޯލްޓްވެދާނެ ކަމުގެ ރިސްކު އިތުރުވަމުންދާތީ ކަމަށެވެ.
ހަމަ އެެެހެންމެ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި އަދި ކުރިއަށް އޮތް 12 އަދި 18 މަހުގެ ތެރޭގައި ދައްކަން ޖެހޭ ދަރަންޏާއެކު އެ އަދަދު ބޭރު ފައިސާގެ ރިޒާވްގެ އަދަދު އިތުރުވާނެ ކަމުގެ ސިގްނަލްވެސް ކުޑަ ކަމަށެވެ.