ޚަބަރު އިޖުތިމާޢީ ސަރުކާރު

ބަންކަރިންގެ ހިދުމަތް މި މަހު 19 ގައި ފަށަން ފަހުގެ ތައްޔާރީތައް ވަނީ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
އެމްޕީއެލްއިން ބަންކަރިންއަށް ގެނައި ދެވަނަ ބޯޓު--

ރާއްޖޭގައި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް އުތުރުގައި މި މަހުގެ 19 ވަނަ ދުވަހުގައި ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށް މޯލްޑިވްސް ޕޯރްޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަޖީހު ވިދާޅުވީ އެ ހިދުމަތް ފެށުމަށްޓަކައި އެސްޓީއޯއިން ރާއްޖެ ދެ ތެޔޮ ބޯޑު ގެނެސްފައިވާ ކަމަށެވެ.

ބަންކަރިންގެ މަސައްކަތް ފެށުމަށްޓަކައި، ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް ހުރި ކަމަށް ވަޖީހު ފާހަގަ ކުރެއްވި އެވެ. އަދި އިންޓަނޭޝަނަލް ގޭޓްވޭ އެއް ގޮތުގައި ކުރަންޖެހޭ ކަންކަން ކުރުމުގެ މަސައްކަތުގެ ތެރެއިން، ހއ. އުލިގަމުގައި އައިއެސްޕީ ގޭޓްގެ ނަމުގައި ގޭޓްވޭ އެއް ހާއްސަކޮށްފައިވާ ކަމަށް ވަޖީހު ވިދާޅުވި އެވެ.

"އެތާގައި މަސައްކަތް ކުރާނެ އެމްއެންޑީއެފް، އިމިގްރޭޝަން، ޕޯޓް ހެލްތް، ކަސްޓަމްސް، މި ބޭފުޅުން މަސައްކަތް ކުރައްވާނެ. މިހާރު އެގޮތުން އެ ބޭފުޅުންނަށް މަސައްކަތް ކުރެވޭނެ ހުރިހާ ޖާގައެއް ތައްޔާރުކޮށް، މިހާރު ވަނީ ވަޒީފާ އަށްވެސް މީހުން ނަގަން ރެޑީވެފަ. ދެން އޮތީ މަސައްކަތް ފެށުން." ވަޖީހު ވިދާޅުވި އެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ 19 ވަނަ ދުވަހުގައި ބަންކަރިންގެ ހިދުމަތް ފަށާއިރު، އެދުވަހު ކަސްޓަމަރުން ލިބޭނެ ކަމަށެވެ.

ވަޖީހު ވިދާޅުވީ ބަންކަރިންގެ ހިދުމަތް ފެށެން ލަސްތަކެއް ނުވާ ކަމަށެވެ. އަދި ޕްލޭންތަކާ އެއްގޮތައް މަސައްކަތް ކުރިއަށް ގޮސް މިހާރު އެންމެ ފަހުގެ ތައްޔާރީތައް ވެފައިވާ ކަމަށްވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތް ފެށުމަށް ކުރިން ތާރީހުތަކެއް ދިން ނަމަވެސް މި މަހުގެ 12 ގައި އުތުރުގައި އެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި އެ މަސައްކަތް ލަސްކުރަން ޖެހުނީ ހުޅަނގު މޫސުމުގެ ވިއްސާރައާ ގުޅިގެން ކަމަށްވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓުގެ ދަށުން ބައިނަލްއަގުވާމީ ބަންކަރިން ފެސިލިޓީއެއް ފެށުމުގެ ގޮތުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިޓޯލް ގުރޫޕާ އެކު ޓާމް ޝީޓްގައި ސޮއިކޮށްފައި ވަނީ މިދިޔަ މާޗް މަހު އެވެ. އެފަހުން ވިޓޯލް ބަންކާސްގެ މެޕުގައި ރާއްޖެ ވަނީ ހިމަނާފަ އެވެ.

އެ މަސައްކަތަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގް ބޯޓް މިދިޔަ މަހުގެ 2 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީ ޕޯޓަށް ގެނެސްފައިވެއެވެ. އަދި ކުޅުދުއްފުށި ޕޯޓް ސަރަހައްދުގައި ގާއިމްކުރާ ބޯޓް ޔާޑުގެ މަސައްކަތުގެ ބޮޑު ބައި ނިމިފައިވާ ކަމަށް ވެސް އެމްޕީއެލްއިން މީގެ ކުރިން ބުނެފައިވެ އެވެ.

ބަންކަރިން ހިދުމަތަކީ ކަނޑު ބޯޓުތަކާއި އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ހިދުމަތެވެ. ބޯޓް ފަހަރު އާއްމުކޮށް ދަތުރުކުރާ ސަރަހައްދުތަކުގައި އެފަދަ ހިދުމަތެއް ފެށިއްޖެ ނަމަ ބޯޓް ފަހަރު އެތަންތަނަށް މަޑުކޮށް ތެޔޮ އަޅާހަދަ އެވެ. އެގޮތަށް ތެޔޮ ވިއްކުމަކީ ރަނގަޅު ފައިދާއެއް ލިބޭ ހިދުމަތެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!