ޚަބަރު އިޖުތިމާޢީ

ބިދޭސީން ގެންނަ ދިވެހިން ޒިންމާދާރު ކުރުވަން: ކޮންޓްރޯލާ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ދެން ގެ ހަވާސާއިން ބޭރުން ޕްރޮގްރާމްގައި ޝައްމާން ވާހަކަ ދައްކަވަނީ/ ފޮޓޯ: ދެން

ގާނޫނާ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނެކޭ އެއްގޮތަށް އެމީހުން ރާއްޖެ ގެންނަ ދިވެހިންނަށްވެސް ފިޔަވަޅު އަޅާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

"ދެން" އިން ގެނެސްދޭ 'ހަވާސާއިން ބޭރުން' ޕްރޮގްރާމުގައި އިމިގްރޭޝަންގެ ކޮންޓްރޯލާ ޝަމްއާން ވިދާޅުވީ ގިނަ މީހުންނަށް ހީވެފައި އޮންނަ ގޮތުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ބިދޭސީއަކު ގެންދިޔުމަށް ފަހު ނުވަތަ އެ ބިދޭސީއަކު ޑީޕޯޓްކޮށްލުމަށް ފަހު ޒިންމާވާ ދިވެހި ފަރާތްތަކާއި މެދު އިމިގްރޭޝަނުން ފިޔަވަޅު ނާޅާ ދޫކޮށްލާ ކަމަށެވެ.

އެއީ ކުށް ހީއެއްކަން ފާހަގަކުރައްވަމުން ޝަމްއާން ވިދާޅުވީ މައްސަލައިގެ 'ރޫޓް' އާ ހަމައަށް ދިއުމަށްޓަކައި ބިދޭސީން އެތެރެކުރުމުގައި ދިވެހިން ޒިންމާދާރު ކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ގާނޫނުން އިމިގްރޭޝަނަށް މަތިކޮށްފައިވާ ޒިންމާ އަދާކުރަމުންދާކަން ފާހަގަކުރައްވާ ކޮންޓްރޯލާ ވިދާޅުވީ ބިދޭސީންނަށް އިހުމާލުވާ ފަރާތްތަކާއި، ހިއުމަން ޓްރެފިކިން އަށް ނުވަތަ އެމީހުންގެ ވިސާގެ ފީ ނުދައްކާ މާލެ ތެރެއަށް ދޫކޮށްލުން ފަދަ ކަންކަން ކޮށްފަހުރި މީހުންނާއި ކުންފުނިތައް ބްލެކް ލިސްޓު ކުރެވިފައިވާ ކަމަށެވެ.

އޭގެ ތެރެއިން ގިނަބަޔަކަށް ލިޔުމުން ނަސޭހަތްދީ އަދި މިހާތަނަށް 125 ފަރާތެއް ޖޫރިމަނާކޮށް ފިޔަވަޅު އަޅާފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެ އެވެ.

"މިހާރުވެސް އަޅުގަނޑުމެން މި ހިންގާ ތަހުގީގުތައް، ބިދޭސީންނާ ގުޅިގެން ހިންގާ ތަހުގީގުތަކުގައި އަޅުގަނޑުމެން އެމްޕްލޮޔަރު ޒިންމާ ކުރުވަން. އަދި އެމްޕްލޮޔަރުގެ އިހުމާލުގައި ބިދޭސީންތަކެއް އުޅޭ ކަމުގައިވާނަމަ ނޫނީ ގަސްތުގައި އިހުމާލުވެފައިވާނަމަ އެމްޕްލޮޔަރަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަން، އޭގެ ތެރޭގައި އިމިގްރޭޝަން ސިސްޓަމްގައި ބްލެކް ލިސްޓު ކުރުމާއި ދިވެހި އެމްޕްލޮޔަރު ޖޫރިމަނާ ކުރުމާ މިފަދަ ފިޔަވަޅުތައް މިހާރުވެސް އަޅަމުން ގެންދަން"

އެކަމާ ގުޅިގެން އެތައް މައްސަލަތަކެއްގެ ތަހުގީގު ފުލުހުން ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"އެއީ ކޮންމެހެން މިއަދު ނޫނީ އިއްޔެއަކު ވެފައި ހުރި ކަންކަމެއް ނޫން. މިކަމާ ގުޅުން ހުރި ހުރިހާ ކަމެއްގެވެސް ތަހުގީގުތައް ކުރަމުންދޭ."

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ފަށާފައިވާ މަސައްކަތުގައި ނޮވެންބަރު 17 އިން ސެޕްޓެމްބަރު 15 ގެ ނިޔަލަށް 289 ތަނެއް ބަލާ ފާސްކޮށް 4,026 ބިދޭސީއަކު ފުރުވާލާފައިވެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!