ޚަބަރު އިޖުތިމާޢީ

ފުލުހުންގެ 20 އިންސައްތަ އަކީ އަންހެނުން

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
މޯލްޑިވްސް ވިމެން އިން ޕޮލިސިން ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު:.ފޮޓޯ: ފުލުހުން

ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 20 އިންސައްތަ މުވައްޒަފުންނަކީ އަންހެން މުވައްޒަފުން ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

Ads by Sosun Fihaara

ފުލުހުން އެކަން ހާމަކޮށްފައިވަނީ ''މޯލްޑިވްސް ވިމެން އިން ޕޮލިސިން" އަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ފުލުހުންގެ ވެބްސައިޓުގައި ޝާއިއުކުރި ލިޔުމެއްގަ އެވެ.

ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ އަންހެން ފުލުހުންނާއި، އަންހެން މުވައްޒަފުން ބާރުވެރިކުރުވައި އޮޕަރޭޝަނަލް އަދި ފްރަންޓްލައިންގައި މަސައްކަތްކުރާ އަންހެން ފުލުހުން އިތުރުކުރުވުގެ މަގުސަދު ގައި މޯލްޑިވްސް ވިމެން އިން ޕޮލިސިން އުފެއްދެނީ 1، 2020 ސެޕްޓެމްބަރުގަ އެވެ.

ވިމެން އިން ޕޮލިސިން ކޮމިޓީއަކީ މަސައްކަތުގެ މާހައުލަށާއި ސިިޔާސަތުތަކަށް ގެނެވޭ ބަދަލުތައް ގެނައުމުގައި އަންހެން މުވައްޒަފުންގެ ބައިވެރިވުން އިތުރުކުރުމަށާއި އަންހެން މުވައްޒަފުންގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ރަސްމީ ނިޒާމެއް ގާއިމުކުރުމަށް އުފައްދާފައިވާ ކޮމިޓީއެކެވެ.

އަދި ރެކްރޫޓުކުރެވޭ އަންހެން ފުލުހުން އިތުރުކޮށް މުއައްސަސާގައި އަންހެނުންގެ ނިސްބަތް އިތުރުކުރުވުމާއި މަސައްކަތުގެ މާހައުލަކީ އަންހެނުންނާ ރައްޓެހި ފަހި މާހައުލަކަށް ހެދުމާއި ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ އިތުރުން މުއައްސަސާގައި ނިންމާ ނިންމުންތަކުގައި އަންހެން މުވައްޒަފުން ބައިވެރިކުރުވުމާއި ފުލުހުންގެ ތެރޭގައި އަންހެނުންގެ ދައުރު ފުޅާކުރުން ވެސް އެ ކޮމިޓީގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުސް އޮފީހުގައި މަސައްކަތްކުރާ އަންހެނުންގެ ތަފާސް ހިސާބުތައް ހިއްސާކުރަމުން ފުލުހުން ބުނީ 20 އިންސައްތަ އަންހެން މުވައްޒަފުންގެ ތެރެއިން 10 އިންސައްތަ މުވައްޒަފުންނަކީ މެނޭޖީރިއަލް ލެވެލްގައި މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށެވެ. އަދި 19 އިންސައްތަ މުވައްޒަފުންނަކީ ފްރޮންޓްލައިން އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވަމުން އަންނަ މުވައްޒަފުން ކަމަށް ފުލުހުން ބުންޏެވެ.

ހަމައެހެންމެ 16 އިންސައްތަ އަންހެން މުވައްޒަފުން ޓެކްނިކަލް އެންޑް ފޮރެންސިކް ބަހާގައި މަސައްކަތްކުރަމުން ދާއިރު 10 އިންސައްތަ އަންހެން މުވައްޒަފުން ހަރަކާތްތެރިވަމުންދަނީ އިންވެސްޓިގޭޝަން ދާއިރާގައިކަން ފުލުހުން ފާހަގަކުރި އެވެ.

ފުލުހުން ބުނީ ޕޮލިސިން ކޮމެޓީގެ ފަރާތުން ދަނީ އަންހެނުން ބާރުވެރިކުރުވުމާއި ބައިވެރިވުން އިތުރުކުރެވޭނެ މަގު ހޯދުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އޭގެ އިތުރުން ފުލުހުން ބުނީ އެންމެ ދަށް ރޭންކުން ފެށިގެން އެގްޒެކެޓިވް ލެވެލްގައި އަންހެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

"ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މަރިޔަމް އަޒްމާއަކީ ފުލުހުންގެ ހިދުމަތުގެ އެންމެ ފުރަތަމަ އަންހެން ޑްރައިވަރު. މީގެ އިތުރުން އަތޮޅު ކޮމާންޑަރުކަމާއި މުހިންމު ބަހާތަކުގައި ވެސް މަސައްކަތް ކުރައްވާފައިވޭ" ފުލުހުން ބުންޏެވެ.

ކޮންމެ އަހަރެއްގެ ސެޕްޓެންބަރު 17 ވަނަ ދުވަހުގައި ވިމެން އިން ޕޮލިސިން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އެ ދާއިރާގައި އަންހެނުންގެ އަގުހުރި ދައުރު ދެނެގަތުމުގެ ފުރުސަތު ހޯދައިދީ، ގާނޫނު ތަންފީޒުކުރުމުގެ ތެރޭގައި ހަމަހަމަކަން ކުރިއެރުވުމުގެ ފުރުސަތު ފަހިކޮށް، ފުލުހުންގެ މަސައްކަތުގައި އަންހެނުންގެ ކާމިޔާބީތައް ފާހަގަކުރުމާއި، އެއްބައިވަންތަކަން އުފެއްދުމަށް މަޝްވަރާކޮށް ޕްލެޓްފޯމެއް ހޯދައިދީ އަންހެން އޮފިސަރުންނަށް ލީޑާޝިޕްގެ ދައުރު އަދާކުރުމަށް ޝައުގުވެރިކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ.

އެ ދުވަސް ފާހަގަކުރަން ފެށީ ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ އަންހެން ފުލުހުންނާއި މުވައްޒަފުން ބާރުވެރިކުރުވައި އޮޕަރޭޝަނަލް އަދި ފްރަންޓްލައިންގައި މަސައްކަތްކުރާ އަންހެން ފުލުހުން އިތުރު ކުރުމަށެވެ.

Ads by Allied Insurance
  1. ހަސަން

    ރަގަޅުވާނީ %100 ޓައްހެދިއްޔާ