އިމިގްރޭޝަން އޮފިސަރުންނަށް ވެގެން ފޭރުނު މީހާ ބުނީ އޭނާ އުޅުނީ ކުށްކުރި މީހުން ހޯދަން ކަމަށް
އިމިގްރޭޝަން އޮފިސަރުން ކަމަށް ބުނެ ބިދޭސީންތަކެއް ދިރިއުޅޭ ގެއަކަށް ގޮސްފޭރުނު މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.
މި މައްސަލާގައި ބަންދުކޮށްފައިވަނީ މާލެ, ގ. ބެރުގެ, އުމުރުން 44 އަހަރުގެ މުހައްމަދު ނަވީނެވެ.
ކްރިމިނަލް ކޯޓުން އިއްޔެގައި އާންމުކުރި އަމުރުގައި ވަނީ ނަވީން ބަންދުކޮށްފައިވަނީ ފޭރުމުގެ މައްސަލާގައި ކަމަށެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ ކުށްކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަނިޔާ ލިބުނު ފަރާތުގެ ބަޔާނާއި، ފޮޮޓޯ ރިޕޯޓާއި، ހާދިސާ ރިޕޯޓް ހިމަނާފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާ ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ އެ މައްސަލަ އިންކާރު ކޮށްފަ އެވެ. އަދި މިކަމާ ގުޅިގެން ސީސީޓީވީ ފޫޓޭޖް ފުލުހުންނަށް ހުށަހަޅައި ކުށްކުރި މީހުން ހޯދައިދިނުމަށް އެހީތެރިވެފައިވާނެ ކަމަށްވެސް އޭނާ ބުންޏެވެ. ހަމައެއާއެކު އޭނާ އަކީ ބަލި މީހަކު ބަލަމުންދާ މީހެއް ކަމަށްވެސް ބުންޏެވެ.
މި މައްސަލަ ފެންމަތިވީ ދެ މީހެއްގެ ފޮޓޯ ހިއްސާކޮށް "އެކްސް" ގައި މީހަކު ކުރި ޕޯސްޓެއްގައި އެއީ އިމިގްރޭޝަން ގެ މީހުންތޯ ކުރި ސުވާލަކާ ގުޅިގެންނެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވީ އެ ފޮޓޯއިން ފެންނަ ދެ މީހުންނަކީ އިމިގްރޭޝަންއާ ގުޅުން އޮތް ބައެއް ނޫން ކަމަށެވެ.
ޝަމްއާން އިތުރަށް ވިދާޅުވީ އިމިގްރޭޝަންގެ ރެއިޑްތަކުގައި އޮފިސަރުންގެ އިމިގްރޭޝަން އައިޑީކާޑު ފެންނަ ގޮތަށް ހުންނާނެ ކަމަށެވެ. އަދި މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންތަކަކީ ޔުނީފޯމު ލައިގެން ކުރިއަށް ގެންދާ އޮޕަރޭޝަން ތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދާދިފަހުން އިމިގްރޭޝަން އޮފިސަރުން ކަމަށް ބުނެ ޕާކިސްތާނުގެ ނަންބަރަކު ވަޓްސްއެޕް މެދުވެރިކޮށް ވީޑިއޯ ކޯލްކޮށް ފޭރުމުގެ އަމަލުތަކެއް ވަނީ ހިންގާފަ އެވެ.