ޚަބަރު

ޕީޖީ ކަމަށް އައްބާސް އައްޔަން ކުރައްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ރައީސްގެ ލީގަލް ސެކެޓްރީގެ މަގާމުގައި ހުންނެވި, ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު ޢައްބާސް ޝަރީފު މިއަދު ޢައްޔަންކުރައްވައިފިއެވެ.

Ads by Hajj Corporation

މި ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް، އަލްއުސްތާޛު ޢައްބާސް ޝަރީފު އިންޓަވިއު ކުރުމަށް ފަހު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިނީ 93.91 ޕަސެންޓް މާކްސް އެވެ. އޭނާއަށް މަޖިލީހުން ރުހުން ދިނީ މަޖިލީހުގެ 85 މެންބަރުންގެ އިއްތިފާގުންނެވެ.

އަލްއުސްތާޛު ޢައްބާސް ޝަރީފު އެންމެފަހުން އަދާކުރައްވަމުން ގެންދެވި މަޤާމުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެންޑް ޕާލަމެންޓަރީ އެފެއާޒް މަޤާމާއި މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝިއަލް ސަރވިސް އޮތޯރިޓީގެ ގަވަރނިންގ ބޯޑުގެ މެންބަރުކަން ހިމެނެއެވެ. އޭގެ ކުރިން އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި ހައިކޯޓުގެ ފަނޑިޔާރުގެ މަޤާމާއި އަދި ޤާނޫނީ ދާއިރާގެ އެކިއެކި މަޤާމުތައް ހިމެނެއެވެ. އަލްއުސްތާޛު ޢައްބާސް ޝަރީފު ވަނީ އޮސްޓްރޭލިއާގެ ޓަސްމޭނިއާ އިން ބެޗްލަރ އޮފް ލޯ ހާސިލުކުރައްވާފައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް، އައްޔަންކުރެއްވި އަލްއުސްތާޛު ޢައްބާސް ޝަރީފަށް މަޤާމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާންއެވެ.

Ads by Ooredoo