ޗައިނާގެ ވާވޭ ކުންފުނިން އައިސީޓީ ދާއިރާގައި ޒުވާނުން ބިނާކުރުމަށް ހިންގާ، "ސީޑްސް ފޮ ދަ ފިއުޗަ" ޕްރޮގްރާމުގައި ދިވެހި ހަތަރު ދަރިވަރުން ބައިވެރިވެއްޖެ އެވެ.
ސީޑްސް ފޮ ދަ ފިއުޗަ ޕްރޮގްރާމަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ޒުވާނުންނަށް އައިސީޓީ ދާއިރާއިން ތަމްރީނު ފޯރުކޮށްދިނުމަށް ވާވޭ ކުންފުނިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރުމަށާއި ޕްރޮގްރާމަށް ހޮވުނު ދަރިވަރުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަޔަ އެޑިއުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީގައި އިއްޔެ ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެ ރަސްމިއްޔާތުގައި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު ދަރިވަރުންގެ ނަން އިއުލާނުކުރި އެވެ.
ޕްރޮގްރާމުން ފުރުސަތު ލިބުނު ދިވެހި ދަރިވަރުންނަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ދަރިވަރު ޔޫސުފް މިޒާން މުހައްމަދު، އެވިޑް ކޮލެޖްގެ ދަރިވަރު ހަމްނާ ހުސައިންގެ އިތުރުން ވިލާ ކޮލެޖްގެ ދެ ދަރިވަރުން ކަމަށްވާ އައިޝަތު އަލްޔާ އަދި އައިޝަތު މުޝީރާ އެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ 2023 ވަނަ އަހަރުން ފެށިގެން ކުރިއަށްދާ އެ އެއްބަސްވުމުގެ ފައިދާ ރާއްޖޭގެ އެތައް ޖީލަކަށް ލިބިގެންދާނެ ކަމަށެވެ. އަދި 21 ވަނަ ގަރުނަށް ބޭނުންވާ ހުނަރާއި ގާބިލުކަން ހުރި ޒުވާން ޖީލުތަކެއް ބިނާކުރުމުގެ އެ މަސައްކަތުގައި މަތީ ތައުލީމާއި ތަމްރީނު ހާސިލު ކުރުމަށް ދަތުރު ފަށާ ހަތަރު ދަރިވަރުންނާ މެދު ފަހުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ.
"މިއީ ދިވެހި ދަރިވަރުންނަށް ލިބުނު ރަނުގެ ފުރުސަތެއް. މި ޕްރޮގްރާމުގެ ތެރެއިން ދަރިވަރުންނަށް ފުޅާ ދާއިރާއެއްގައި އަމަލީ ތަޖުރިބާ ލިބިގެންދާއިރު، މީގެތެރެއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ދާއިރާގެ ފުންނާބުއުސް ބޭފުޅުންނާ ބައްދަލުވުމުގެ އިތުރުން ތަފާތު ސަގާފަތްތަކަށް އަހުލުވެރިވުމަށް ލިބޭ ފުރުސަތެއް،" މާރިޔާ ވިދާޅުވި އެވެ.
ވާވޭއިން އައިޓީސީ ދާއިރާއިން މީހުން ބިނާކުރުމަށްދޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ މިނިސްޓަރު ވިދާޅުވެފައި ވަނީ ދަރިވަރުން ޗައިނާއަށް ކުރާ ދަތުރަކީ އާޓިފިޝަލް އިންޓެލިޖެންސް، ކްލައުޑް، ޑިޖިޓަލް ޕަވަ ފަދަ ޓެކްނޮލޮޓީގެ ދާއިރާއިން އެތައް އުފެއްދުންތެރި ކަމެއް ފެނިގެންދާނެ ދަތުރެއް ކަމަށެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ޗައިނާގެ ސަފީރު ވޭންގް ލީޝިން ވިދާޅުވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ފަދައިން ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް ޑިޖިޓަލައިޒޭޝަން ނުވަތަ ޓެކްނޮލޮޖީ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން ވަރަށް މުހިންމު ކަމުގަ އެވެ.
"ގައުމެއްގެ ކުރިއެރުމުގެ ފަހަތުގައި ތިބޭނީ ހުނަރުވެރި ޒުވާނުން. އެގޮތުން ޓެކްނޮލޮޖީ، އިގުތިސޯދީ އަދި ތަފާތު އެކި ދާއިރާތަކުން ގައުމަށް ކުރިއެރުން ހޯދައިދިނުމުގައި ހުނަރުވެރިން ޒުވާނުން މަސައްކަތްކުރޭ،" ސަފީރު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކަންޓްރީ ހެޑް އޮފް ވާވޭ މޯލްޑިވިސް، ޗެން ކެޔަން ވިދާޅުވީ ރާއްޖެއަކީ ޑިޖިޓަލައިޒޭޝަން ނުވަތަ ޓެކްނޮލޮޖީ އާ ގުޅުންހުރި ވަސީލަތްތައް ބޭނުންކޮށްގެން ކުރިއަރަމުން އަންނަ ގައުމެއް ކަމަށެވެ. އަމާޒަކީ ވިޔަފާރިތަކާއި ދަރިވަރުންނާއި ރައްޔިތުން ޓެކްނޮލޮޖީއަށް އަހުލުވެރިކޮށް، ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން ކަމަށެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާ ޒުވާނުންނަކީ ކެރިގެން އާ ކަންކަމާ ކުރިމަތިލާ، ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ، ރާއްޖެ އާއި މުޅި ދުނިޔެ ބޭނުންވާ ފަދަ އުފެއްދުންތެރިކަމެއް އައިސީޓީ ދާއިރާއިން ހޯދާނެ ދަރިވަރުންތަކެއް ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޗެން ވިދާޅުވި އެވެ.
ވާވޭއިން މި ދަރިވަރުންނަށް "ސީޑްސް ފޮ ދަ ފިއުޗަ" ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ދީފައި ވަނީ އެ ދަރިވަރުންގެ ތައުލީމީ ފެންވަރާއި ނަތީޖާއަށް ބެލުމަށް ފަހުގައި ކަމަށް އެ ކުންފުނިން ބުނެ އެވެ. ސީޑްސް ފޮ ދަ ފިއުޗަ ޕްރޮގްރާމުގެ ދަށުން ކޮންމެ އަހަރަކު ވެސް 1،000 އަށް ވުރެ ގިނަ ދަރިވަރުން ތަމްރީނުވެ އެވެ.