މީހުން ލައިފްސްޓައިލް

ސިޑިބަރި: ދިވެހި ކުޅުންތެރިން ބަލާ ލޯގަނޑު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ދެތިން ރައްޓެއްސަކަށް އައި ހިޔާލެކެވެ. ކުޅިވަރަށް ލޯބިކުރާ ކުދިންތަކެއް ބޭނުންވީ ރާއްޖޭގައި ކުޅިވަރު ކުޅޭ މީހުން ފާހަގަކޮށް ސޯޝަލް މީޑިއާގައި ޕޯސްޓު ކުރާށެވެ.

Ads by MWSC

އެންމެ ފުރަތަމަ ފެށީ ގޫގުލްއިން ފޮޓޯ ހޯދައިގެން ކުރަހާށެވެ. ބޭރުގެ ބައެއް ގައުމުތަކުގައި ހަދާފައި ހުންނަ ޕޯސްޓުތަކުން އިންސްޕިރޭޝަން ހޯދައިގެން މަސައްކަތް ފެށުނީ މިހެންނެވެ.

ދައްކަން މިއުޅެނީ "ސިޑިބަރި" ގެ ނަމުން މުޅި ރާއްޖެއަށް މަޝްހޫރު ބައެއްގެ ވާހަކަ އެވެ. ކޮންމެ ކުޅިވަރެއްގެ ކޮންމެ މުބާރާތެއް ރާއްޖޭގައި ކުޅުނު ނަމަވެސް ސިޑިބަރިން އެކަން ފާހަގަކުރެ އެވެ. އެ މުބާރާތުގެ ފޮޓޯއާއި ވީޑިއޯތައް މުޅި ސޯޝަލް މީޑިއާގައި ވައިރަލް ކުރަނީ އެމީހުންނެވެ.

"ވާގޮތަކީ ރާއްޖޭގެ ސްޕޯޓްސް ކޮމިއުނިޓީގަ އެބައި ވަރަށް ލެކުވޭ. ދެން އަހަރުން ބްލީޗާ ރިޕޯޓާ، 433 އާ މިކަހަލަ އެއްޗެހީގަ ހުންނާނެ ވަރަށް ރީތި ޕޯސްޓަރާ އެއްޗެހި ހަދާފަ"

ސިޑިބަރީގެ ކޯ ފައުންޑަރ އަބްދުއްﷲ ރައިހާން ކިޔައިދިނެވެ. އޭނާ ބުނީ ރާއްޖޭގައި މުބާރާތެއް ނުވަތަ މެޗެއް ކުޅުމުން އޭގެ ހަބަރެއް ލިޔެލާފައި ނިންމައިލަނީ ކަމަށެވެ. ޒަމާނަށް ފެތޭ ގޮތަށް ފޮޓޯއާއި ވީޑިއޯ އެ ދުވަހާއި ހަމައަށްވެސް އެއްވެސް ބަޔަކު ހަދަމުން ނުދާކަމަށް އޭނާ ބުންޏެވެ. ސިޑިބަރި ފެށީ މިހެންވެގެންނެވެ.

ރައިހާންގެ ޓީމުން ބޭނުންވަނީ ދިވެހި ކުޅުންތެރިންނަށް ހައްގު ކްރެޑިޓް ދޭން

ނަން ދެވުނީވެސް ވަރަށް ތަފާތު ގޮތަކަށެވެ. ދަނޑަށް މެޗެއް ބަލަން ވަންނައިރު ސިޑިބަރިން ޖާގަ ހޯދައިގެން ތިބެނީ އެންމެ ވަރުގަދަ ސަޕޯޓަރުންނެވެ. ސިޑިބަރީގައި ތިބޭ މީހުން ކޮންމެ މެޗެއް ބަލަންވެސް އެންމެ ކުރިން ވަދެ ޖާގަ ހޯދަ އެވެ. އެހެންކަމުން ސަޕޯޓަރުންގެ ނަޒަރުން ފޮޓޯ މެދުވެރިކޮށް ވާހަކައެއް ކިޔައިދޭން އުޅޭ ބަޔަކަށް "ސިޑިބަރި" އަށްވުރެއް ވަކި މޮޅު ނަމެއް ނޯންނާނެ އެވެ.

ސިޑިބަރީގެ ހުވަފެން ވަރަށްވެސް ބޮޑެވެ. އެމީހުންގެ ގިނަ ޕޯސްޓުތައް ހުންނަނީ އިނގިރޭސިން ތައްޔާރުކޮށްފަ އެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖެއިން ބޭރުގެ ކުޅިވަރު މުޖުތަމައުއަށް ރާއްޖޭގެ ކުޅިވަރުގެ ވާހަކަ ކިޔައިދިނުމެވެ. ރައިހާން ދެކޭ ގޮތުގައި މިއީ ރާއްޖޭގެ އެތުލީޓުން ރާއްޖެއިން ބޭރަށް ދިޔުމުގެ ގޭޓްވޭއަކަށްވެސް ވެދާނެ އެވެ.

 

ފަންނުވެރި ޓީމެއް

ސިޑިބަރީގައި ވަކި ކަމެއް ކުރަން ނޭނގޭ މީހަކު ނެތެވެ. ބޮޑު ޓީމަކާއިއެކު މިހާރު މަސައްކަތް ކުރަމުން ދާއިރު ފޮޓޯ ނަގަންވެސް، ގްރެފިކްސް ހަދަން ވެސް ނޫނީ ކެޕްޝަންއެއް ލިޔަންވެސް އެންމެންނަށް އިނގެ އެވެ. އެކަމަކު ކޮންމެ މަސައްކަތަކަށްވެސް ހާއްސަކޮށްފައި ވަކި ބަޔަކު ތިބެ އެވެ.

ރައިހާން ބުނި ގޮތުގައި ސިޑިބަރީގެ މަސައްކަތް ފެށުމުން ޓީމާއި ގުޅެން ޝައުގުވެރިކަން ފާޅު ކުރަނީވެސް ހުނަރުވެރިންނެވެ. އެކަމަކު އެންމެންވެސް ތަފާތެވެ. އެކަކު މަތިން ނަގާ ފޮޓޯ އަނެކަކު ތިރިން ނަގައިފާނެ އެވެ. އެކަމަކު ދެމީހުން ނަގާ ފޮޓޯވެސް އެހާ މޮޅެވެ.

ސިޑިބަރީގެ މެނޭޖިންގް ޑިރެކްޓަރު އައްފާން

އެންމެ ހާއްސަ އެއް ކަމަކީ ޓީމުގެ ކޮންމެ މެމްބަރަކުވެސް ދެކެނީ މިއީ އަމިއްލަ މަސައްކަތެއްގެ ގޮތުގަ އެވެ. އަލަށް ފެށިއިރު އަމިއްލަ ކެމެރާގައިވެސް ފޮޓޯނަގަން ދިޔަ އެވެ. މަސައްކަތަށް ހުރި ޝައުގުވެރިކަމާއިއެކު ޓީމު ބޮޑު ކުރަމުން ދިޔައީ ނުހަނު އަވަހަށެވެ.

 

އެތުލީޓުންގެ ލޯބި އާންމުންގެ ތަރުހީބު

ސިޑިބަރީގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އައްފާން އިތުރަށް ކިޔައިދިނެވެ. "ސިޑިބަރި" ގެ މަސައްކަތް ފެށުމުން ކުޅުންތެރިންގެ ފަރާތުން ލިބުނު ލޯބި ވަރަށްވެސް ބޮޑެވެ. އެމީހުންގެ ޕޯސްޓުތަކުގެ ސަބަބުން ރާއްޖެއިން ބޭރުގައިވެސް ރިކޮގްނައިޒް ވި އެވެ.

އަނެއްކޮޅުން އާންމުންގެ ފަރާތުން ލިބޭ ތަރުހީބު ފާހަގަކުރެވެ އެވެ. ޓީމުން ދެކޭ ގޮތުގައި މިކަން މިހެން ވުމުގެ ސަބަބަކީ ކުޅިވަރު ސަޕޯޓަރުން ބަލަން ބޭނުންވާ މަންޒަރުތައް ސިޑިބަރިން ކެޕްޗާ ކުރާތީ އެވެ.

"ފޮޓޯގަނޑަކުން އިނގޭނެ މިވަނީ މިހެންކަން. އެލެވެލް މީހުން އުޅެނީ. އެއީ އަސްލު މީހުން ޝެއާ ކުރާ ސަބަބަކީ"

ރައިހާން ބުނި ގޮތުގައި ފުޓުބޯޅަ މެޗެއްގައި ވަކި ކުޅުންތެރިއަކަށް ބޯޅަ ލިބުމުން އޭނާ ދެން ނަގާނީ ކޮން ހަރަކާތެއްކަން އިނގޭ މިންވަރަށް ފޮޓޯގްރާފަރުން ތިބޭނީ ތައްޔާރަށެވެ. އެހެންވެ ބޭނުންވާ ފޮޓޯގަނޑު އަބަދުވެސް ލިބެ އެވެ.

 

ސަޕޯޓަރުންގެ ފަރާތުން ލިބޭ ތަރުހީބަށް ރައިހާން ޝުކުރު އަދާކުރޭ

 

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ޓީމުގެ ކެޕްޓަން ޗެތުރީ ގެ ފޮޓޯއެއް މުޅި ރީޖަންގައި މަޝްހޫރުވި އެވެ. އެފޮޓޯ ނެގީ ސިޑިބަރިންނެވެ. މިކަހަލަ ކިތަންމެ ފޮޓޯއެއް އެބަހުއްޓެވެ.

ރާއްޖެ ކުޅޭ މެޗެއްގައި ޓީމު ބަލިވެއްޖެނަމަ ރާއްޖޭގައި އެމީހުންގެ ވާހަކަ މާ ބޮޑަކަށް ނުދައްކަ އެވެ. އެކަމަކު ސިޑިބަރިން ބޭނުންވަނީ ބަލިވިޔަސް މޮޅުވިޔަސް ރާއްޖޭގެ ކުޅުންތެރިންގެ ވާހަކަ ދައްކާށެވެ. އެމީހުންނަށް ހިތްވަރު ދޭށެވެ.

ސިޑިބަރީގެ އުއްމީދަކީ ކުރިއަށް އޮތްތަނުގައި ބައިނަލްއަގުވާމީ ގޮތުން ކާމިޔާބީތަކެއް ހޯދުމެވެ. މިހާރު އަމާޒު ހުރީ ބޮޑެތި މަސައްކަތްތަކެއް ކޮށް ދިވެހި ކުޅުންތެރިންނާއެކު ރާއްޖެއިން ބޭރަށް ދާށެވެ.

Ads by Ooredoo