ޚަބަރު

 10 ވަރަކަށް މަސްދުވަސް ތެރޭ ގައުމީ މަސްލަހަތު އިތުރު ބާރުމިނެއްގައި ވަނީ ކުރިއަރާފައި: ރައީސް 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް

މި ވޭތުވެދިޔަ 10 ވަރަކަށް މަސްދުވަސް ތެރޭ ދިވެހި ގައުމީ މަސްލަހަތު އިތުރު ބާރުމިނެއްގައި ކުރިއަރުވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ރައީސް އެހެން ވިދާޅުވީ އދގެ މެންބަރުކަން ދިވެހިރާއްޖެއަށް ލިބުނުތާ 59 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖެއްގަ އެވެ.

ރައީސް ވިދާޅުވީ މިއަދު ރާއްޖެ ވަނީ ދުނިޔޭގެ އެންމެ ބިޔަ, އެންމެ ބާރުގަދަ ގައުމުތަކާ އެއް ސަފެއްގައި އެއް ހަމައެއްގައި ކުރިއަށް ދިއުމަށް މަގުފަހި ވެގެން ދިޔަ ދުވަސް ކަމަށެވެ.

"މިއަދަކީ ފެއްސާއި ރަތާއި ހުދުގެ ދިވެހި ދިދަ, އާދެ އެ ދިދައަކަށްޓަކައި އެ ދިދަން ރަމްޒުކޮށްދޭ ކަންތަައްތަކަށްޓަކައި އަޅުގަނޑުމެން ނުހަނު ފަހުރުވެރިވާ ދިވެހި ދިދަ, އެކުވެރި ދައުލަތްތަކުގެ މައި މަރުކަޒުތަކުގައި ވިހުރުމުގެ ފުރުސަތު ލިބިގެން ދިޔަ ދުވަސް."

ރައީސް ވަނީ އެ މުނާސަބަތުގެ ތަހުނިޔާ ދިވެހި ރައްޔިތުންނާއި ޑިޕްލޮމެންޓުންނަށް އަރުވާފަ އެވެ.

ރައީސް ވިދާޅުވީ ގައުމެއްގެ މިނިވަންކަން ފުރިހަމައަށް ދިފާއުކުރެވިގެންދާނީ އެ ގައުމެއްގެ ރައްޔިތުން އެކަން ބަލައިގަތުން އެކަންޏެއް ނޫން ކަމަށާއި އަދި މުއާހަދާއެއްގައި ލިޔެ ޗާޕުކޮށްގެން ޝާއިއުކޮށްގެން އެކަނި ނޫން ކަމަށެވެ.

ގައުމެއްގެ މިނިވަންކަން ބައިނަލްއަގުވާމީ މަސްރަހުގައި ދިފާއުކޮށް ކުރިއެރުވޭނީ އެ މިނިވަންކަން ލިބިއްޖެކަން އެހެން ގައުމުތަކަށް އަންގައިދީގެން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކަނޑައެޅިގެންވާ ވަކި ސަރަހައްދެއްގެ މައްޗަށް އެ ގައުމެއްގެ ސިޔާދަތީ ބާރު އޮތް ކަމާއި އެ ބާރު ފުރިހަމައަށް ހިނގާ ކަމުގެ މައުލޫމާތު އެހެން ގައުމުތަކަށް ފޯރުކޮށްދީގެން ކަމަށެވެ.

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާއު ކޮށް, ކުރިއެރުވުމުގެ މަތިވެރި މަސައްކަތް ކުރާ އެންމެ މުހިއްމު މައިދާނަކީ އދ. ޖަމިއްޔާ ކަމަށާޢި  އދ ގެ މެންބަރުން މުހިއްމު ވަނީ އެ ސަބަބުތަކަށްޓަކައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އދ. ގައި ރާއްޖެއިން ކުރަމުން މިދާ ދަތުރަކީ ދިވެހިން ފަހުރުވެރިވާ ފަދަ ކާމިޔާބު ދަތުރެއް ކަމަށާއި އެއީ އެކަހެރިކޮށް އޮތް ކުޑަ ޖަޒީރާ ގައުމެއް, ދުނިޔޭގެ ސިޔާސީ ސަފުތަކާ ގުޅިގެން އެކުވެރި ކަމުގައި ކުރާ ދަތުރެއް ކަމަށެވެ. އަދި ނިކަމެތިކަމުން ފުދުންތެރިކަމަށް ބިންގާ އެޅި ދަތުރެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މޫސުމީ ބަދަލުގެ ނުރައްކާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެއީ އެ ހަބަރު މުޅި ދުނިޔެއަށް ދީ ދުނިޔޭގެ ސަމާލުކަމަށް އެ ކަން ގެނެސް ދިން ދަތުރެއް ކަމަށެވެ.

"މި ވޭތުވެދިޔަ 10 ވަރަކަށް މަސްދުވަސް ތެރޭ އަޅުގަނޑުމެން ވަނީ ދިވެހި ގައުމީ މަސްލަހަތު އިތުރު ބާރުމިނެއްގައި ކުރިއަރުވާފައި"

ރައީސް ވިދާޅުވީ އދ. ގައި ކުރެވޭ ބަހުސްތަކުގައި ބައިވެރިވާ ޖެހޭ ކަމަށާޢި ގައުމުގެ ތަރައްގީއަށް ބޭނުންވާ މަގުކޮށޭނީ ގައުމަކީ މުޅި ދުނިޔޭގައިވެސް އިހުތިރާމް ލިބިފައިވާ ގައުމަކަށް ވެގެން ކަމަށެވެ. އަދި އެކަން ކުރެވޭނީ މިފަދަ މައިދާންތަކުގައި އަޑު އުފުލައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

Ads by Ooredoo