ބަންކަރިންގެ ހިދުމަތް ދިނުމަށް ރާއްޖެ އެތެރެކުރާ ތެލަށް އިމްޕޯޓު ޑިއުޓީ ނުދައްކާ ފްލޯޓިން ބޮންޑެއްގައި ނުވަތަ ފެސިލިޓީއެއްގައި 90 ދުވަހުގެ މުއްދަތަކަށް ބެހެއްޓޭ ގޮތަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އާންމު ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.
ކަސްޓަމްސްގެ އާންމު ގަވާއިދަށް ގެނައި 14 ވަނަ އިސްލާހުގައި މައިގަނޑު ގޮތެއްގައި ހިމެނިފައި ވަނީ ޝިޕް ސްޓޯ އާއި ބަންކަރިންގެ ހިދުމަތާ ގުޅޭގޮތުން ގެނެވިފައިވާ ބަދަލުތަކެވެ.
ޝިޕް ސްޓޯގެ ގޮތުގައި ބަލާނީ އުޅަނދުފަހަރުގެ އިކުއިޕްމަންޓާއި އާލާތާއި ތެލާއި ފެނާއި ފަޅުވެރީންނަށް ބޭނުންވާ ކާބޯތަކެތި ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ. ޝިޕް ސްޓޯސްގެ ގޮތުގައި މުދާ ގެންދެވޭނީ މުދާ ގެންދާ އުޅަނދުގެ ނަމުގައި ގަވާއިދުން ގުޑްސް ޑިކްލަރޭޝަން ނިންމުމަށް ފަހު އެވެ.
އިސްލާހުގައި ވަނީ ބަންކަރިންގެ ހިދުމަތް ދެވޭނީ އިދާރާތަކުން ހިދުމަތް ދިނުމުގެ ހުއްދަ ދީފައިވާ ފަރާތްތަކަށް ކަމަށެވެ. ރާއްޖެއަށް ގެންނަ ތެޔޮ، ޑިއުޓީ ނުދައްކާ ބެހެއްޓުމަށް ފްލޯޓިން ބޮންޑެއް ނުވަތަ ފެސިލިޓީއެއް ކަސްޓަމްސްގައި ރަޖިސްޓްރީކޮށް މަހު ފީ ދައްކަމުންދާން ޖެހޭނެ ކަމަށެވެ.
އެފަދަ ބޮންޑެއްގައި ނުވަތަ ފެސިލިޓީއެއްގައި އިމްޕޯޓް ޑިއުޓީ ނުދައްކާ 90 ދުވަހުގެ މުއްދަތަށް ތެޔޮ ބެހެއްޓިދާނެ ކަމަށެވެ. ފްލޯޓިން ބޮންޑު ހެދޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައި ހުންނަ އުޅަނދުފަހަރުގައި ކަމަށެވެ. އެ އުޅަނދުފަހަރަކީ ރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުފަހަރަށް ވެގެން ނުވާނެ ކަމަށެވެ.
ބަންކަރިންގެ ހިދުމަތް ދެވޭ އުޅަނދަކީ ތެޔޮ އަޅައިދޭ ވަގުތުން ފެށިގެން ލަސްވެގެން 48 ގަޑިއިރުގެ ތެރޭގައި ފުރަން ތައްޔާރުކޮށްފައި އޮތް އުޅަނދެއް ނަމަ، ޑިއުޓީ ނުދައްކާ ހުންނަ ތެޔޮ އެ އުޅަނދަކަށް އަޅައިދެވިދާނެ ކަމަށް އިސްލާހުގައިވެ އެވެ.
ނަމަވެސް އެ މުއްދަތުގެ ތެރޭގައި އުޅަނދު ނުފުރައިފި ނަމަ، އެޅި ތެލަށް ބަންކަރިންގެ ހިދުމަތް ދިން ފަރާތުން އިމްޕޯޓް ޑިއުޓީ ދައްކަން ވާނެ ކަމަށެވެ. ނަމަވެސް ހާއްސަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ކަސްޓަމްސްގެ ހުއްދަ އާއެކު ނުފުރާ މަޑުކުރުމަށް އިތުރު 48 ގަޑިއިރު ދެވޭނެ ކަމަށެވެ.
އަދި ބަންކަރިންގެ ހިދުމަތް ދެވޭ އުޅަނދަކީ 48 ގަޑިއިރުގެ ތެރޭގައި ފުރަން ތައްޔާރުކޮށްފައިވާ އުޅަނދަކަށް ނުވާ ނަމަ ޑިއުޓީ ނުދައްކާ ހުންނަ ތެޔޮ އަޅައިދޭނީ، އެ ތެލަށް އިމްޕޯޓް ޑިއުޓީ ދެއްކުމުން ކަމަށެވެ. ޑިއުޓީ ދައްކާނީ ބަންކަރިން ހިދުމަތްދޭ ފަރާތުން ކަމަށެވެ.
އިސްލާހުގައި ވަނީ ކަސްޓަމްސްގެ ކޮންޓްރޯލް އަދި ތެލުގެ ހިދުމަތްދޭއިރު ހާޒިރުގައި ތިބެން ޖެހޭނެ ފަރާތްތައް ވެސް ބަޔާންކޮށްފަ އެވެ. އޭގެ އިތުރުން ކުރުން މަނާ ކަންތަކާއި އަދަބުތައް ބަޔާންކޮށްފަ އެވެ.
އެގޮތުން ކަސްޓަމްސްގެ ހުއްދަ ނެތި، ބަންކަރިންގެ ހިދުމަތް ދިނުމަށް ދޫކުރެވޭ ތެލަށް އިމްޕޯޓް ޑިއުޓީ ނުދައްކާ ރާއްޖޭގައި ބޭނުން ކުރުމާއި ބޭނުންކުރުމަށް ދޫކުރުމާއި ރީ-އެކްސްޕޯޓް ރޯޔަލްޓީ ނުދައްކައި ރާއްޖެއިން ބޭރުކުރުމާއި ބޭރުކުރުމަށް ދޫކުރުމަކީ މަނާ ކަމެއް ކަމަށް ވަނީ ބުނެފަ އެވެ.
އެފަދަ ކުށެއް ކުރާ ފުރަތަމަ ފަހަރު އެފްއޯބީ އަގުގެ 25 އިންސައްތައިން އަދި ދެ އަހަރުގެ ތެރޭގައި ތަކުރާރުކުރާ ކޮންމެ ފަހަރަކު ޖޫރިމަނާއަށް 25 އިންސައްތަ ކުރާނެ އެވެ.
އެގޮތުން ޖޫރިމަނާ ކުރެވޭނީ ގިނަވެގެން ފަހަރަކު ދެ ލައްކަ ރުފިޔާ އާ ހަމައަށެވެ. މައްސަލައިގައި ކަން ހިނގާ ގޮތަށް ބަލައި ޖިނާއީ ކުށެއް ހިމެނޭ ނަމަ މައްސަލަ ތަހުގީގުކޮށް ދައުވާ ކުރުމަށް ހުރަހެއް ނާޅަ އެވެ.
ބަންކަރިންގެ ހިދުމަތް ދިނުމަށް ރަޖިސްޓްރީ ކޮށްދިނުމުގެ ފީ ގެ ގޮތުގައި ނަގަން ނިންމާފައި ވަނީ 3،500 ރުފިޔާ އެވެ. ފްލޯޓިން ބޮންޑުގެ ފީ ގެ ގޮތުގައި ތެޔޮ ބަހައްޓާ ސްޓޯރޭޖް ޓޭންކުގެ ކިއުބިކް މީޓަރަކަށް މަހަކު ފަސް ރުފިޔާ ނަގާނެ އެވެ. އަދި އެއްގަމު ފެސިލިޓީގެ ފީ ގެ ގޮތުގައި ތެޔޮ ބަހައްޓާ ސްޓޯރޭޖް ޓޭންކުގެ އަކަފޫޓަކަށް މަހަކު ދެ ރުފިޔާ ފަންސާސް ލާރި ނަގާނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.