ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ބްލަޑް ބޭންކެއް ހުޅުވައިފި އެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އަލަށް ގާއިމުކުރި ބްލަޑް ބޭންކް ހުޅުވައިދެއްވީ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ. ބްލަޑް ބޭންކުގެ އިތުރުން ހޮސްޕިޓަލުގައި ގާއިމުކުރި ރިޕްރޮޑަކްޓިވް ހެލްތު ސެންޓަރު ވެސް ހުޅުވައިދެއްވި އެވެ.
ގދ. އަތޮޅުގެ ސިއްހީ ހިދުމަތަށް 55 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ވާހަކަ ދައްކަވަމުން ހަލީލު ވިދާޅުވީ ތިނަދޫ ސިޓީގެ ރައްޔިތުން ބޭނުން ވަނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަން ކަމަށެވެ.
އެ މަޝްރޫއުގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ޓާޝަރީ ހޮސްޕިޓަލް އަޅާނީ މިހާރު ހޮސްޕިޓަލް ހުރި ބިމުގައި ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ އާއެކު އަލަށް އަޅާ އިމާރާތުގައި އީއާރުގެ ހިދުމަތް ވެސް މިހާރަށް ވުރެ ރަނގަޅު ފެންވަރުގައި، ޒަމާނީ ޓެކްނޮލޮޖީ އާއެކު ފޯރުކޮށްދެވޭނެ ކަމުގަ އެވެ.
އެގޮތުން ބައިނަލްއަގުވާމީ ފެންވަރުގެ ޓެކްނޮލޮޖީތަކާ އެކު އޮޕަރޭޝަން ތިއޭޓަރުތަކެއް ތަރައްގީ ކުރެވިގެންދާނެ ކަމުގަ އެވެ. މި މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ އެންމެފަހުގެ މަސައްކަތްތައް ކުރައްވަމުންދާކަން ފާހަގަކުރެއްވި އެވެ.
ތިނަދޫގައި ސިއްހީ ދާއިރާ ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެ ސިޓީގައި ވެލްނެސް ސެންޓަރެއް ހިމެނޭހެން އާބަން ޕްރައިމަރީ ހެލްތުކެއަ ސެންޓަރެއް ތަރައްގީ ކުރެވޭނެ ކަމަށް ވެސް ހަލީލު ވިދާޅުވި އެވެ.
އަދި އެމްއާރުއައިގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި އަންނަ އަހަރުގެ ތެރޭގައި އެ ހިދުމަތް ވެސް ފެށޭނެ ކަމަށް އުންމީދުކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ރަސްމިއްޔާތު ހޮސްޕިޓަލަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ފަރާތްތަކަށް އެކަމުގެ އަގުވަޒަންކޮށް ވަނީ ހަނދާނީ ލިޔުން ދީފަ އެވެ. އަދި އަހަރީ ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ އެކި މުބާރާތްތަކުގެ ވަނަތަކަށް އައި ފަރާތްތަކަށް ވެސް ވަނީ އިނާމު ދެއްވާފަ އެވެ.