ޚަބަރު ޝަރުޢީ ދާއިރާ

ދެ އަހަރު ކުރިން ބައިސްކަލެއް ވަގަށް ނެގި މީހަކު ތިން މަހަށް ޖަލަށް ލައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ކްރިމިނަލް ކޯޓު/ ފޮޓޯ:ދެން

2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބައިސްކަލެއް ވަަގަށް ނެގި މީހަކު ތިން މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

Ads by Hajj Corporation

އަމީރުއަހުމަދު މަހުގައި ހުންނަ ކޮމާޝަލް ބޭންކުގެ ކުރިމަތީގައި ބަހައްޓާފައި ހުރި އެމްޓީބީ ބްރޭންޑުގެ ނޫކުލައާއި ފެހިކުލައިގެ ބައިސްކަލެއް ވަގަށް ނަގައިގެން ވައްކަން ކުރުމުގެ ދައުވާ އުފުލާފައިވަނީ ކ. ތުލުސްދޫ، އުދުހޭކޮކާ، އަބްދުލް މަޖީދު އަބްދުﷲ ގެ މައްޗަށެވެ. މި ވައްކަން ކުރީ މީގެ ދެ އަހަރު ކުރިން އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހު އެވެ.

އަބްދުލް މަޖީދުގެ މައްޗަށް ސާބިތުވެފައިވާ ކުށަކީ ޖުނަހުގެ 1 ވަނަ ދަރަޖައިގެ ކުށެއްކަން ދައުލަތުން މިމައްސަލައިގެ ޝަރީއަތުގައި ފާހަގަކޮށްފައި ވެއެވެ. މި ކުށުގެ އަދަބަކީ 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ. އެހެންނަމަވެސް ދައުވާ ލިބޭ މީހާ ކުށަށް އިއުތިރާފުވެފައިވާތީ އަސާސީ މިންގަނޑުން 1 ދަރަޖަ ދަށްވާނެތީ ކުށުގެ އަދަބަކީ 3 މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަަލަށް ލުންކަމަށް ހުކުމުގައި ބުނެފައި ވެއެވެ.

ކްރިމިނަކް ކޯޓުގެ ގާޒީ އިބްރާހިމް ޒިހުނީ ސޮއިކުރައްވައި ކަނޑައެޅި ނިޔާގައި ވައްކަމުގެ ކުށުގައި އަބްދުލް މަޖީދުގެ މައްޗަށް ހުކުމް ކުރީ 3 މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށެވެ. މިމައްސަލައިގައި އޭނާ މީގެ ކުރިން ބަންދުކޮށްފައި ނުވާތީ މިމުއްދަތު ތަންފީޒު ކުރާނެ އެވެ.

މިމައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.

Ads by Allied Insurance