ގަރާރުތައް އެކަނި ނެރުމުގެ ބަދަލުގައި އަމަލީ ސިފަ ދައްކަން އދ. ގައި ރައީސް ގޮވާލައިފި

ގައުމުތައް ގުޅިގެން ނަތީޖާ ނެރުނު ހަމައެކަނި ކަރުދާހުގައި އޮތުމުގެ ބަދަލުގައި އަމަލީ ގޮތުން ދައްކަން ޖެހޭ ހިސާބަށް ގެންދަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިިއްޒު ވިދާޅުވެއްޖެެ އެވެ.
މިރޭ އދ. ގެ އާންމު މަޖިލީހުގައި ކުރިއަށް ދިޔަ "ސަމިޓް އޮފް ދަ ފިއުޗާ" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ ދޭދޭ ގައުމުތައް ގުޅިގެން ގަރާރުތައް އެކުލަވާލި ނަމަވެސް އެ ގަރާރުތަކުން ނަތީޖާ ނުނެރެވޭ ކަމަށެވެ.
ހަމަ އެހެންމެ އދ. އިން އެކި ތަސައްވަރުތައް އެކުލަވާލަމުންދާތާ އެތައް ޒަމާނެއް ވެއްޖެ ކަމަށާއި ނަމަވެސް އޭގެ އަމަލީ ނަތީޖާވެސް ނުފެންނަ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ މި އަހަރު ބޭއްވި ސްމޯލް، އިންޑިޕެންޑެޓް ޑިވޮލޮޕިން ސްޓޭޓްސް(ސިޑްސް) ސަމިޓުގައި އެކުލަވާލި އެންޓިގުއާ އަދި ބާބިއުޑާ އެޖެންޑާއާއެކު މިރޭ ހުޅުވި ސަމިޓުން ހާސިލުކުރަން ކަނޑާއަޅާފައިވާ ނަތީޖާއާއެކު އާ ތަސައްވުރެއް ހަގީގަތަކަށް ހެދިދާނެ ކަމަށެވެ.
އެހެން ނަމަވެސް އެއީ އަޅުގަނޑުމެން އެކަމަށް ޖާގަ ދީގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެހެންކަމުން ދޭދޭ ގައުމުތައް ގުޅިގެން ނެރެން މަސައްކަތް ކުރާ ނަތީޖާއަކީ ހަމައެކަނި ކަރުދާހުގައި އޮންނަ ކަމެއްގެ ބަދަލުގައި އަމަލީ ނަތީޖާ ނެރެންޖެހޭ ވަގުތު އައިސްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.