މިފްކޯގެ ސައިޓުތަކުގައި ދަނޑުވެރިކަން ފުޅާކުރަނީ

ދަނޑުވެރިކަމުގެ ދާއިރާގައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ އިސް ބޭފުޅުންނާ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.
މިފްކޯގެ ހެޑް އޮފީހުގައި މިއަދު ކުރިއަށް ދިޔަ ބައްދަލުވުމުގައި އެ ކުންފުނީގެ ސައިޓުތަކުގައި ހުރި ދަނޑު ބިންތައް ދިރާސާކޮށް، އެ މަސައްކަތް ފުޅާކުރުމަށް މަޝްވަރާކޮށް، އެ މަސައްކަތް ކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ވަނީ ނިންމާފަ އެވެ.
އެގޮތުން މިފްކޯގެ ސައިޓުތައް ކަމަށްވާ ފެލިވަރާއި ކޫއްޑޫގައި ގެންގުޅޭ ބަކަރި އަދި ކުކުޅު ފަދަ ޖަނަވާރުތައް އިތުރު ކުރާނެ ގޮތްތަކާ މެދު ވަނީ މުހިންމު މަޝްވަރާތަކެއް ކޮށްފަ އެވެ. އަދި ފުނައްޑޫގައި ދަނޑުވެރިކަން ފުޅާކުރުމުގެ އަމަލީ މަސައްކަތް ގެންދާނެ ގޮތާ މެދު ވެސް ވާހަކަ ދެކެވުނު ކަމަށް މިފްކޯއިން ބުނެ އެވެ.
އޭގެ އިތުރުން އެ ކުންފުނީގެ މުވައްޒަފުންނަށް އަމާޒުކޮށް ދަނޑުވެރިކަމުގެ ފަންނީ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށް މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިފްކޯއިން ބުންޏެވެ.

ދަނޑުވެރިކަމުގެ ދާއިރާގައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މިފްކޯއިން އެގްރިކަލްޗާ މިނިސްޓްރީ އާއެކު މަޝްވަރާ ކުރުން / ފޮޓޯ:މިފްކޯ
މިފްކޯއިން ބުނި ގޮތުގައި ބައްދަލުވުމުގައި ދަނޑުވެރިކަމުގެ ދާއިރާއިން އެ ކުންފުންޏަށް ދޭންވާ ހުރިހާ އެއްބާރުލުމަކާއި އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެގްރިކަލްޗަ މިނިސްޓްރީގެ އިސް ބޭފުޅުން ދެއްވާފައިވާ ކަމުގަ އެވެ.
އެގޮތުން މިފްކޯގެ ސައިޓުތަކުގެ ދަނޑު ބިންތަކާއި ގަސްގަހާއިގެއްސާއި ގެންގުޅޭ ޖަނަވާރުތަކަށް ދިމާވާ މައްސަލަތަކާ އަދި ޖެހޭ ބަލިތައް ދެނެގަނެ، ހައްލު ހޯދުން ހިމެނޭ ކަމުގަ އެވެ. އަދި އެ ކަންކަން ހަރުދަނާކޮށް، ފުޅާކުރުމުގައި މިނިސްޓްރީގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ވެސް ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމުގަ އެވެ.
މިފްކޯގައި ގާތްގަނޑަކަށް 2،000 އެއްހާ މުވައްޒަފުން މަސައްކަތް ކުރާއިރު، އެ ކުންފުނިން ކުރާ ދަނޑުވެރިކަމުން ކުންފުނީގެ ސައިޓުތަކުގެ މުވައްޒަފުންގެ ކޮއްތަށް ކުރަން ޖެހޭ ހަރަދުގެ ބައެއް ސަލާމަތް ކުރެ އެވެ. އަދި ބަކަރި ނުވަތަ ކުކުޅު ފަދަ ޖަނަވާރުތައް ވިއްކައިގެން ވެސް އެ ކުންފުނީގެ ހަރަދުތައް މެނޭޖުކުރެ އެވެ.
މާފަންނު ސަހަރަަަާ ހުސްކުރަނީ މިފްކޯއިން ދަނޑު ހައްދަންތަ؟