ރައީސް، އޮމާނާ ސައުދީގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އޮމާން އާއި ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.
ރައީސް، އެބޭފުޅުންނާއި ބައްދަލުކުރެއްވީ އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގަ އެވެ. އެ ބައްދަލުކުރެއްވުމުގައި ސައުދީ އަރަބިއްޔާގެ ވަފުދުގެ އިސްވެރިޔާ އަދި ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރްހާދް އަލް-ސައޫދްއާ ވަނީ ބައްދަލުކުރައްވާފަ އެވެ. އަދި އޮމާންގެ ވަފުދުގެ އިސްވެރިޔާ އަދި ފޮރިން މިނިސްޓަރު ސައްޔިދު ބިން ހަމަދް ބިން ހަމޫދް އަލްބުސައިދީއާ ވަނީ ބައްދަލުކުރައްވާފަ އެވެ.
އޮމާންގެ ފޮރިން މިނިސްޓަރާ އެކު ބޭއްވި ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދިވެހި ސަރުކާރުގެ ތަރައްގީގެ އެޖެންޑާ ހިއްސާކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ބަޖެޓް ސަޕޯޓާއި އިންފްރާސްޓްރަކްޗާ ތަރައްގީކުރުމާއި ޓީޗަރުން ތަމްރީނުކުރުމާއި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުން ފަދަ ރާއްޖެ އަށް އިތުރު އެހީތެރިކަން ބޭނުންވާ ދާއިރާތައްވެސް އެ ބައްދަލުވުމުގައި ފާހަގަކުރައްވާފަ އެވެ.
އޭގެ އިތުރުން މި ބައްދަލުކުރެއްވުމުގައި އެ ދެ ބޭފުޅުން ވަނީ ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރެއްވުމާއި ދެ ގައުމުގެ ސިޔާސީ އަދި އިސްތިރާޖީ ގުޅުންތައް އިތުރަށް ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
އަދި އޮމާންގެ ސަރުކާރުން ރާއްޖެއަށް ވަމުންދާ އެހީތެރިކަމަށްޓަކައި އެ ގައުމުގެ ސަރުކާރަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ސައުދީގެ ފޮރިން މިނިސްޓާރާ އެކު ބޭއްވި ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ފިސްކަލް ރިފޯމާއި ތައުލީމާއި ސިއްހަތާއި އިގްތިސާދީ ތަރައްގީއާއި އަދި ހައްޖުގެ އަޅުކަމާ ގުޅޭ ކަންކަން ފަދަ ރާއްޖެއަށް އިތުރު އެހީތެރިކަން ބޭނުންވާ މުހިންމު ދާއިރާތައް ފާހަގަކުރައްވާފައިވެ އެވެ. އަދި ސައުދީގެ ފޮރިން މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި އެގައުމުގެ ސަރުކާރުން އެކިއެކި ދާއިރާތަކުން ރާއްޖެއަށްވަމުންދާ އެހީތެރިކަން އެގޮތުގައި ކުރިއަށް ގެންދަވާނެ ކަމުގައި ވިދާޅުވި އެވެ.
ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން ފާހަގަކުރައްވައި ރާއްޖޭގެ ތަރައްގީއަށް ސައުދީ އަރަބިއްޔާއިން މެދުކެނޑުމެއްނެތި ވަމުންދާ އެހީތެރިކަމަށްޓަކައި އެގައުމުގެ ސަރުކާރަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. އަދި ސައުދީގެ ފޮރިން މިނިސްޓަރުގެ ވާހަކަފުޅުގައި އެގައުމުގެ ސަރުކާރުން އެކިއެކި ދާއިރާތަކުން ރާއްޖެއަށްވަމުންދާ އެހީތެރިކަން އެގޮތުގައި ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ދެއްވި އެވެ.
މީގެ އިތުރުން ދެ ގައުމުން ވެސް އިސްކަންދޭ މުހިންމު ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާއި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެއްވި އެވެ.