ޚަބަރު

ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކިކުރާ މީހުންނަށް ގާނޫނީ އެހީދޭން އެމްޑީޕީން ނިންމައިފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން
އެމްޑީޕީން މީގެ ކުރިން ބޭއްވި ޖަލްސާއެއްގެ ތެރެއިން/ ފޮޓޯ: ދެން

ސިޔާސީ ސަބަބުތަކަށްޓަކައި ސަރުކާރު ވަޒީފާތަކުން ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް ގާނޫނީ އެހީތެރިކަން ދިނުމަށް އިދިކޮޅު އެމްޑީޕީން ނިންމައިފި އެވެ.

Ads by MWSC

އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރުގެ ކުންފުނިތަކާއި ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ސަރުކާރަށް ނުވަތަ ރައީސް ޑރ. މުހައްމދަު މުއިއްޒަށް ތާއީދުނުކުރާ މުވައްޒަފުންނަށް ސިޔާސީ ގޮތުން ބިރުދައްކައި ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށެވެ.

އެފަދަ މުވައްޒަފުންނަށް އެ ޕާޓީގެ ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ވަޒީފާއާ ގުޅޭ ހުރިހާ މައުލޫމާތެއް ވީ އެންމެ އަވަހަށް ފޮނުވައިދިނުމަށް އެމްޑީޕީން އެދިފައިވެ އެވެ.

އެމްޑީޕީން ބުނީ އެ މައުލޫމާތު ފޮނުވާނީ ހެލްޕް ލައިން މެއިލް ނުވަތަ ވައިބާ ނަންބަރަށް, 7341637 ކަމަށެވެ.

ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރުން ހުއްޓާލައި، ސަރުކާރުގެ ހަރަދުކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތައް އެންމެ ފުރަތަމަ ސަރުކާރާ ހަމައިން ފެށުމަށާއި އެގޮތުން ސިޔާސީ މަގާމުތަކަށް އައްޔަނުކޮށްފައިވާ 2,000 އަށްވުރެ ގިނަ މީހުންގެ ތެރެއިން، ކުރާން އެއްވެސް މަސައްކަތެއް ނެތި އައްޔަނުކޮށްފައި ތިބި މީހުން މަގާމުތަކުން ވަކިކޮށް، އެފަދަ މަގާމުތައް މަދުކުރުމާއެކު، ސަރުކާރުން ބޭކާރުގޮތުގައި ކުރަމުންދާ ހަރަދުތައް ހުއްޓާލުމަށް އެމްޑީޕީން ވަނީ މީގެ ކުރިން ސަރުކާރަށް ގޮވާލާފަ އެވެ.

އެމްޑީޕީން ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި މީހުން ވަކިކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

އެހެންނަމަވެސް އެގޮތަށް ވަކިކުރާ މީހުންގެ ތެރޭގައި ހިމެނެނީ ކޮންޓްރެކްޓް އުސޫލުން ނަގާފައިވާ މަސައްކަތާ ނުބައްދަލު މުވައްޒަފުންނެވެ.

Ads by HDC