ޚަބަރު

ގައުމުތަކުގެ ވެރިންނާ ކުރައްވާ ބައްދަލުވުންތަކުން އާ އިންވެސްޓްމަންޓްތައް ގެނެވޭނެ: މުންދު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު ކުވެއިތުގެ ވަލީ އަހުދާ ބައްދަލުކުރެއްވުން--

ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެލެއްވުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގައުމުތަކުގެ ވެރިންނާ ކުރައްވާ ބައްދަލުވުންތަކުން އާ އިންވެސްޓްމަންޓައް ގެނެވޭނެ ކަމަށް ޔޫއޭއީއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފު(މުންދު) ވިދާޅުވެއްޖެ އެވެ.

Ads by STELCO

ރައީސްގެ ދަތުރުފުޅާ ގުޅޭ ގޮތުން ޕީއެސްއެމް އިން މިރޭ ގެެނެސްދިން ޕްރޮގްރާމްގައި ޝަރީފް ވިދާޅުވީ ރައީސްގެ އދ. ގެ ދަތުރުފުޅުގެ ހަވާސާގެ ތެރެއިން އެކި ގައުމުތަކުގެ އެކި ބޭފުޅުންނާއި މިހާރު ބައްދަލު ކުރައްވަމުން ގެންދަވާ ކަމަށެވެ.

އަދި އެ ބައްދަލުވުންތަކުގައި އެކި ކަންކަމާ ގުޅޭ ގޮތުން ގައުމުތަކުގެ ވެރިންނާ މަޝްވަރާކުރައްވަމުން ގެންދަވާ ކަަމަށް ޝަރީފް ވިދާޅުވި އެވެ. އެ ގޮތުން އެއް ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ އިންވެސްޓްމަންޓްތައް ގެނައުމާ ގުޅޭ ކަންކަމެވެ.

އެ ގޮތުން އޭގެ މިސާލެއް ނަންގަވަމުން ޝަރީފް ވިދާޅުވީ ކުވެއިތަކީ ވަރަށް ފުދުންތެރި ވެސް ގައުމެއް ކަމަށާއި އެހެން ނަމަވެސް ކުވެއިތުގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި އެހާ ގިނަ ނޫން ކަމަށެވެ.

އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ކުވައިތުގެ ވަލީއަހުދު ޝެއިޚް ސަބާޙް އަލް ޚާލިދު އަލްޙަމާދު އަލް މުބާރަކް އަލްސަބާޙްއާ ރައީސް ބައްދަލު ކުރެއްވި އެވެ. އެ ބައްދަލުވުމުގައި ސިއްހީ ދާއިރާއަށް އިންވެސްޓްމަންޓްތައް ގެނައުމާ ގުޅޭ ގޮތުން މަޝްވަރާކުރި ކަމަށް ރައީސް އޮފީހުން ވެސް ބުނެފައިވެ އެވެ.

އޭނާ ވިދާޅުވީ ކުވައިތުގައި ވަރަށް ބޮޑެތި މަހުޖަނުންތަކެއް ތިބޭ ކަމަށާއި އަދި ކުވެއިތުގެ ސަރުކާރުގައި ވެސް އިންވެސްޓްމަންޓާ ގުޅޭ އެކި އިދާރާތައް ހުންނަ ކަމަށެވެ. ކުވެއިތުގެ ވިޔަފާރިވެރިންނަކީ، ފައިދާ ލިބޭ އިންވެސްޓްމަންޓްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުން އަންނަ ބައެއް ކަން ފާހަގަ ކުރެއްވި އެވެ.

އެހެންކަމުން ކުވައިތުގެ އިސް ބޭފުޅުންނާ ވާހަކަ ދެއްވުމުގެ ނަތީޖާއަކަށް ވާނީ މާދަމާ މަސްވެރިކަމާއި އެހެނިހެން ސިނާއަތްތަކަށް އިންވެސްޓްކުރަން މީހުން އައުން ކަމަށެވެ.

"އެހެންވީމާ ރައީސް ބައްދަލުކޮށްލައްވާ ކޮންމެ ބައްދަލުވުމެއްގެ އާހިރު ނަތީޖާއަކީ މިތާ އިނދެފަ އަޅުގަނޑުމެންނަށް އަންދާޒާކުރަން ވެސް ނޭނގިދާނެއޭ. ކައިރި މުސްތަގުބަލެއްގައި ނުވަތަ މެދު ރާސްތާއާ ހަމައަށް ދާއިރު ހަމަ ވަރަށް ބޮޑު ފައިދާތަކެއް ވެސް ހަމަ ވެދާނެ،" ޝަރީފު ވިދާޅުވި އެވެ.

ރައީސް ގެންދަވަނީ ގިނަ އަދަދެއްގެ ގައުމުތަކުގެ ވެރިންނާ ބައްދަލު ކުރައްވަމުންނެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއްޔާ، އޮމާން، ޔޫއޭއީ، ޗައިނާ ހިމެނެ އެވެ. އޭގެ އިތުރުން ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާއި، އދ. ގެ ސެކްރެޓަރީ ޖެނެރަލްއާ ވެސް އެމަނިކުފާނު ބައްދަލު ކުރެއްވި އެވެ.

އެމަނިކުފާނު ގެންދަވަނީ ހަވާސާގައި ބާއްވަމުންދާ ގިނަ އިވެންޓުތަކުގައި ވެސް ވާހަކަފުޅު ދައްކަވަމުންނެވެ. އދ. ގެ ސަލާމަތީ މަޖިލީހުގައި ވެސް އެމަނިކުފާނު ތަގުރީރެއް ދެއްވުމަށް ހަމަޖެހިފައިވާއިރު، ކުދި ޖަޒީރާ ގައުމުތަކުގެ ތަރައްގީއަށް ބޭއްވި މަޝްވަރާ ބައްދަލުވުމެއްގެ ކޯ-ޗެއާ ކަން ވެސް ކުރެއްވި އެވެ.

 

 

Ads by HDC