ޚަބަރު

ހައްޖު ކޯޕަރޭޝަނުން ތަރައްގީކުރާ ރެސިޑެންސްގެ ޑިޒައިންގެ މަސައްކަތް އެފްޑީސީއާ ހަވާލުކޮށްފި 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލާއި ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލު/ ފޮޓޯ: އެފްޑީސީ

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ތަރައްގީކުރާ "ނިއަމް ރެސިޑެންސް" މަޝްރޫއުގެ ޑިޒައިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ

Ads by Sosun Fihaara

އެ އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލެވެ. އަދި ހައްޖު ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލެވެ.

އެފްޑީސީއިން ބުނީ އެ އެއްބަސްވުމުގެ މަގްސަދަކީ ހައްޖު ކޯޕަރޭޝަނުގެ, ނިއަމް ރެސިޑެންސް މަޝްރޫއުއަށް ބޭނުންވާ އާކިޓެކްޗަރަލް, އިންޖިނިއަރިން އަދި ކުރެހުންތައް ފޯރުކޮށްދިނުމާއި ކޮންސަލްޓެންސީގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

އެފްޑީސީއިން ބުނީ އިސްލާމިކް މިނިސްޓްރީއާއި މޯލްޑިވް ގޭސްއާއެކު ވެސް އެމްއޯޔޫއެއްގެ ދަށުން އެ ފަދަ ހިދުމަތްތައް ފޯރުކޮށްދެމުންދާ ކަމަށެވެ.

އެފްޑީސީއަށް 5 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން އެ ކޯޕަރޭޝަނުގެ މެންޑޭޓަށް އައި ބަދަލާއެކު އެ ކޯޕަރޭޝަނުން އާމްދަނީ އިތުރުކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ބުނެފައިވެ އެވެ.

އެ މަޝްރޫއުތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމަކީ އެ ދާއިރާއިން އިތުރު ފުރުސަތުތައް ހުޅުވި އެ ކުންފުންޏަކީ ފައިދާ ލިބޭ ކުންފުންޏަކަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް އެފްޑީސީއިން ބުނެ އެވެ.

އެފްޑީސީއިން ބުނީ އެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި އެ ކޯޕަރޭޝަނުން ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމަށެވެ.

މި މަހުގެ 14 ވަނަ ދުވަހު ހައްޖު ކޯޕަރޭޝަނުން ހުޅުމާލޭގައި އަޅާ, 9 ބުރީގެ އޮފީސް އިމާރާތުގެ ބިންގާ އެޅުމަށް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަކީލް ވިދާޅުވީ ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި ވަރަށް ގިނަ ބޮޑެތި ޕްރޮޖެކްޓްތަކެއް ފެނިގެންދާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!