ޚަބަރު

ލާމު މެރެތަން މި ފަހަރު ވަރަށް ފޯރި ގަދަ!

ޢާއިޝަތު ނުހާ ، ދެން އޮންލައިން
މިދިޔަ އަހަރު ލާމު އަތޮޅުގައި ބޭއްވި މެރަތަންގެ ފޮޓޯ/ ފޮޓޯ: ލާމު އަތޮޅު ކައުންސިލް

މި އަންނަ ހުކުރު ދުވަހު ލާމު އަތޮޅުގައި ބާއްވަން ހަމަޖެހިފައިވާ "ލާމު މެރަތަން 2024" ފޯރި ގަދަ ވާނެ ކަމަށް އެ މެރަތަން އިންތިޒާމުކުރާ, އެ އަތޮޅުގެ ކައުންސިލުން ބުނެފި އެވެ.

Ads by STELCO

ގިނަ މުއައްސަސާތަކެއް ގުޅިގެން ކުރިއަށް ގެންދާ އެ މެރަތަން މެއިން ސްޕޮންސަރަކީ ޗައިނާގެ ޒިއަމެން ސްޕޯޓް އެވެ.

އެ މެރަތަންގެ މީޑިއާ ޕާޓްނަރަކީ "ދެން އޮންލައިނެވެ. އޭގެ އިތުރުން އަރަފަ ޓްރޭޑާސް، ފޮނަދޫ ކައުންސިލް, ގަމު ކައުންސިލް, ދިވެހި ފުލުހުންގެ ހިދުމަތް, ފެނަކަ ކޯޕަރޭޝަން, އެމްޓީސީސީ, ދިރާގު, ގަމު ރީޖަނަލް ހޮސްޕިޓަލް, ފޮނަދޫ ސިއްހީ މަރުކަޒު, ލާމު އަތޮޅު ތައުލީމީ މަރުކަޒު, އަދި އިހައްދޫ ސްކޫލްގެ ބައިވެރިވުން ހިމެނިގެންދާނެ އެވެ.

ލާމު އަތޮޅު ކައުންސިލުން ބުނީ އެ ކައުންސިލްގެ އަމާޒަކީ މި އަހަރުގެ މެރަތަންގައި 1000 ބައިވެރިން ހިމެނިގެން ދިއުން ކަމަށެވެ.

ކެޓަގަރީތަކާއި ގަޑިތައް:

  • ކިޑްސް ފަން ރަން (250 ސްލޮޓްސް) - ހަވީރު 4:00
  • 5 ކިލޯމީޓަރު - ހެނދުނު 6:30
  • 10 ކިލޯމީޓަރު - ހެނދުނު 6:00
  • ހާފް މެރަތަން - ފަތިހު 5:30
  • ފުލް މެރަތަން - މެންދަމު 2:30

5 ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މެރަތަންގައި މިހާތަނަށް 500 އަށް ވުރެ ގިނަ ބައިވެރިން ރަޖިސްޓްރީކޮށްފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ.

ރާއްޖެއިން ބޭރުގެ ގައުމުތަކުގެ ދުވުންތެރިވެސް އެ މެރަތަންގައި ރަޖިސްޓްރީވެފައިވާކަން ފާހަގަކުރަމުން ލާމު އަތޮޅު ކައުންސިލުން ބުނީ އޮސްޓްރޭލިއާ, ބަންގްލަދޭޝް, ޗައިނާ, އިންޑިއާ އަދި ނޭޕާލްގެ ބައިވެރިން ހިމެނޭ ކަމަށެވެ.

މި ކައުންސިލުން ބުނީ މާދަމާ އެ މެރަތަންގެ ބައިވެރިންނަށް ކިޓް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޮންމެ ކެޓަގަރީއަކުންވެސް އަންހެން އަދި ފިރިހެން ބައިވެރިން ވަކި ވަކިން, 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވުމަށް ނިންމާފައިވެ އެވެ. އަދި ރާއްޖެއިން ބޭރުން ބައިވެރިވި ބައިވެރިންގެ މެދުގައި ވެސް އަންހެން އަދި ފިރިހެން ވަކި ވަކިން 1 ވަނަ 2 ވަނަ 3 ވަނަ ހޮވުން އޮންނާނެ ކަމަށް އަތޮޅު ކައުންސިލުން ބުނެ އެވެ.

އެ މެރަތަންގެ ހާފް މެރަތަން ކެޓަގަރިން އެއް ވަނައަށް ހޮވޭ އަންހެން ބައިވެރިއަކާއި ފިރިހެން ބައިވެރިއަކަށް މާލެއިން ޗައިނާގެ, ޒިއަމެންއަށް ދަތުރުކުރުމަށް ދެކޮޅު ޓިކެޓު ލިބިގެންދާނެ އެވެ. އަދި މުޅި މެރަތަންގެ ބައިވެރިންގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ބައިވެރިއަކަށް މާލެއިން ޗައިނާގެ ޒިއަމެންއަށް ދަތުރުކުރުމަށް ދެކޮޅު ޓިކެޓު ލިބިގެންދާނެ ކަމަށެވެ.

މި މެރަތަންގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު, ވަން ލިޒިންއާއި ޗައިނާ އެމްބަސީގެ ޑިޕްލޮމެޓިކުން އަދި ޒިއަމެންގެ މަންދޫބަކު ބައިވެރިވާނެ އެވެ.

Ads by Allied Insurance