މަގުތައް ކޮނުމުގައި ދިމާވާ މައްސަލަތަކާ ގުޅިގެން ސަލާމަތީ އުސޫލުތައް ގާއިމްކޮށްފި
އާންމު ސަރަހައްދުތަކުގައި މަގުތައް ކޮންނައިރު ދިމާވާ މައްސަލަތަކާ ގުޅިގެން ސަލާމަތީ އުސޫލުތަކެއް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ގާއިމްކޮށްފި އެވެ.
ފެނަކައިން މި އުސޫލުތައް ގާއިމްކޮށްފައިވަނީ އައްޑޫ ސިޓީން ކަރަންޓް ކެނޑޭ މައްސަލަ ދިމާވެފައިވާ ވަގުތެއްގައެވެ.
ފެނަކައިން ގެނެސްފައިވާ އިސްލާހުގައި ވަނީ އެ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް ކަމުގައިވާ، ކަރަންޓާއި ފެން އަދި ނަރުދަމާގެ ނެޓްވޯކްތައް ރަށުގެ ހިސާބުތަކަށް ފޯރުކޮށްދެނީ ބިމުގައި ވަޅުލައިގެން ކޭބަލް ހޮޅި ނުވަތަ މިފަދަ ނެޓްވޯކްތަކެއްގެ ޒަރިއްޔާއިން ކަމަށެވެ.
މި ކޭބަލްތައް ވަޅުލާފައިވަނީ ބިމުގެ ތިލަ ހިސާބުތަކުގައި ކަމުން، މަގު ކޮނެ ނުވަތަ ތޮރުފުންފަދަ ކަންކަން ކުރާއިރު ދިމާވާ މައްސަލަތައް މަދުކުރުމުގެ ގޮތުން ދެން އެކަން ކުރާ ފަރާތަކުންނަށް އެކަން ކުރެވޭނީ އެރަށެއްގެ ފެނަކަ އޮފީހުގެ ޓެކްނިކަލް މުވައްޒަފުންގެ ހާޒިރުގައި ކަމަށް ފެނަކައިން ބުންޏެވެ.
އެހެންކަމުން މަގުތަކާއި އާންމު ސަރަހައްދުތަކަކީ ކައުންސިލްތަކުގެ ބެލުމުގެ ދަށުގައިވާ ތަންތަން ކަމުން އެ ސަރަހައްދުތަކުގައި މި މަސައްކަތް ކުރާއިރު ކުރަންވާނީ ކައުންސިލްގެ ބެލުމުގެ ދަށުގައި ކަމަށްވެސް ފެނަކައިގެ އިސްލާހުގައި ވެއެވެ. އަދި މިކަމަށް ހުރިހާ ކައުންސިލްތަކުގެ އެއްބާރުލުން ދިނުމަށްވެސް ފެނަކައިން އެދިފައި ވެއެވެ.
ފެނަކައިން ބުނީ އަސާސީ ހިދުމަތްތަކަކީ އެ ހިދުމަތްތައް މެދުކެނޑި ހިނގާ ކޮންމެ މިނެޓެއްގައިވެސް ރައްޔިތުންގެ ދިރިއުޅުމަށް އެތަކެއް ގެއްލުންވާނެ ކަމެއް ކަމަށެވެ. އަދި މިކަހަލަ ކަމެއް ކުންފުނީގެ ހިއްސާއެއް ނެތި ދިމާވާކަންވެސް އެނގެނީ ހިދުމަތް ކެނޑިގެން ރައްޔިތުންގެ ޝަކުވާ ހުށަހެޅުމުން ކަމަށްވެސް ފެނަކައިން ބުންޏެވެ.