ޚަބަރު

މަސްއޫލިއްޔަތަކީ އަމާނާތެއް, ދުނިޔެއާއި އާހިރަތުގައިވެސް ޖަވާބުދާރީވާން ޖެހޭނެ: ހުތުބާ

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ދީނަށް ހިދުމަތް ކުރުމާ މެދު ފުންކޮށް ވިސްނައި އީމާންކަމުގެ ނަޒަރަކުން މި ކަމާ މެދު ދެކެން ޖެހޭ ކަމަށް ހުތުބާގައި ބުނި - ފޮޓޯ:އިސްލާމިކް މިނިސްޓްރީ

މަސްއޫލިއްޔަތަކީ މާތް ﷲ އެ ފަރާތަކާ ހަވާލުކުރައްވައިފައިވާ ވަރަށް ބޮޑު އަމާނާތެއް ކަމަށާއި މަސްއޫލިއްތާމެދު ދުނިޔެއާއި އާހިރަތުގައިވެސް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ހުކުރު ޚުޠުބާގައި ބުނެފި އެވެ.

Ads by Hajj Corporation

މިއަދުގެ ޚުޠުބާ ހާއްސަކޮށްފައިވަނީ "ޒިއްމާދާރުވުމާއި މަސްއޫލިއްޔަތު އުފުލުން" ކަމަށްވާއިރު އިސްލާމީ މުޖްތަމަޢުގެ ކޮންމެ ފަރުދަކީ މަސްއޫލިއްޔަތެއް އަދި ވާޖިބުތަކެއް ހުރި މީހެއްކަމަށް ބަޔާންކޮށްފައިވެ އެވެ.

ޚުޠުބާގައި ބުނީ ކޮންމެ އިންސާނަކީ އެމީހަކު ދުނިޔޭގައި ކުރާ ކޮންމެ އަމަލަކާއި ބުނާ ކޮންމެ ބަހަކާ މެދު މާތް الله ގެ ހަސްރަތުގައި ޖަވާބުދާރީވާން ޖެހޭނެ މީހެއް ކަމަށެވެ. އަދި ހަމަ އެ ފަދައިން ކޮންމެ މީހަކީ ދިރިއުޅެމުންދާ މުޖުތަމައުގައި އޭނާ ހިމެނޭ ހައިސިއްޔަތަކުން އެހެން މީހުންގެ ކުރިމަތީގައި ޖަވާބުދާރީވާން ޖެހޭނެ މީހެއް ކަމަށް ޚުޠުބާގައި ބުނެފައިވެ އެވެ.

"ކޮންމެ މަސްއޫލިއްޔަތަކީ މާތް ﷲ އެ ފަރާތަކާ ހަވާލުކުރައްވައިފައިވާ ވަރަށް ބޮޑު އަމާނާތެކެވެ. އެހެންކަމުން އެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުނުވާށެވެ!"

ގިޔާމަތް ދުވަހަކީ މި ދުނިޔޭގައި ކުރާ އެއްވެސް ކަމަކުން ރެކެވޭނެ އަދި ބަހަނާއެއް ދެއްކޭނެ ދުވަހެއް ނޫން ކަމަށް ޚުޠުބާގައި ބަޔާންކޮށްފައިވެ އެވެ.

ޚުޠުބާގައި ބުނެފައިވަނީ އަދުލު އިންސާފުގެ ދާއިރާއަށް ބަލާއިރުވެސް ކޮންމެ މީހަކީ ޒިންމާދާރު މީހަކަށް ވާން ޖެހޭ ކަމަށެވެ. އަދި އަދުލުއިންސާފުގެ ކުރިމަތީގައި މޮޅެއް ދެރައެއްގެ ތަފާތެއް އޮވެގެން ނުވާނެ ކަމަށާއި ކުށެއް ކޮށްފި ނަމަ ކޮންމެ މީހަކަށް ވެސް ހައްގު އަދަބު ލިބެން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

"ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ އަހަރެމެންގެ އީމާންކަމާ ގުޅިފައިވާ ދެ ސިފައެވެ."

ޒިންމާއާއި މަސްއޫލިއްޔަތު އަދާނުކުރުމަކީ ނަޒާހަތްތެރިކަން ގެއްލި، އަދުލުއިންސާފާ ދުރަށް ގޮސް، އަނިޔާވެރިކަމަށް މަގުފަހިވާނެ ކަންކަން ކަމަށް ޚުޠުބާގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން އަމިއްލަ މަސްލަހަތު އިސްކުރުމަކީ ތިމާ އަދާކުރާން ޖެހޭ މަސްއޫލިއްޔަތަށް އުނިކަން އަންނަ ކަމެއް ކަމަށާއި ފުރިހަމަ މުސްލިމުންނަކީ ތިމާގެ އަމިއްލަ ފައިދާއާއި މަސްލަހަތަށް ވުރެ ބޮޑަށް އަނެކުންގެ މަސްލަހަތަށް އިސްކަންދޭ މީހުން ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

Ads by Ooredoo