ޚަބަރު

ފައިސަލް ލާމުގެ ޒުވާނުންނަށް: އެއާޕޯޓް އިންޓަނޭޝަނަލް ކުރާއިރު ގެސްޓް ހައުސް ބެޑްތައް އިތުރުކުރޭ!

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް "ދެން" އަށް އިންޓަވިއު ދެއްވަނީ/ ފޮޓޯ: ދެން

ލ. އަތޮޅު އެއާޕޯޓް އިންޓަނޭޝަނަލް ވެގެންދާއިރު ގެސްޓް ހައުސްގެ ބެޑް ކެޕޭސިޓީ އިތުރުކޮށްދިނުމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެ އަތޮޅުގެ ޒުވާނުންގެ ކިބައިން އެދިވަޑައިގެންފި އެވެ.

Ads by Hajj Corporation

ފައިސަލް މިފަދައިން އެދިވަޑައިގެންފައިވަނީ މިއަދު ކުރިއަށްދާ "ލާމު މެރަތަން 2024" ޝަރަފުވެރިކޮށްދެއްވަން ލ އަތޮޅަށް ވަޑައިގެން ހުންނަވާ "ދެން" އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ފައިސަލް ވިދާޅުވީ މިއަދާ ހިސާބަށް އައި އިރު ލާމު އަތޮޅުގައި ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ހިނގަމުންދާތަން ނުފެންނަ ކަމަށާއި އެހެންނަމަވެސް ލ. އަތޮޅުގެ ޓޫރިޒަމް ދާއިރާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކެއް ހުރި ކަމަށެވެ.

މިކަންކަން ކުރުމަށް ލ. އަތޮޅު ކައުންސިލާއި ލ އަތޮޅު ރަށްތަކުގެ ކައުންސިލާއި އިދާރާތަކާއި ޖަމިއްޔާ ޖަމާއަތްތަކުން އަދި ޒުވާނުން ނިކުމެ ސަރުކާރުން ހުޅުވާލާ ލޯނު ފުރުސަތުތަކުގެ ބޭނުން ހިފާ ޓޫރިޒަމްގެ ދާއިރާއިން ގެސްޓް ހައުސް ވިޔަފާރިތަކަށް އިންވެސްޓްކުރުން އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.

ރައީސްގެ ވައުދުފުޅާ އެއްގޮތަށް ލާމުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅޭނެ ކަމަށާއި އޭގެ އެންމެ ފުރިހަމަ ފައިދާ ނެގޭނީ މިއަދު ޒުވާނުން ނިކުމެ ޓޫރިޒަމް ދާއިރާއަށް އިންވެސްޓް ކޮށްގެން ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ލާމު އަތޮޅުގެ ޒުވާނުންނަކީ ވަރަށް މަސައްކަތްތެރި, ހުނަރުވެރި އަދި ޝައުގުވެރިކަމާއެކީ މަސައްކަތް ކޮށްފިނަމަ ނަތީޖާއާ ހިސާބަށް ވާސިލުވެވޭ ވަރުގެ ހުނަރުވެރި ޒުވާނުން ކަމަށެވެ.

"އަޅުގަނޑު ދޭން ބޭނުންވާ މެސެޖަކީ ލާމު އަތޮޅުގެ ޒުވާނުންނަށް ނިކުމެ މިކަމުގައި މަސައްކަތް ކުރާށޭ އޭރުން 10 އަހަރު 15 އަހަރު ފަހުން އޭގެން ވަރަށް ރަނގަޅު އާމްދަނީ އެއް ލިބި, އެ ވިޔަފާރި އިތުރަށް ފުޅާ ކުރެވޭނެ ހިސާބަށް ޒުވާނުންނަށް ދެވޭނެ އޭ. އަމިއްލަ ވިޔަފާރީގައި އެ ހިސާބަށް ދިއުމަށް އަމާޒު ހިފައިގެން މަސައްކަތް ކުރާށޭ."

ފައިސަލް ވިދާޅުވީ ރައީސް މުއިއްޒު ލ. އަތޮޅަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދަވާނެ ކަމަށް ވަރަށް ބޮޑު ޔަގީންކަމެއް އޮތް ކަމަށެވެ. އަދިަ ލ އަތޮޅުގެ ކަންކަންކަމުގައި ސަރުކާރުން ލިބޭ އެއްބާރުލުން ފައިސަލް ފާހަގަކުރެއްވި އެވެ.

ފައިސަލް ވިދާޅުވީ ސަރުކާރުގެ ގިނަ މަގާމުތަކުގައި ލ އަތޮޅުގެ މީހުން ތިބިއިރު މިއީ ސަރުކާރެއްގެ ތެރެއިން ލާމު އަތޮޅަށް މީގެ ކުރިން ނުލިބޭ ވަރުގެ ފަހި ފުރުސަތުތަކެއް ކަމަށެވެ.