މޫލީ މެދުވެރިކޮށް އެލް މޮބައިލުން އައިފޯން ޕްރީއޯޑާކުރި ފަރާތްތަކަށް ފޯނުތައް ހަވާލުކޮށްފި
އުރީދޫ މޯލްޑިވްސްގެ މޫލީ މެދުވެރިކޮށް އެލް މޮބައިލުން އައިފޯނަށް ޕްރީއޯޑާކުރި ފަރާތްތަކަށް ފޯރިގަދަ މިއުޒިކް ޝޯއެއްގެ ތެރެއިން ފޯނުތައް ހަވާލުކޮށްފި އެވެ.
އުރީދޫ މޯލްޑިވްސްއިން އެލް މޮބައިލް އާއެކު ހެދި ޕާޓްނާޝިޕްގެ ދަށުން އެންމެފަހުގެ އައިފޯން ސީރީޒް ރާއްޖެއަށް ލޯންޗްކޮށްފައި ވަނީ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ރުއްގަނޑު ދޭއް ސަރަހައްދުގައި ބޭއްވި "ގްލޯ ނައިޓް" އިވެންޓުގަ އެވެ. މިއުޒިކް ޝޯގައި ހަބޭސް ބޮޑުބެރު ގްރޫޕާއި އެޗޭސިއާގެ އިތުރުން ޑީޖޭ ދީދުގެ ހުށަހެޅުންތައް ފެނިގެން ގޮސްފައިވެ އެވެ.
އެ އިވެންޓުގައި އައިފޯން 16 ސީރީޒްއަށް ޕްރީއޯޑާކުރި ކަސްޓަމަރުންނަށް ފޯނުތައް ހަވާލުކުރުން ވެސް ކުރިއަށް ގެންދިޔަ އެވެ. އަދި ޕްރީއޯޑާކުރި ފަރާތްތަކުގެ ތެރެއިން އައިފޯން 16 ލިބުނު ފަރާތް ވެސް ހޮވި އެވެ.
އެޕަލްއިން އައިފޯންގެ އާ ސީރީޒް މިދިޔަ މަހުގެ ނުވަވަނަ ދުވަހު ނެރުމާ އެކު އެލް މޮބައިލުން މޫލީ މެދުވެރިކޮށް އައިފޯން 16 އަށް ޕްރީއޯޑާކުރުމުގެ ފުރުސަތު ހުޅުވާލީ އެ މަހުގެ 20 ވަނަ ދުވަހުގެ ރޭގަ އެވެ.
އެލް މޮބައިލަކީ ރާއްޖޭގައި އެޕަލްގެ އޮތޮރައިޒްޑް ރީސެލާ އެވެ. އެލް މޮބައިލުން އަންނަނީ އެޕަލްގެ އެންމެފަހުގެ އުފެއްދުންތައް އަވަސްކަމާ އެކު ރަނގަޅު އަގުގައި ކަސްޓަމަރުންނަށް ލިބޭނެ ގޮތް ފަހިކުރަމުންނެވެ.
އެލްމޮބައިލުގެ ފިހާރަތަކުންނާއި އުރީދޫގެ މޫލީ މެދުވެރިކޮށް އައިފޯނާއި އެޕަލްގެ އާ އުފެއްދުންތައް މިހާރު ގަންނަން ލިބޭނެ އެވެ.
އައިފޯން 16 އާއި 16 ޕްލަސް އަދި 16 ޕްރޯ އާއި ޕްރޯ މެކްސްގެ ސްކްރީން ވަނީ ބޮޑުކޮށްފަ އެވެ. 16 ޕްރޯ ގެ ސްކްރީނުގައި 6.3 އިންޗި ހުރިއިރު، ޕްރޯ މެކްސްގެ ސްކްރީނުގައި 6.8 އިންޗި ހުންނާނެ އެވެ.
މި ސީރީޒްގައި ކެޕްޗާ ބަޓަންއެއް އިތުރުކޮށްފައިވާއިރު، އެ ބަޓަންއިން ފޮޓޯ ނެގުމާއި އެހެނިހެން ކެމެރާގެ ފީޗާތައް ކޮންޓްރޯލް ކުރެވޭނެ އެވެ. މީގެ އިތުރުން 16 ޕްރޯ މެކްސްގައި ހިމަނާފައި ވަނީ މިހާތަނަށް އައި ފޯނެއްގައި ހުންނާނެ އެންމެ ރަނގަޅު ބެޓެރީ ކަމަށް އެޕަލްއިން ބުނެ އެވެ.
އައިފޯން 16 ޕްރޯ އަދި ޕްރޯ މެކްސްގައި ހިމެނޭ ކެމެރާއިން ފޯކޭ ރިޒޮލިއުޝަންގައި 120 ފްރޭމްސްގެ ވީޑިއޯ ރެކޯޑު ކުރެވޭނެ އެވެ. މިއީ ކޮންޓެންޓް ކްރިއޭޓްކުރާ މީހުންގެ ވީޑިއޯތައް އާ ހަރުފަތަކަށް ގެންގޮސްދޭނެ ފީޗާ އެކެވެ. މި ދެ ފޯނުގެ އޭ 18 ޕްރޯ ޗިޕް، ބޭސް މޮޑެލްތަކަށް ވުރެ އަވަސްވެފައި ވަރުގަދަ ވާނެ ކަމަށް ވެސް އެޕަލްއިން ބުނެ އެވެ.
އައިފޯން 16 ސީރީޒްގެ ފޯނުތަކަށް މުޅިން އާ ފީޗާއެއް ކަމަށްވާ ވިޝުއަލް އިންޓެލިޖެންސް މި އަހަރުގެ ފަހުކޮޅު އަންނާނެ އެވެ. މި ފީޗާ ބޭނުން ކޮށްގެން ރެސްޓޯރެންޓެއް ނުވަތަ މިޔުޒިއަމްއެއް ކެމެރާއަށް ކެޕްޗާ ކުރުމުން އެތަނުގެ ތަފްސީލުތައް (މިސާލަކަށް މެނޫ އާއި ހިދުމަތުގެ އަގުތައް) ފަސޭހައިން ހޯދާލެވޭނެ އެވެ. އެހެންނަމަވެސް މިފީޗާ އަދި ލިބޭނީ މަދު ގައުމަކަށެވެ. އެޕަލްއިން ބުނެފައި ވަނީ އިތުރު ގައުމުތަކަށް މި ފީޗާ ތައާރަފުކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.