މީރާގެ ޑެޕއުޓީ ކޮމިޝަނާގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ސަރުކާރު ގެޒެޓުގައި ކުރި އިއުލާނުގައި ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެ މަގާމުގެ މުއްދަތު ހަމަވާތީ ކަމަށެވެ.
މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.
މަގާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް:
- އިގްތިސާދީ، މާލީ ވިޔަފާރި ނުވަތަ ޓެކްސްއާއި ގުޅުންހުރި ދާއިރާއަކުން މާސްޓަސް ޑިގްރީ ނުވަތަ އެއާ އެއް ފެންވަރުގެ ސަނަދެއް ސަރުކާރު ގަބޫލުކުރާ އިދާރާއަކުން ހާސިލްކޮށްފައިވުން ނުވަތަ ސަރުކާރުގެ މާލިއްޔަތާ ބެހޭ ދާއިރާއެއްގައި މަސައްކަތްކޮށް މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
- އެހެން ވަޒީފާއެއް އަދާކުރާ މީހެއް ކަމުގައި ނުވުން.
- ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރި ނުވުން އަދި އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކު ކަމުގައި ނުވުން.
- ގާނޫނުގައި ކަނޑައެޅިފައިވާ އިންތިހާބަކުން ހޮވާފައިވާ މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުން.
- އެއްވެސް ކުށުގެ މައްސަލައެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
- މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން.
- ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން.
މަގާމަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:
- މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމް.
- މަގާމަށް ކުރިމަތިލާ ފަރާތުގެ އިގުރާރު.
- ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)
- ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑު ފޯމް (އިއުލާންގެ ކުރި ތާރީހަށްވުރެ ފަހުން ދޫކޮށްފައިވާ ރެކޯޓަކަށްވުން)
- ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަން ކޮމިޝަނުން ސާފު ކުރަންޖެހޭ ފޯމް.
މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހަށް އެ ލިޔުންތައް ހުށަހަޅަންޖެހޭ ތާރީހަކީ ރަސްމީ ބަންދު ދުވަސްތައް ފިޔަވާ، އެހެން ދުވަސްތަކުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށެވެ. އަދި މި ފޯމުތަކާއި އިގްރާރު ރައީސް އޮފީހުގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވޭނެ ކަމަށް އިއުލާނުގައިވެ އެވެ.