ޚަބަރު އިޖުތިމާޢީ

ޓެންޑަ ބޯޑުގެ ހުއްދަ ނުހޯދާ އައްޑޫ ކައުންސިލުން 27 މިލިއަނާ ހަމައަށް ފަސް ޕްރޮޖެކްޓް ހަވާލުކުރި: އޮޑިޓް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އައްޑޫ ހިތަދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް.. ފޮޓޯ/ޓައިމްސް އޮފް އައްޑޫ

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ޓެންޑަ ބޯޑުގެ ހުއްދަ ހޯދުމުގެ ބަދަލުގައި 6.5 މިލިއަން ރުފިޔާއިން ފެށިގެން 27.7 މިލިއަން ރުފިޔާ އާ ދެމެދުގެ ފަސް ޕްރޮޖެކްޓެއް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ބިޑު ކޮމިޓީން އެވޯޑުކޮށްފައިވާ ކަމަށް އެ އިދާރާގެ އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.

Ads by Sosun Fihaara

އޮޑިޓަ ޖެނެރަލް ގެ އޮފީހުން އެކުލަވާލައި މިދިޔަ މަހުގެ 25 ވަނަ ދުވަހު އާންމުކުރި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ 2020 އަދި 2021 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވަނީ އައްޑޫ ސިޓީގެ ތިން އަވަށެއްގައި ގާއިމުކުރެވޭ "ގޭދޮށު މަސް ޕްލާންޓް" ތަކުގެ ކޮންސަލްޓެންސީ ފީ ދޫކުރުމުގެ ކުރިން ނިންމަން ޖެހޭ މަސައްކަތްތަކުގެ ތަފުސީލު އެއްބަސްވުމުގައި ހިމަނާފައިނުވާ ކަމަށެވެ. ދެހާސް ވިހި ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ނުވަ މަސް ދުވަހުގެ ކޮންސަލްޓެންސީ ފީ ގެ ގޮތުގައި 553،820 ރުފިޔާ ކައުންސިލްގެ އިދާރާއިން ހަރަދުކޮށްފައިވާ ކަމަށެވެ. މާޗް 2021 ވަނަ އަހަރުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެއްވެސް މަސް ޕްލާންޓެއްގެ އަމަލީ މަސައްކަތް ފެށިފައި ނުވާ ކަމަށެވެ.

ހިތަދޫ އަވަށުގައި ގާއިމުކުރާ "ގޭދޮށު މަސްޕްލާންޓް" ގާއިމުކުރުމުގެ މަސައްކަތް 9،201،855 ރުފިޔާއަށް 280 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް 2020 ވަނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު ކުންފުންޏަކާ ހަވާލުކުރި ކަމަށެވެ. އެހެންނަމަވެސް މަސައްކަތް ހަވާލުކުރި ކުންފުންޏަކީ މައުލޫމާތު ކަރުދާހުގައި ހިމަނާފައިވާ ގޮތަށް ކޮންޓްރެކްޓަރުގެ މާލީ ހާލަތު އަދި މަސައްކަތުގެ ތަޖުރިބާ ބަލަން ކަނޑައަޅާފައިވާ ބައެއް ކްރައިޓީރިއާތައް ހަމަނުވާ ފަރާތެއް ކަމަށެވެ.

"ހިތަދޫ މަސްޕްލާންޓްގެ މަސައްކަތް ކުރިއަށް ނުދާތީވެ، އެއްބަސްވުން އުވާލާފައިވީ ނަމަވެސް، އެޑްވާންސްގެ ގޮތުގައި ދޫކޮށްފައިވާ 900،000 ރުފިޔާ އަނބުރާ ކައުންސިލްގެ އިދާރާއަށް ލިބިފައި ނުވުމާއި މަސައްކަތުގެ އަގު 5،000،000 ރުފިޔާއަށް ވުރެން ބޮޑު ނަމަވެސް، ޓެންޑަ ބޯޑަށް ހުށަހަޅައި އެ ބޯޑުގެ ލަފާ ނުހޯދާ ކައުންސިލްގެ އިދާރާގެ ބިޑް ކޮމިޓީން މަސައްކަތް އެވޯޑްކުރަން ނިންމާފައިވުމާއި 25 ފެބްރުއަރީ 2024 ގެ ނިޔަލަށް އެއްވެސް މަސް ޕްލާންޓެއްގެ މަސައްކަތް އެއްކޮށް ނިމިފައި ނުވުން،" އޮޑިޓް ރިޕޯޓުގައިވެ އެވެ.

އޮޑިޓް އޮފީހުން ބުނި ގޮތުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ޓެންޑަ ބޯޑުގެ ހުއްދަ ހޯދުމުގެ ބަދަލުގައި 6.5 މިލިއަން ރުފިޔާއިން ފެށިގެން 27.7 މިލިއަން ރުފިޔާ އާ ދެމެދުގެ ފަސް ޕްރޮޖެކްޓެއް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ބިޑު ކޮމިޓީން އެވޯޑުކޮށްފައިވާ ކަމުގަ އެވެ.

ޓެންޑަ ބޯޑުގެ ހުއްދަ ނުހޯދައި ހަވާލުކޮށްފައިވާ ޕްރޮޖެކްޓްތައް:

  • ހިތަދޫ އަވަށުގައި ގޭދޮށު މަސް ޕްލާންޓް ގާއިމުކުރުން - 9،201،855 ރުފިޔާ
  • މަރަދޫ އަވަށުގައި ގޭދޮށު މަސް ޕްލާންޓް ގާއިމުކުރުން - 27،757،058 ރުފިޔާ
  • ހުޅުމީދޫ އަވަށުގައި ގޭދޮށު މަސް ޕްލާންޓް ގާއިމުކުރުން - 12،613،714 ރުފިޔާ
  • ހިތަދޫ އަވަށުގައި ޓޫރިޒަމް ޒޯނުގެ ލޭންޑް ސްކޭޕިން މަސައްކަތް - 6،579،002 ރުފިޔާ
  • ފޭދޫ އަވަށުގައި ޓޫރިޒަމް ޒޯނުގެ ލޭންޑް ސްކޭޕިން މަސައްކަތް - 6،550،062 ރުފިޔާ

ކައުންސިލްގެ އިދާރާއިން ކުއްޔަށް ދޫކޮށްފައިވާ ބައެއް ބިންތަކުން މާލީ އަހަރުގެ ނިޔަލަށް ލިބެން ޖެހޭ ކުލި ގަވާއިދުން ލިބިފައިނުވާ ކަމުގަ އެވެ. އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ކައުންސިލްގެ އިދާރާއަށް ލިބެން ޖެހޭ ކުލި އަދި ޖޫރިމަނާ ފައިސާގެ ހިސާބެއް ތައްޔާރުކޮށް ބަލަހައްޓާފައި ނުވާ ކަމުގަ އެވެ. އެކަމުގެ ސަބަބުން އެ އިދާރާއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުލިބިހުރީ ކިހާ ފައިސާއެއް ކަމާއި ނުލިބިހުރި ފައިސާ ހޯދުމަށް ގަވާއިދާ އެއްގޮތަށް މަސައްކަތް ކޮށްފައިވާކަން އެނގެން ނެތް ކަމުގަ އެވެ.

އެ ކަންކަމުގެ އިތުރުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާއި އެޓޯލްސް ޑިވެލޮޕްމަންޓް މިނިސްޓްރީ އާ ދެމެދު 2004 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ވެވުނު އެއްބަސްވުމުގެ ދަށުން ހިތަދޫއިން ދޫކޮށްފައިވާ 259،876 އަކަފޫޓުގެ ބިން އެ ފަރާތުން 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ބޭނުން ކުރަމުން ގޮސްފައިވާ ކަމަށެވެ. މަސް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރުމަށް އެ ބިން ދޫކޮށްފައި ވަނީ މަހަކު 25،987 ރުފިޔާގެ ކުއްޔަކަށެވެ.

މިފްކޯ އާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު 2009 ވަނަ އަހަރުގެ އެޕްރީލް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ހަމަވި ނަމަވެސް އެއްބަސްވުން އާކޮށްފައި ނުވާ ކަމަށެވެ. ބިމާ ގުޅިގެން ކުލީގެ ގޮތުގައި 2،961،713 ރުފިޔާ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ލިބެން ޖެހޭ ކަމަށް ކައުންސިލްގެ އިދާރާގެ ލިޔެކިޔުންތަކުން ދެއްކި ނަމަވެސް އެ ފައިސާ ލިބިފައިނުވާކަން އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ.

ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި:

  • ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި އުނިކުރަން ޖެހޭ ފައިސާ އުނިކޮށްފައި ނުވުން
  • ދައުލަތުގެ އާމްދަނީ ފައިސާގެ ގޮތުގައި ބަލައިގެންފައިވާ ފައިސާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރަމުން ގެންގޮސްފައި ނުވުން
  • އައްޑޫ ސިޓީގެ އަވަށްތަކުގެ ބިމާއި ސިޓީ ކައުންސިލްގެ ސަރަހައްދުގެ ތެރޭގައި ހިމެނޭ ރަށްރަށުގެ ބިން ބޭނުންކުރުމާ ބެހޭ ޕްލޭނެއް އެކުލަވާލާފައި ނުވުން
  • ވިޔަފާރީގެ ބޭނުންތަކަށް ކުއްޔަށް ބިން ދޫކުރުމުގައި ގަވާއިދުގައި ބަޔާންކޮށްފައިވާ ރޭޓަށް ވުރެ ކުޑަ ރޭޓެއްގައި ބިން ކުއްޔަށް ދޫކޮށްފައިވުން

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކުރެވުނު ކަންކަމާ ގުޅިގެން އޮޑިޓް އޮފީހުން ވަނީ ކަންކަން އިސްލާކުރަންވީ ގޮތުގެ ލަފާތައް ހިމަނާފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!