ބޯޓުތަކުގެ ފަޅުވެރިން މަޑުކޮށްލައި އަރާމުކޮށްލަން އުލިގަމުގައި ރެސްޓް އޭރިއާއެއް
ބޯޓުތަކުގެ ފަޅުވެރިން މަޑުކޮށްލައި އަރާމުކޮށްލަން ހއ. އުލިގަމުގައި ރެސްޓް އޭރިއާއެއް ގާއިމުކޮށްފިއެވެ.
ސީމަންސް ރެސްޓް އޭރިޔާ" ގެ ނަމުގައި އެމްޕީއެލްއިން ތަރައްގީކުރި ތަން އިއްޔެ ހުޅުވައިދެއްވީ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އެވެ.
މިއީ އިންޓަނޭޝަނަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް އިން އެތެރެވާ އުޅަނދު ފަހަރުގެ ފަޅުވެރިންނަށް، އެ ރަށުގައި މަޑުކޮށް، އަރާމުކޮށްލައި ބައެއް ކުޅިވަރުތައް ކުޅެވޭގޮތަށް ހަދާފައިވާ ތަނެކެވެ.
އުތުރު މެރިޓައިމް ސާވީސް (ޔޫއެމްއެސް)ގެ ހިދުމަތް ހޯދުމަށް އައި ފުރަތަމަ އުޅަނދު އިއްޔެ ހެނދުނު އިހަވަންދިއްޕޮޅުގައި ބަނދަރުކުރި އިރު އެ ބޯޓުގެ ފަޅުވެރިން ވަނީ އެ ރެސްޓް އޭރިއާގައި މަޑުކޮށްފަ އެވެ.
އިއްޔެ ހެނދުނު އިހަވަންދިއްޕޮޅަށް ބަނދަރުކުރީ ޖިއަން ޖިއޭ ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެކެވެ.
އެ ބޯޓުގެ ފަޅުވެރިންނަށް އުލިގަމުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. ފަޅުވެރިންނަށް މަރުހަބާ ކިޔުމަށް ބޮޑުބެރުގެ ހަރަކާތްތައް ކުރިއަށް ގެންދިޔަ އެވެ. އަދި އުލިގަމުގެ ގިނަ އަދަދެއްގެ ރައްޔިތުންވެސް ފަޅުވެރިންނަށް މަރުހަބާ ކިއުމުގެ ހަރަކާތުގައި ބައިވެރިވި އެވެ.
އުލިގަމަށް ފޭބި އެ ބޯޓުގެ ކެޕްޓަން ވިދާޅުވީ ބޯޓު ދަތުރުކުރުމުގައި އޭނާ ހޭދަކުރި 20 އަހަރުގެ ތެރޭގައި މިހާ ފުރިހަމަ މެހެމާންދާރީއެއް އަދި ދުވަހަކުވެސް ތަޖުރިބާ ނުކުރެވޭ ކަމަށެވެ.
އިހަވަންދިއްޕޮޅަށް ބަނދަރުކުރި އުޅަނދުން ވަނީ ޔޫއެމްއެސްގެ ހިދުމަތުގެ ދަށުން ކްރޫ ޗޭންޖްގެ ހިދުމަތާއި ފެނާއި ސަޕްލައި ކުނި ނައްތާލުން އަދި ބައެއް ސްޕެއަރ ޕާޓްސް ހޯދުމަށް އެދިފަ އެވެ.
އަދި މެއިންޓޭނަންސްގެ ބައެއް މަސައްކަތްތައްވެސް ކުރަންޖެހޭތީ ފަސް ވަރަކަށް ދުވަހު އިހަވަންދިއްޕޮޅުގައި މި އުޅަނދު މަޑުކުރާނެ ކަމަށް ލަފާކުރެވެ އެވެ.
އެމްޕީއެލްގެ ސީއީއޯ ވަޖީހް ވިދާޅުވީ އެ ބޯޓު އިހަވަންދިއްޕޮޅުގައި މަޑުކުރާ ދުވަސްވަރުގައި އެ ސަރަހައްދުގެ ރައްޔިތުންނަށް ވިޔަފާރިގެ އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށާއި މިއީ މެރިޓައިމްގެ ދާއިރާގެ ތަރަގީއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެމްޕީއެލުން ބުނީ އެ އުޅަނދަށް ހިދުމަތް ފޯރުކޮށްދިނުމުގައި އެމްޕީއެލްގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތައްވެސް ބައިވެރިވާނެ ކަމަށެވެ.
އުތުރުގައި މެރިޓައިމްގެ ހިދުމަތްތައް ފެށީ ރާއްޖޭގެ އިގުތިސާދު ސިންދަފާސްކޮށް، މެރިޓައިމްގެ ދާއިރާއިން އިގުތިސާދަށް އިތުރު މަންފާ ހޯދުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްނަގައިގެން ފެށި މަސައްކަތުގެ ތެރެއިން އެވެ.