Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

ބޮޑު މަރާމާތަކަށް ފަހު އާސަހަރާ މިސްކިތް ރަސްމީކޮށް އަލުން ހުޅުވައިފި

ބޮޑު މަރާމާތަކަށް ފަހު އާސަހަރާ މިސްކިތް ރަސްމީކޮށް އަލުން ހުޅުވައިފި

ބޮޑު މަރާމާތަކަށް ފަހު މާލެ އާސަހަރާ މިސްކިތާއި އާސަހަރާ މިއަދު އަލުން ހުޅުވައިފި އެވެ.

މަރާމާތަށް އާސަހަރާ މިސްކިތް ބަންދުކޮށްފައި ހުންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ހޭދަވެފަ އެވެ.

މިސްކިތަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭ ސިޓީ މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލުން ބޭއްވި ރަސްމީ އާންމު ޖަލްސާއެއްގަ އެވެ. މިދިޔަ އަހަރުގެ މެއި މަހު މިސްކިތް އަލުން އިމާރާތް ކުރުމަށް ކުރިން ހުރި މިސްކިތް ބަންދުކުރި އެވެ.

Advertisement
Allied Insurance — Square (box)

މާލެ އާސަހަރާގެ ހިނަވާގެ އާއި މިސްކިތް އަލުން ރަސްމީކޮށް ހުޅުވައިދެއްވާފައި ވަނީ އެކަމަށް ޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހުކުރު ނަމާދުގެ ކުރިން ރައީސް އަދި މާލެ ސިޓީގެ ކުރީގެ މޭޔަރު ރައީސް މުއިއްޒެވެ.

ރަސްމިއްޔާތުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމާއި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝާއި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ބައިވެރިވެވަޑައިގެންނެވި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވަނިކޮށް، މަސައްކަތް ނިންމެވުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން އާޒިމް މަސައްކަތް ފެއްޓެވީ މިދިޔަ ޖެނުއަރީ މަހު ކަމަށެވެ.

މަސައްކަތާ ކުރިން ހަވާލުވި ދެ ކޮންޓްރެކްޓަރުންނަށް ފައިސާ ދިން ނަމަވެސް މަސައްކަތް އެދެވޭ ގޮތެއްގައި ކުރިއަށް ނުދިއުމުގެ ސަބަބުން ކޮންޓްރެކްޓް ބާތިލުކުރަން ޖެހުނު ކަމަށެވެ. މަސައްކަތް ދިގުލައި ނިންމޭގޮތް ނުވުމުން އެ މަސައްކަތް ކޮށް ނިންމާފައި ވަނީ އާ ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެންނެވެ.

އިތުރަށް ބުނި ގޮތުގައި އާޒިމްގެ އިސްނެންގެވުމާއި މަސައްކަތުން ވަރަށް ގިނަ ފަރާތްތަކުގެ ދީލަތި އެހީތައް މަސައްކަތަށް ހޯއްދެވި ކަމުގަ އެވެ.

އެގޮތުން އެލިއާ އިންވެސްޓްމަންޓް، އެޕޯލޯ އިންވެސްޓްމަންޓް، ހައިމަން ކޮންސްޓްރަކްޝަން، ބީ6 ކޮންސްޓްރަކްޝަން އަދި ޕްރޯ އޭސީ އިންޖިނިއަރިން ހިމެނެ އެވެ.

މިދިޔަ މަހުގެ ހަ ވަނަ ދުވަހު މިސްކިތުގެ ތިރީބައި ހުޅުވާލައި ބޭނުންކުރަން ވަނީ ފަށާފަ އެވެ.

މިސްކިތުގެ މަސައްކަތް ނިމޭއިރު 3،200 އަކަފޫޓު މިސްކިތަށް އިތުރު ކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން މީގެ ކުރިން ބުނެފައިވެ އެވެ. އަދި އަންހެނުންނަށް ހާއްސަ ނަމާދު ކުރާ ބަޔަކާއި ފާހާނައެއްގެ އިތުރުން ޖަނާޒާތަކަށް އަންނަ ފަރާތްތަކަށް މަޑުކޮށްލެވޭނެ ހާއްސަ ސަރަހައްދެއް ތަރައްގީ ކުރެވޭނެ ކަަމަށެވެ.

އާސަހަރާ މިސްކިތާއި އާސަހަރާ މަރާމާތަށްފަހު އަލުން ހުޅުވުމުން މާލެ ސިޓީގެ މާލެ އާއި ވިލިމާލޭގައި މަރުވާ މީހުންގެ ޖަނާޒާ ބޭއްވުމަށް ހުޅުމާލެއަށް ގެންދިއުމަށް އުފުލަން ޖެހުނު ތަކުލީފުތަކަށް ނިމުމެއް އަންނާނެކަން ވެސް ސިޓީ ކައުންސިލުން ފާހަގަކުރެ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް