ޚަބަރު ސަރުކާރު

އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބިނާކުރަން އައުޓްރީޗް ޕްރޮގްރާމެއް ފަށަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބިނާކުރަން އައުޓްރީޗް ޕްރޮގްރާމެއް ފެށުމަށް ވަނީ ނިންމާފައި / ފޮޓޯ:ހަޔަ އެޑިއުކޭޝަން މިނިސްޓްރީ

އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބިނާކުރުމަށް ވޯލްޑް ބޭންކުގެ އެހީގައި ހަޔަ އެޑިއުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީން ތަންފީޒުކުރާ "ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބަ ސާވިސަސް" (ސެއިލްސް) ޕްރޮޖެކްޓުގެ އައުޓްރީޗް ޕްރޮގްރާމް އަންނަ ހަފުތާގައި ފަށަން ނިންމައިފި އެވެ.

Ads by STELCO

އައުޓްރީޗް ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައި ވަނީ ލ. އަތޮޅުންނެވެ. އެގޮތުން އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް އެ އަތޮޅު ހިތަދޫ، ފޮނަދޫ އަދި ގަމަށް ސެއިލްސް އާއި ނޭޝަނަލް ކެރިއާސް ސާވިސް (އެންސީއެސް) ގެ ޓީމެއް ދަތުރު ކުރުމަށް ވަނީ ރާވާފަ އެވެ.

އަތޮޅުތެރެއަށް ކުރާ އެ ދަތުރުތަކުގައި ރަށްތަކުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ޒުވާނުންނާއި ވިޔަފާރިވެރިން އަދި އަމިއްލަ ޖަމިއްޔާތަކާ ބައްދަލުކޮށް ސެއިސްލް ޕްރޮޖެކްޓުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމުތަކުގެ މައުލޫމާތު ފޯރުކޮށްދޭނެ އެވެ.

އަދި އެންސީއެސްގެ ހިދުމަތްތަކުގެ މައުލޫމަތު ފޯރުކޮށްދީ އެންސީއެސް ޕޯޓަލްއަށް އަހުލުވެރިކޮށް، ވަޒީފާ ހޯދާ ފަރާތްތަކާއި ވިޔަފާރިވެރިން، އެ ޕޯޓަލުގައި ރަޖިސްޓަރީ ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދާނެ އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެންސީއެސްގެ މައިގަނޑު މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކެރިއާ ގައިޑެންސްގެ ހިދުމަތް ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންގެ އިތުރުން ސްކޫލް ނިންމުމަށްފަހު ވަޒީފާގެ ބާޒާރަށް ނުކުންނަން ތައްޔާރުވާ ފަރާތްތަކަށް ވަޒީފާއަދާ ކުރަން ފެށުމަށްފަހު ވެސް ކެރިއާ އެޑްވައިސް ހޯދޭނެ އިންތިޒާމް ފަހިކޮށްދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގެ މަސައްކަތުގެ ބާޒާރުގައި ހަރަކާތްތެރިވާ ދިވެހިންނަށް ވަޒީފާއަށް ބޭނުންވާ މުހިންމު ހުނަރުތައް ދަސްކޮށްދިނުމަށް ސެއިލްސް ޕްރޮޖެކްޓުން ޕްރޮގްރާމުތަކެއް ވަރަށް އަވަހަށް ފެށުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

އިތުރަށް ބުނި ގޮތުގައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާ އަދި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހިން އިތުރު ކުރުމަށާއި އަންހެނުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ބާޒާރުގައި ފުރުސަތުތައް އިތުރު ކުރުމަށް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމުގަ އެވެ.

Ads by Allied Insurance
  1. ބެކްރޯނީ

    ތިޔަ ޕްރޮޖެކްޓް ލޯކަސްލ ކޮންސަލްޓަންޓަކީވެސް މޯލްޑިވްސް އިންސްޓިޓިޔުޓް އޮފް ޓެކްނޮލޮޖީތޯ؟ އެތާނގައުޅޭނޭ ޝަރީފްކިޔާ މީހެއް. ވަރަށް މޮޅުވާނެ ހުރިހާ ދާއިރާއެއްގެ ކޯސްތަކުގެ ކަރިކިޔުލަމް ހަދަން.