ޚަބަރު

ހެއްކަށް ނުފޫޒު ފޯރުވުމުގެ ބިރު އޮތް ކަމަށް ބުނެ މަޑި ދަށުން ވައްކަން ކުރި ބިދޭސީގެ ބަންދު އިތުރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މަޑި ދަށުން ވައްކަންކުރި ޖަހަންގިރު އާލަމް--

ސައިކަލެއްގެ މަޑިދަށުން ހަތަރު ލައްކަ ރުފިޔާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝް ޖަހަންގިރް އާލަމް (45އ) ގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

Ads by STELCO

ބަންދުގެ މަޖިލީހުގައި ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި ސައިކަލްގެ މަޑިދަށުން 442،750ރ. ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ.

އޭނާއާ ދެކޮޅަށް ފުލުހުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ސީސީޓީވީ ފުޓޭޖުގެ ވީޑިއޯ ޝޮޓްތަކާއި، ފައިސާގެ ވެރިފަރާތުގެ ބަޔާނެއް ވެސް ހިމެނެ އެވެ.

ދެ ދިވެހީންނާ ކައިވެނިކޮށް ތިން ކުދިން ވެސް ތިބޭ ޖަހަންގިރުގެ ބަންދުގެ މުއްދަތު މީގެ ކުރިން ދެތިން ފަހަރު އިތުރުކޮށްފައިވާ އިރު މިއީ ވިޔަފާރިއެއްގެ މައްސަލައެއްގައި އޭނާ 'ފްރޭމް'ކުރުމަށް ކޮށްފައިވާ ކަމެއް ކަމަށް އޭނާ ދަނީ ބުނަމުން ނެވެ.

ކްރިިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައި ބުނީ ޖަހަންގިރު ބަންދުން ދޫކޮށްލައިފިނަމަ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އަދި ޖަހަންގިރުގެ ދިފާއުގައި ހެކިބަސް ދޭންތިބި މީހުންނަކީ އޭނާއާ ގާތް އަދި ނުފޫޒު ފޯރުވޭފަދަ ބައެއް ކަމަށްވެސް ބަންދު އަމުރުގައި ބުނެފައިވެ އެވެ.

ހަމަ އެހެންމެ ވައްކަން ކޮށްގެން ނެތި ފައިސާ އެ މީހުން ގެއަކަށް ވައްދާ ކަމަށް ވެސް ފުލުހުން ބުނެފައިވާ ކަމަށް ބަންދު އަމުރުގައި ބުނެފައިވެ އެވެ.

އެހެންކަމުން ޖަހަންގިރު އިތުރު ފަސް ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ނެރެފަ އެވެ.

Ads by Allied Insurance