ޚަބަރު

މަގުމަތިން ދިޔަ މީހެއްގެ ފޯނު ޖަހައިގަތް މީހަކު 4 މަހަށް ޖަލަށްލައިފި 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ކްރިމިނަލް ކޯޓު/ ފޮޓޯ:ދެން

މަގުމަތިން ދިޔަ އަންހެނެއްގެ ފޯނު ޖަހައިގެން މީހަކު 4 މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

Ads by MWSC

އެ މައްސަލާގައި ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފައިވަނީ ހއ. ކެލާ, މުހައްމަދު ހިސާމްގެ މައްޗަށެވެ.

ޖެނުއަރީ 2, 2021 ގެ ރޭ 8 ޖަހާ ހާއިރު އެންސީއައިޓީ ކައިރީގައި ހިނގި އެ ހާދިސާއާ ގުޅިގެން ހިސާމްގެ އިތުރުން ސައިކަލު ދުއްވި ކަމަށް ތުހުމަތުކުރެވޭ ޅ. ހިންނަވަރު, މުހައްމަދު ސުހާން އަހުމަދުގެ މައްޗަށްވެސް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އުފުލި އެވެ. އެހެންނަމަވެސް ދެ މީހުންވެސް ދައުވާއަށް އިންކާރު ކުރި އެވެ.

ހުކުމުގައި ބުނެފައިވަނީ އެ ފޯނަކީ އައިފޯން 7 ފްލަސްއެއް ކަމަށެވެ. އަންހެން މީހާ ޝަރީއަތުގައި ބުނެފައިވަނީ ފޯނު ޖަހައިގަތީ ސައިކަލުގެ ފަހަތުގައި އިން ހިސާމް ކަމަށެވެ.

ފުލުހުންގެ ތަހުގީގުގައި ސުވާލުކުރުމުން ސުހާން ބުނީ އެ ފޯނުވީ ހިސާމް އަތުގައި ކަމަށެވެ. އަދި ހިސާމް އާ ސުވާލުކުރުމުން ފޯނު ވީ މާވެޔޮ މަގުގައި ހުންނަ ފިހާރައެއްގައި ކަމަށް ބުނި ކަމަށް ފުލުހުން ހެކިބަސް ދީފައިވެ އެވެ.

ފުލުހުން ހެކިބަސް ދެމުން ބުނީ އެ ފިހާރަ ކައިރިއަށް ދިއުމުން ހިސާމް ފިހާރައިން ފޯނު ނަގައިގެން ގެނެސް ފުލުހުންނާ ހަވާލުކުރި ކަމަށެވެ.

މި މައްސަލާގައި ހިސާމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅި ނަމަވެސް އެކަށީގެންވާ މިންވަރަށް ހެކިނެތި ސުހާންގެ މައްޗަށް އެ ކުށް ސާބިތު ނުވާ ކަމަށް ކަނޑައެޅި އެވެ.

އެ ކުށުގެ އަސާސީ އަދަަބަކީ 9 މަހާއި 18 ދުވަހަށް ޖަލަށްލުން ކަމަށްވާއިރު މިދިޔަ ދެ އަހަރުގެ ތެރޭގައި މި ބާވަތުގެ ކުށެއް ހިސާމް ކޮށްފައިވާކަން ކުށުގެ ރެކޯޑުން އެނގޭތީ އެއް ދަރަޖަ މަތިވެ އެވެ އަދި ޑްރަގް ކޯޓަށް ހުށަހެޅުނު ޑައިމޯފިން ބޭނުންކުރުމުގެ ދައުވާ ސާބިތުވާ ކަމަށް އެ ކޯޓުން ޖަނަވަރީ 26, 2017 ގައި ހުކުމްކޮށްފައިވާތީ އަދަބުގެ މިންވަރު އެއް ދަރަޖަ އިތުރުވެ އެވެ.

އެހެންކަަމުން ދެ ދަރަޖަ މަތިކުރުމުން 1 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށްލުމުގެ އަދަބެއް ހިސާމްގެ މައްޗަށް އަންނާނެ އެވެ. އެހެންނަމަވެސް އެ ފޯނު ދައުވާ ލިބޭ ފަރާތަށް ރައްދުކޮށްފައިވާއިރު އެ ފޯނަށް ގެއްލުމެއް ލިބިފައި ނުވާތީ އަދަބު ކަނޑައެޅުމުގައި އަމަލުކުރާ އުސޫލުން, ފަނޑިޔާރުންނަށް ލިބިދޭ އިހުތިޔާރުގެ ދަށުން އަދަބުން 2 ދަރަޖަ ލުޔެއް ދިނުމަށް މައްސަލަ ބެއްލެވި ގާޒީ, އިސްމާއީލް ޝަފީއު ނިންމެވި އެވެ.

ޖަލު އަދަބު ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްދިނުމަށް ހިސާމް އެދުނު ނަމަވެސް އެ ފައިސާ ދެެއްކޭނެކަން އެނގޭނެ ލިޔުމެއް ހުށަހަޅާފައިނުވާތީ އެކަން ކޮށްނުދެވޭނެ ކަމަށް ޝަރީއަތުން ފާހަގަކުރި އެވެ. އެހެންކަމުން ގޭ ބަންދުގެ އަދަބަކަށް ހިސާމް އެދުނެވެ.

ދައުލަތުން ބުނީ އެއީ ޖިނާޔަތުގެ ކުށަކަށްވާތީ ޖަލު އަދަބު, އެއްކޮށް ގޭ ބަންދަކަށް ބަދަލެއް ނުކުރެވޭނެ ކަމަށާއި ބަންދުގެ ވަކި މިނަވްރެއް ބަދަލުކުރުމުގައި އިއުތިރާޒެއް ނެތް ކަމަށެވެ.

ހިސާމްގެ މައްޗަށް ކަނޑައެޅުނު 9 މަހާއި 18 ދުވަހުގެ ޖަލު އަދަބުގެ ތެެރެއިން އޭނާ ތަންފީޒުކުރަން ޖެހޭ ޖަލު އަދަބަކީ 4 މަހާއި 18 ދުވަސް ކަމަށް ހުކުމުގައި ބުނެ އެވެ. އަދި ބާކީ 5 މަސް ދުވަހުގެ ޖަލު އަދަބު ގޭ ބަންދުގެ އަދަބަކަށް ބަދަލުކޮށް އޭނާ ތަންފީޒުކުރަން ޖެހޭ ގޭ ބަންދުގެ އަދަބަކީ 10 މަސް ކަމަށް ހުކުމްކުރި އެވެ.