Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ދަރަނީ މައްސަލަ ހައްލުކުރަން އިންޑިއާގެ އެހީ ލިބޭނެކަން ޔަގީން: ރައީސް 

ދަރަނީ މައްސަލަ ހައްލުކުރަން އިންޑިއާގެ އެހީ ލިބޭނެކަން ޔަގީން: ރައީސް 

ރާއްޖެއިން ކުރިމަތިލާން ޖެހިފައިވާ އިގްތިސޯދީ ކާރިސާއިން އަރައިގަތުމަށް އިންޑިއާގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީން އޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާގެ "ބީބީސީ" ނިއުސްއަށް ދެއްކި އިންޓަވިިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު އިންޑިއާއަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށާއި އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއް ކަމަށެވެ.

ރާއްޖެއިން ކުރިމަތިލާން ޖެހޭ ގޮންޖެހުންތަކަށް ހައްލު ހޯދައިދޭން އިންޑިއާއިން އަބަދުވެސް ތައްޔާރަށް ތިބޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

Advertisement
Allied Insurance — Square (box)

ރާއްޖޭގެ ދަރަނި ނުދެއްކުމުގެ ބިރު އޮތް ކަމަށް ބަލާ ކްރެޑިޓް ރޭޓިން އެޖެންސީ, މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ވަނީ ދައްކޮށްފަ އެވެ.

އެ އިންޓަވިއުގައި މުއިއްޒު ވިދާޅުވީ ދަރަނި ނުދެއްކޭނެ ފަދަ ހާލަތެއް މެދުވެރިވެފައި ނުވާ ކަމަށާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އެހީގެ ޕްރޮގުރާމްގައި ބައިވެރިނުވާނެ ކަމަށެވެ.

ބީބީސީއިން ބުނެފައިވަނީ ރައީސް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެތައް ސަތޭކަ މިލިއަން ޑޮލަރުގެ އެހީތެރިކަން ހޯދުމަށް ކުރަމުންގެންދަވާ ދަތުރުފުޅެއްކަން ބެލެވޭ ކަމަށެވެ. އަދި ރާއްޖޭގެ ބޭރުގެ ފައިސާގެ ރިޒާމް ހުރީ 440 މިލިއަން ޑޮލަރުގައި ކަމަށްވާއިރު އެއީ އެންމެ ދޮޅު މަސް ދުވަހުގެ އިމްޕޯޓަށް ބޭނުންވާ މިންވަރު ކަމަށް ވެސް ބީބީސީއިން ބުނެފައިވެ އެވެ.

މުއިއްޒު ވިދާޅުވީ ރާއްޖެއާއި އިންޑިއާ ދެމެދު މައްސަލަތައް ހައްލުކޮށް, ދެ ގައުމުގެ މުހިއްމު ކަންކަމަށް އިސްކަން ދޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން މިއަދު އިންޑިއާއަށް ފުރާވަޑައިގެންފައިވާއިރު އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހެވެ.

ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޫޕަދީ އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ، އަދި އެ ގައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ބައްދަލު ކުރެއްވުންތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މީގެ ކުރިން ވިދާޅުވި އެވެ.

ރައީސްގެ ދަތުރުފުޅާ ގުޅޭގޮތުން އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ބުނެފައި ވަނީ 'ސްޓޭޓް ވިޒިޓް' ގައި ވެރިރަށް ދިއްލީ އަދި އިންޑިއާގެ ވިޔަފާރީގެ ހަބް މުމްބާއީގެ އިތުރުން އައިޓީގެ ހަބް ބެންގަލޫރަށް ވަޑައިގަންނަވާނެ ކަމަށެވެ.

 

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް