ޚަބަރު

މަސްތުވާތަކެތި ގަތުމަށް ލާރި ހޯދަން މަންމައަށް ބިރު ދެއްކި މީހަކު 7 މަހަށް ޖަލަށްލައިފި 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ކްރިމިނަލް ކޯޓު/ ފޮޓޯ:ދެން

މަސްތުވާތަކެތި ގަތުމަށް ލާރި ހޯދަން މަންމައަށް ބިރު ދެއްކި މީހަކު 7 މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

Ads by STELCO

އެ މައްސަލާގައި އިއްޔެ ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ސ. ހިތަދޫ, ދޮންދުބުރިގެ މުހައްމަދު އާމިރުގެ މައްޗަށެވެ.

އާމިރުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކުރިއިރު އޭގެ ތެރޭގައި ހިމެނެނީ މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދައުވާއާއި ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވުމުގެ ކުށުގެ ދައުވާ އެވެ.

ފެބްރުއަރީ 2022, 22ވަނަ ދުވަހު މެޖިސްޓްރޭޓް ކޯޓަކުން ރައްކާތެރިކުރުމުގެ އަމުރެއް ނެރެފައިވަނީ އާމިރުގެ މަންމައާއި ދޮންބައްޕައަށް ބަހުގެ ހަމަލާ ނުދިނުމަށާއި އިންޒާރުދީ ބިރު ނުދެއްކުމަށާއި ހަޑިހުތުރުބަހުން ވާހަކަ ނުދެއްކުމަށާއި މަސްތުވާތަކެތި ބޭނުންކުރުމަށް ފައިސާ ނުހޯދުމަށާއި ގޭގައި ހުންނަ މުދަލަށް ގެއްލުން ނުދިނުމަށުގެ އިތުރުން ގެއްލުން ދީފާނެ ކަމުގެ ބިރުނުދެއްކުމަށް އަމުރުކޮށެވެ.

އޭގެ އިތުރުން އެ ދެ މީހުންނަށް ޖިސްމާނީ ގޮތުން އެއްވެސް އަނިޔާއެއް ނުދިނުމަށާއި އެ ފަދަ އަނިޔާއެއް ދީފާނެކަމުގެ ބިރު ނުދެއްކުމާއި ނަފްސާނީ އަނިޔާ ނުކުރުމަށް ވެސް އާމިރުގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.

އެހެންނަމަވެސް އޭޕްރީލް, 15, 2022 ގެ ރޭ 7:45 ހާއިރު މަންމަގެ އަތުން ފައިސާ ހޯދަން މަސައްކަތްކޮށް ފައިސާ ނުލިބުމުން ގޭގެ ކައްކާ ބައިގައި ހުރި މިކްސަރު ތަށިގަނޑު ހަލާކުކޮށް, ރޮށިލާ ތަށީގެ މަތިގަނޑު ފަޅާލައިފައިވާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން ކުރި ދެ ދައުވާއަށް އާމިރު އިއުތިރާފުވި އެވެ.

ހުކުމުގައި ބުނެފައިވަނީ ހުށަަހެޅި ލިޔުންތަކުން އާމިރުގެ އޭނާގެ މަންމައާއި ދޮންބައްޕައަށް ތަކުރާރުކޮށް ގެވެށި އަނިޔާ ކޮށްފައިވާކަން އެނގޭ ކަމަށެވެ. އަދި އެކި ދުވަސްމަތިން ބިރުދެއްކުމުގެ އަމަލުތައް ތަކުރާރުވުމުގެ ސަބަބުން މުޅި އާއިލާ ބިރުވެރިކަމެއްގެ ތެރޭގައި އުޅެންޖެހިފައިވާކަންވެސް އެނގޭ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

މަސްތުވާތަކެތި ގަތުމަށް ލާރި ހޯދުމަށް ބިރު ދައްކައި އުޅެނީ އާމިރުގެ މަންމައަށް ކަން ހުކުމުން އެނގެ އެވެ.

ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވުމުގެ ކުށުގެ ދައުވާގެ އަދަބަކީ ހަ މަހަށް ޖަލަށްލުން ނުވަތަ 15,000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ. ބަންދުގައި ހޭދަކުރި 8 ދުވަސް އުނިކޮށް އެ ދައުވާއާ ގުޅިގެން އާމިރު ތަންފީޒުކުރަން ޖެހޭ ހުކުމަކީ 5 މަހާއި 22 ދުވަސް ކަމަށް ކަނޑައަޅާ ހުކުމްކުރި އެވެ.

އޭގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ އަދަބަކީ 1 މަހާއި 6 ދުވަހަށް ޖަލަށްލުން ކަމަށްވާއިރު އެއީ ޖުނަހްގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ. އެހެންކަމުން ކުށްކުރި ތާރީހުން ފެށިގެން ފާއިތުވި 6 އަހަރު ދުވަހުގެ ތެރޭގައި ޖިނާޔައަތުގެ ކުށެއް ސާބިތުވެއްޖެ ނަމަ އަދަބުގެ އެއް ދަރަޖަ މަތިވާނެ އެވެ.

އާމިރުގެ ކުށުގެ ރެކޯޑަށް ބަލާއިރު އޮގަސްޓް 22, 2017 ގައި ޑްރަގް ކޯޓުގެ ފަރުވާއިން ވަކިކޮށް, ފުރަތަމަ ހުކުމް ތަންފީޒުކުރުމަށް އަމުރުކޮށްފައިވާކަން އެނގޭތީ އެއް ދަރަޖަ މަތިވި ނަމަވެސް އިއުތިރާފުވެފައިވާތީ އެއް ދަރަޖަ ދަށްވާނެ އެވެ. އެހެންކަމުން އެ ދައުވާއާ ގުޅިގެން އާމިރު ތަންފީޒުކުރަން ޖެހޭ އަދަބަކަށް އިތުރު ބަދަލެއް ނާދެ އެވެ.

އެ ދެ ދައުވާއާ ގުޅިގެން އާމިރުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވަނީ 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ.