އެ ކޮމިޝަނުގެ ވިސްނުން ހުރީ އިންތިހާބުތަކާ ބެހޭ ހުރިހާ ގާނޫނެއް އެއްކޮށްލުމަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
އިންތިހާބުތަކާ ގުޅުންހުރި ކަންކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފުވާދު ވިދާޅުވީ އާންމު ރައްޔިތުންނަށް ވެސް ބައެއް ފަހަރު އޮޅުންއަރާތަން އަންނަ ކަމަށެވެ.
"އެއް ގާނޫނެއްގައި ބުނާ ގޮތުން ވެއްޖިއްޔާ އިންތިހާބަކަށް ކުރިމަތިލުމަށް މިސާލަކަށްދޭ މުއްދަތު، ތަފާތުވެދާނެ އަނެއް ގާނޫނެއްގައި އެހެން އިންތިހާބަކަށް ކުރިމަތިލާން ދެވޭ މުއްދަތާ. ނޫނިއްޔާ ކެމްޕެއިން ކުރުމަށް ދެވޭ މުއްދަތު،" ފުވާދު ވިދާޅުވި އެވެ.
އެފަދަ ހުރިހާ ކަމަކަށް ވެސް އޮންނަނީ އެއްކަހަލަ ކަންތައްތަކެއް ކަމަށެވެ. އެ ކަންކަން އެއްވަރަކަށް ހުރުމުން ރައްޔިތުންނަށް ފަސޭހަވާނެ ކަމަށެވެ. މިސާލެއްގެ ގޮތުން ދެއްކެވީ އިންތިހާބަށް އިއުލާނުކުރާ މުއްދަތެވެ. އިންތިހާބުތައް ބޭއްވުމުގެ ދެ މަސް ދުވަހުގެ ކުރިން އިއުލާނު ކުރެވިދާނެ ކަމަށެވެ.
"އެއްބައި އެއްޗިހީގައި އޮންނަ ގޮތުން 45 ދުވަހުގެ ތެރޭގައި ކުރެވިއްޖެއްޔާ އެކަން ކުރެވިދާނެ. އަނެއް ބައި ކަމެއްގައި 60 ދުވަސް އެބައޮވޭ. އެެހެންވީމާ އެއްގޮަތަކަށް ހަދައިފިއްޔާ ރައްޔިތުންނަށް އޮޅުންއެރުން ކުޑަވާނެ،" ފުވާދު ވިދާޅުވި އެވެ.
އެކަން ކުރުމުގައި "ޔުނިފޯމިޓީ" ހުރެއްޖެ ނަމަ، އިލެކްޝަންސް ކޮމިޝަނަށް އެއް ހަމައަކުން ކަންތައްތައް ކުރުމަށް ފަސޭހަވާނެ ކަމަށެވެ. އީސީގެ ރައީސް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބާ ބެހޭ ގާނޫނުގައި ހުންނަ ވަރަށް ގިނަ ކަންކަން ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ގާނޫނުގައި ވެސް ހުންނަ ކަމުގަ އެވެ. އެގޮތަށް ތަކުރާރުވާ ގޮތަށް ހުންނަ ބައިތައް ތަކުރާރު ނުވާ ނަމަ ރައްޔިތުންނަށާއި އެ ކޮމިޝަނަށާ އަދި ކަމާ ގުޅުންހުރި މުއައްސަސާތަކަށް ފަސޭހަވާނެ ކަމުގަ އެވެ.
އީސީގެ ވިސްނުން ހުރީ އިންތިހާބުތަކާ ބެހޭ ހުރިހާ ގާނޫނެއް އެއްކޮށްލުމަށް ކަމުގައިކަން ފާހަގަކުރެއްވި އެވެ. ކަމަކީ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ހިޔާލު ކުރެވެމުން އަންނަ އަދި ގާނޫނީ ބޭފުޅުންނާ އެކު މަޝްވަރާ ކުރެވެމުންދާ ކަމެއް ކަމުގައި ވިދާޅުވި އެވެ.