ޚަބަރު

އައިޖީއެމްއެޗްގެ މާބަނޑު މުވައްޒަފުންނަށް ފްލެކްސް ޑިއުޓީ ހެދޭ ގޮތަށް ބަދަލުކޮށްފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
އައިޖީއެމްއެޗް ހޮސްޕިޓަލް/ ފޮޓޯ: ދން

އިންދިރާ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މަސައްކަތް ކުރާ މާބަނޑު މުވައްޒަފުންނާއި ޅަދަރިމައިންނަށް ފްލެކްސިބަލް ޑިއުޓީ ހަމަޖައްސައި ދިނުމުގައި އުސޫލަށް ކުރިއާ އެއްގޮތައް އަމަލުކުރަން ފަށައިފި އެވެ.

Ads by Hajj Corporation

އައިޖީއެމްއެޗުން އެގޮތަށް ނިންމީ "މާބަނޑު އަންހެނުންނަށާއި ޅަދަރިމައިންނަށް ފްލެކްސިބަލް ޑިއުޓީ ހަމަޖައްސައިދިނުން ހުއްޓާލުމާ ގުޅޭ" ގޮތުން އެ ހޮސްޕިޓަލުން ނެރުނު އިންޓާނަލް މެމޯއާ ގުޅިގެން ކަންބޮޑުވުންތަކެއް ހުރުމުންނެވެ.

އެހެން އެ ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އުސޫލަށް ގެނައި ބަދަލާ ގުޅިގެން ހޮސްޕިޓަލުގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ކުރިއެކޭ އެއް ގޮތަށް އަލުން އެ އުސޫލަށް އަމަލުކުރަން ހޮސްޕިޓަލް މެނޭޖްމަންޓުން ނިންމާފައިވާ ކަމަށެވެ.

އައިޖީއެމްއެޗް އިން އެ އުސޫލު ހަރުދަނާކޮށް، އުސޫލު ބަދަލުކޮށްފައިވަނީ އެ ހޮސްޕިޓަލަކީ 24 ގަޑިއިރު ހިދުމަތްދޭ ސަރުކާރުގެ މައި ހޮސްޕިޓަލުކަމުން މުވައްޒަފުން ޝިޕްޓު ޑިއުޓީ ކުރުކުރުމުން ބަލި މީހުންނަށް އެކަށީގެންވާ ހިދުމަތް ނުދެވޭތީ ކަމަށް ބަޔާނުގައި ބުންޏެވެ.

އެ އުސޫލުގެ ތެރޭގައި ފްލެކްސިބަލް ޑިއުޓީ ބޭނުންވާ މުވައްޒަފުން ހުށަހަޅާ ހާލަތަށް ރިއާޔަތްކޮށް އެ ހާލަތަކާ އެކަށީގެންވާ މުއްދަތަކަށް ފްލެކްސިބަލް ޑިއުޓީ ހަމަޖައްސައިދޭނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

އޭގެ އިތުރުން މި އުސޫލުގައި ހިމެނޭ ކަމަށް އައިޖީއެމްއެޗް އިން ބުނީ ޅަދަރިމައިންނަށް ޝިފްޓް ޑިއުޓީގައި ލުއިވާނެ ގޮތައް ޝިޕްޓް ހަމަޖައްސައި ދިނުމާއި އެ ފަރާތްތަކަށް މަސައްކަތް ލުއި ކުރުމުގެ ގޮތުން، މަސައްކަތް ލުއި ޑިޕާޓްމަންޓަކަށް ވަގުތީ ގޮތުން ބަދަލުވުމަށް އެދޭ ފަރާތްތަކަށް މަސައްކަތައް ދަތި ނުވާހެން ބަދަލުތައް ގެނައުމެވެ.

އައިޖީއެމްއެޗުން ބުނީ ހޮސްޕިޓަލުގެ ހިދުމަތްތަކަށް ދަތި ނުވާނެހެން، މުވައްޒަފުން މަސައްކަތްކުރުމާސް ފަސޭހަވާގޮތް ހަމަޖައްސައި ދިނުމަކީ އަބަދުވެސް އިސްކަމެއްދޭ ކަމެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!