ދިވެހި ސިފައިންނަށް ޑޯނިއާ ބޯޓު ނުދުއްވޭ ސަބަބު އެންމެ ފަހުން ހާމަކުރަން ނިންމައިފި
އިންޑިއާއިން ރާއްޖޭގައި ދުއްވާ ޑޯނިއާ މަތިންދާ ބޯޓުތައް ދިވެހި ސިފައިންނަށް ނުދުއްވޭ ސަބަބު އެންމެ ފަހުން ހާމަކުރަން ނިންމައިފި އެވެ.
ބަލި މީހުން އުފަލަން ރާއްޖޭގައި ދުއްވާ ޑޯނިއާ ބޯޓުތައް ދުއްވަން އެންމެ ކުރިން އުޅުނީ އިންޑިއާގެ ސިފައިން ނެވެ.
ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު އިންޑިއާގެ މަދަނީ މީހުން އެ ބޯޓުތައް ދުއްވަން ވަނީ ފަށައިފަ އެވެ.
ނަމަވެސް މިހާތަނަށް އައިއިރުވެސް އެ ބޯޓުތައް ދުއްވަން ދިވެހި ސިފައިން ތަމްރީން ނުކުރާތީ އޮތީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފަ އެވެ.
އެހެންވެ މައުލޫމާތު ހޯދައި ލިބިގަތުމާއި ބެހޭ ހައްގުގެ ގާނޫނުގެ ދަށުން އެ ބޯޓުތައް ދިވެހި ސިފައިންނަށް ނުދުއްވޭ ގޮތަށް އޮތް ސަބަބު ހޯދަން ރާއްޖޭގެ ނޫސްވެރިއަކު އޮތީ ޑިފެންސް މިނިސްޓްރީއަށް ހުށަހަޅައިފަ އެވެ.
އެ މައްސަލައިގައި އިންފޮމޭޝަން ކޮމިޝަންގެ އޮފީހުން ޑިފެންސްއަށް އެންގީ އެ މައުލޫމާތު ފަސް ދުވަހުގެ ތެރޭގައި ހާމަ ކުރުމަށެވެ. ނަމަވެސް ޑިފެންސުން އެކަން އިސްތިއުނާފް ކުރި އެވެ.
އަކަމަކު އެ މައްސަލަ އިސްތިއުނާފްކުރަން ހުށަހެޅި މައްސަލަ އަނބުރާ ގެންނަން އެޓާނީ ޖެެނެރަލްގެ އޮފީހުގައި އެދިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ވަނީ ބުނެފަ އެވެ.