ޚަބަރު

ވޭޕްއާ ގުޅޭ ތަކެތި މަނާކުރަން މި ހަފްތާ މަޖިލީހަށް ހުށަހަޅަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ބަންޑާރަ ނައިބު އަހުމަދު އުޝާމް

ރާއްޖެއަށް ވޭޕްއާ ގުޅޭ ތަކެތި މަނާކުރަން ގާނޫނުތަކަށް ބަދަލު ގެންނަން މި ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

Ads by MWSC

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން މި އަހަރު 15 ނޮވެމްބަރުން ފެށިގެން މަނާ ކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިއަދު ހަވީރު އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރުން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.

އެ ނިންމުމަށް މަރުހަބާ ކިއުއްވައި އުޝާމް 'އެކްސް' ގައި ވިދާޅުވީ އެއީ ޅަދަރިންނާއި ޒުވާނުން އަދި ގައުމުގެ ހުރިހާ ރައްޔިތުންގެ ހައްގުގައި ރައީސް ނިންމެވި ނިންމެވުމެއް ކަމަށެވެ.

އަދި ރައީސްގެ ނިންމެވުން ތަންފީޒުކުރުމަށްޓަކާ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މިހަފްތާގެ ތެރޭގައި މަޖިލީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އުޝާމް ވިދާޅުވި އެވެ.

"އެގޮތުން ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާއި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ވާނީ ނިންމާފައި." އޭނާ ވިދާޅުވި އެވެ.

Ads by Allied Insurance