ޚަބަރު

ސިނގިރޭޓް އާއި ބިޑީގެ އަގު ބޮޑުކުރަން ނިންމައިފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ/ ރައީސް އޮފީސް

ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓު ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

Ads by Hajj Corporation

"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ އިސްލާހު ގެނައުމަށް މި ހަފްތާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށެވެ.

އެގޮތުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓާ 24 ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް 3 ރުފިޔާއިން 8 ރުފިޔާއަށް މަތިކުރަން ރައީސް ވަނީ ނިންމަވާފަ އެވެ.

ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން އަޅަން ނިންމާފައިވާ އިތުރު ފިޔަވަޅުތައް:

  • އެ މުދަލުން ނެގޭ އެޑްވަލޮރަމް ރޭޓް 50 އިންސައްތަ މަތިކުރުން.
  • އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދަކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުން
  • ދުންފަތުގެ އިސްތިއުމާލުކުރަން އާދަވެފައިވާ ފަރާތްތަކުން އެ އާދައިން ދުރުވެގަތުމަށް އެހީތެރިވުމަށް ގައުމީ ލެވެލްގައި ފަންނީ ގޮތުން ބަލައިގަންނަ ވަށާޖެހޭ ބޮޑު ކެންޕޭނެއް ފެށުން

ރައީސް ވަނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވެފައިވާ މުޖުތަމައަކަށް ދިވެހިރާއްޖެ ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ.

އެ ބަދަލުތައް ގެންނަން ނިންމާފައިވާއިރު ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރުން 2024 އިން ފެށިގެން މަނާ ކުރަން ވެސް ރައީސް ވަނީ ނިންމާފައިވާފަ އެވެ.

Ads by HDC