ޚަބަރު އިޖުތިމާޢީ

ކުޑަކުދިންނަށް ވޭޕް ދީފި ނަމަ 50،000ރ އިން ޖޫރިމަނާ ކުރާ ގޮތަށް ގާނޫނަށް ބަދަލު ގެންނަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

އިލެކްޓްރޯނިކް ސިނގިރެޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިތައް ކުޑަކުދިންނަށް ވިއްކައިފި ނުވަތަ ބަހައިފި ނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ޑްރާފްޓްކޮށްފި އެވެ.

Ads by STELCO

ވޭޕު ކުރުމަށް ބޭނުން ކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރެ ކުރުމާއި ބޭނުން ކުރުމާއި ގެންގުޅުމާއި ވިއްކުމާއި އިޝްތިހާރު ކުރުމާ އަދި ހިލޭ ބެހުން އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާ ކުރުމަށް އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.

އެކަމާ ގުޅިގެން ބަންޑާރަ ނައިބު، އަހުމަދު އުޝާމް ވިދާޅުވެފައިވާ ގޮތުގައި ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް މި ހަފުތާގެ ތެރޭގައި ރައްޔިތުންގެ މަޖިލިހަށް ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމުގަ އެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅަން ނިންމާފައިވާ ބިލު ޑްރާފްޓުކޮށްފައި ވަނީ އީ-ސިނގިރެޓާއި ވޭޕްގެ ވިޔަފާރިކުރާ މީހުންނަށާއި އެތަކެތި އިސްތިއުމާލުކުރާ މީހުންނަށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ފަަދަ ގޮތަކަށެވެ. އެގޮތުން އީ-ސިނގިރެޓާއި ވޭޕް ކުރަން ބޭނުންކުރާ އާލަތްތަކާއި އޭގެ ބައިތައް އަންނަ އަަހަރުގެ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުމަކީ މަނާ ކަމެއް ކަމުގައި ވަނީ ބަޔާންކޮށްފަ އެވެ. އަދި އެޕްރީލް ހަތް ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި އުފެއްދުމާއި ވިއްކުމާއި ހިލޭ ބެހުމާއި ގެންގުޅުމާ އަދި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

އެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތަކުގެ ގޮތުގައި ވަނީ:

  • އީ-ސިނގިރެޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިތައް ބޭނުން ކުރާ މީހުން 5،000 ރުފިޔާއިން ޖޫރިމަނާ ކުރުން
  • އީ-ސިނގިރެޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިތައް ވިއްކައި ނުވަތަ ހިލޭ ބަހައިފި މީހަކު، އެ ވިއްކި ނުވަތަ ހިލޭ ބެހި ކޮންމެ ސްޓިކެއް ނުވަތަ އައިޓަމަކަށް 20،000 ރުފިޔާއިން ޖޫރިމަނާ ކުރުން
  • އީ-ސިނގިރެޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިތައް ކުޑަކުދިންނަށް ވިއްކުން ނުވަތަ ދިނުން މަނާ ކުރުން
  • އީ-ސިނގިރެޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިތައް ކުޑަކުދިންނަށް ވިއްކައިފި ނުވަތަ ބަހައިފި މީހަކު 50،000 ރުފިޔާއިން ޖޫރިމަނާ ކުރުން