ޚަބަރު ސިޔާސީ

އިޒްރޭލް ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް އަވަސްކުރަން ކޮންގްރެސް ޕާޓީން ގޮވާލައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް ނުވަދެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް އަވަސްކުރުމަށް ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އިން ގޮވާލައިފި އެވެ.

Ads by Sosun Fihaara

ވަޒީރުންގެ މަޖިލިހުގެ މަޝްވަރާ އާއި ލަފާގެ މަތިން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް ނުވަދެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވަނީ މިދިޔަ ޖޫން މަހުގެ ދެ ވަނަ ދުވަހު އެވެ.

އެގޮތަށް ނިންމިއިރު، އިޒުރޭލު ޕާސްޕޯޓު މަނާކުރުމާ ގުޅޭގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި ބިލު ބަލައިގަނެ، 241 ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ. އެހެންކަމުން ސަރުކާރުންނާއި ކޮންގްރެސް ޕާޓީން ނިންމީ މީކާއީލް ހުށަހެޅުއްވި ބިލާ އެކު ކުރިއަށް ދިއުމަށެވެ.

ނަމަވެސް އިޒްރޭލް ޕާސްޕޯޓް އޮތް އެންމެނަށް ޖުމުލަ މާނައެއް ދިނުމުގެ ބަދަލުގައި ބިލުގައި އޮތް ގޮތް ބަދަލު ކުރުމާ މެދު ވިސްނައި ދިރާސާ ކުރަން ޖެހޭނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މީގެކުރިން ވިދާޅުވެފައިވެ އެވެ.

ކޮންގްރެސް ޕާޓީން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރައީސް ނިންމެވި ނިންމުމާ އެއްގޮތަށް އިމިގްރޭޝަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ރައްޔިތުންގެ މަޖިލިހުން ވީހާވެސް އަވަހަށް ގެނައުމަކީ އެ ޕާޓީން ތާއީދުކުރާ ކަމެއް ކަމަށެވެ.

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ މެދު ގާޒާ އާއި ހުޅަނގު އައްސޭރީގައި ހިންގަމުންދާ އަނިޔާވެރި އަމަލުތަކުގެ ތެރެއަށް ލުބުނާނުގެ ރައްޔިތުންނަށް ކުރިމަތިކުރަމުންދާ ކެކުޅުމާއި ވޭންތައް އިތުރުކޮށްފައިވާ ކަމަށެވެ. އެ އަމަލުތަކާ މެދު ނުރުހުން ފާޅުކުރުމަށް ރާއްޖެއިން އަޅަން ރައީސް ނިންމަވާފައިވާ ފިޔަވަޅަށް ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.

މަޖިލިހުގައި އޮތް އިމިގްރޭޝަން ގާނޫނު އިސްލާހު ކުރުމުގެ ބިލު ދިރާސާ ކުރުމުގެ މަސައްކަތް އަވަސްކޮށް، ރައްޔިތުންގެ ރޫހާއި ވިންދާ އެއްގޮތަށް ރައީސް ނިންމަވާފައިވާ ނިންމެވުން ހަގީގަތަކަށް ހެދުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރުމަށް ކޮންގްރެސް ޕާޓީގެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.

Ads by HDC