އެއާޕޯޓް ޓެކްސާއި ގްރީން ޓެކްސް ބޮޑުކުރާ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް
ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސްއާއި ގްރީން ޓެކްސް ބޮޑުކުރަން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ މުޅި މަޖިލިސް ކޮމިޓީއަށް ފޮނުވައިފި އެވެ.
އެ ދެ ބިލްވެސް ބަލައިގަތުމަށް ފާސްކޮށްފައިވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި މެންބަަރުންގެ ތެރެއިން 58 މެންބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަތުމަށް ނުފެންނަ ކަމަށް 10 މެންބަރަކު ވޯޓު ދެއްވި އެވެ.
ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ގްރީންޓެކްސް ބޮޑުކުރުމަށް އިސްލާހެއް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ ކޮންގްރެސް މެންބަރު މުސްތަފާ ހުސައިން އެެވެ. އަދި ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ ކޮންގްރެސް މެންބަރު އަސަދުﷲ ޝިހާބެވެ.
ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރަން ހުށަހެޅި އިސްލާހު ފާސްވުމުން އިކޮނޮމިކް ކްލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން ނަގާނީ 50 އެމެރިކާ ޑޮލަރެވެ. އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީން އަތުން ނަގާނީ 120 ޑޮލަރެވެ.
ފަސްޓުކްލާސް ގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީން އަތުން 240 ނަގަން ވަނީ އިސްލާހު ހުށަހަޅާފަ އެވެ. އަދި ޕްރައިވެޓް ޖެޓުން ދަތުރުުކުރާ އެންމެން އަތުން 480 ޑޮލަރު ނެގުމަށް އިސްލާހު ހުށަހަޅާފައިވެ އެވެ.
އޭގެ އިތުރުން ގްރީން ޓެކްސް 50 ޕަސެންޓަށް އިތުރުކުރަން އިސްލާހުގައި ހުށަހަޅާފައިވެ އެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި ޓޫރިސްޓު ގެސްޓު ހައުސްގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެއިން ކޮންމެ މީހަކު އެ ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް 6 ޑޮލަރު ނަގާނެ އެވެ.
އެގޮތަށް އަމަލުކުރަން ފަށާނެ ކަމަށް އިސްލާހުގައި ބުނެފައިވަނީ 1 ޖެނުއަރީ 2025 ގަ އެވެ.