ޚަބަރު

މަޑި ދަށުން ހަތަރު ލައްކަ ނެގި ބިދޭސީ މީހާ ސައިކަލެއް ވަގަށް ނަގައިގެންވެސް ހައްޔަރުކުރި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މަޑި ދަށުން ވައްކަންކުރި ޖަހަންގިރު އާލަމް--

ސައިކަލެއްގެ މަޑިދަށުން 4 ލައްކަ ރުފިޔާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝް ޖަހަންގިރް އާލަމް (45އ) ސައިކަލެއް ވަގަަށް ނަގައިގެން ވެސް ހައްޔަރުކުރިކަން އެނގިއްޖެ އެވެ.

Ads by MWSC

"ދެން" އަށް ކަށަވަރުވެފައިވަ ގޮތުން އެ މައްސަަލައިގައި ޖަހަންގިރު ހައްޔަރުކުރީ މީގެ މަސްތަކެއް ކުރިން ނެވެ.

ނަމަވެސް އެ މައްސަލައި އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވިކަމެއް އެނގިފައެއް ނުވެ އެވެ.

ދެ ދިވެހީންނާ މިހާރު ކައިވެނިކޮށް ތިން ކުދިން ތިބޭ ޖަހަންގިރުއަކީ މާލޭގެ ފިހާރައެއްގައި އާދައިގެ ސޭޓަކަށް ފުރަތަމަ އުޅުނު މީހެކެވެ.

ނަމަވެސް ކުއްލިއަކަށް މުއްސަނދިވެ އޭނާ މިހާރު ދަނީ ހެންވޭރު މޫކައި ހޮޓެލް ކައިރީގައި ދެ ފިހާރަ ވެސް ހިންގަމުން ނެވެ. އަދި މި ފަހުން އޭނާގެ ވިޔަފާރި ވަރަށް ބޮޑަށް އަޑިއަޅާލިކަން ވެސް ވަނީ އެނގިފަ އެވެ.

ޖަހަންގިރު މަޑި ދަށުން ވައްކަންކޮށްގެން ހައްޔަރުކުރީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ. ބަންދުގެ މަޖިލީހުގައި ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި ސައިކަލްގެ މަޑިދަށުން 442،750ރ. ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ.

ޖަހަންގިރުގެ ބަންދަށް ފުލުހުން އިއްޔެ ވަނީ އިތުރު 10 ދުވަސް ޖަހައިފަ އެވެ.